English Edition
Dhivehi Edition
ކާށިދޫ ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓެއް":

ކ. ދިޔަނެރު ފަރަށް އެރި ޓަގާ، ބާޖުގެ ވެރިފަރާތް ވިހި މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު އެރޮން ވަނީ 23 ސެޕްޓެމްބަރު 2023 ގައި ކ. ދިޔަނެރު ފަރަށް އަރާފައިވާ ކަމަށެވެ. އަދި، މި އުޅަނދުތައް 24 ސެޕްޓެމްބަރު 2023 ގައި އެ ފަރުމަތިން ނަގާފައިވާއިރު ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 28 ސެޕްޓެމްބަރު، 2023 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަވެޔަރުންނާއެކު ޖޮއިންޓް ސަވޭއެއް ކުރެވިފައިވާކަމަށެވެ.

މީގެއިތުރަށް އީޕީއޭ އިން ބުނީ މި އުޅަނދުތައް ފަރަށް އެރި ސަރަޙައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވީ ނަމަވެސް، ބާޖު އެރި ސަރަޙައްދަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.. އެހެންކަމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން މި މަހު 3 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވާކަމަށެވެ.

އީޕީއޭ އިން ޖޫރިމަނާގެ އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ ދިވެހިރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި، މި ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތަށް ވަނީ އަންގާފައެވެ.