ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ވެބް ސީރީޒް ހީރާމަންޑީގެ ދެވަނަ ބައެއް އަންނާނެކަމަށް ޑްރާމާގެ ޑައިރެކްޓަރު ބުނެފިއެވެ.
ފިލްމުމޭކާސް އަށް ދިން އިންޓަވިއުއެއްގައި ހީރާމަންޑީގެ ދެވަނަ ބައެއް އަންނަނޭކަމަށް ބަންސާލީ އިއުލާންކޮށްފައިވާއިރު މި ސީރީޒް ބެލުންތެރިންނަށް ދޫކޮށްލާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ވެބް ސިީރީޒް “ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު” ނެޓް ފިލްކްސްއަށް ދޫކޮށްލުމާއެކު މި ސީރީޒް އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، އަދީތީ ރާއޯ ހައިދާރީ، ޝަރުމީން ސެގަލް، ސަންޖީދާ ޝެއިޚް، ރިޗާ ޗާދާ، ތާހާ ޝާހް ބަދުޝާ، އަދްޔާޔަން ސުމާން، ފަރުދީން ޚާން، ޝެކަރް ސުމާން، ޖަޔަތީ ބާޓިއާ، އަދި ޝްރޫތީ ޝަރްމާ ފަދަ ތަރިންގެ މޮޅު ހުނަރުވަނީ ފެނިގެން ގޮސްފައެވެ.
މި ފިލްމުގައި ދައްކުވައިދެނީ 1940ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާ ޕާކިސްތާނު ވަކިވުމުގެ ކުރިން އިންޑިއާ އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރު ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ‘ނަވާބުންނާ’ އަދި އެ ސަރަހައްދުގައި އުޅުނު ޖާރިޔާއިންގެ ވާހަކައެވެ.
ހީރާމަންޑީގެ ދެވަނަ ބައިގައިވެސް ޝައުގުވެރި އެތައް ވާހަކައެއް ފެނިގެންދާނެކަމަށް ބަންސާލީ ބުނެފައިވާއިރު އެ ސީރީޒްގައި ތަވާފުން ހީރާމަންޑީއިން ނިކުމެ، ކޮލްކަތާ އާއި މުމްބާއީގެ ފިލްމީ ދާއިރާގައި މުސްތަގުބަލެއް އުފައްދާތަން ފެންނާނެއެވެ. އެމީހުން ނަށާ، ލަވަކިޔާ ތަން ފެންނާނެއެވެ. އެހެން ނަމަވެސް މިފަހަރު އެމީހުން ނަށާ ލަވަކިޔާ ހަދަނީ ނަވާބުންނަށްޓަކައެއް ނޫނެވެ، ފިލްމުގެ ޕްރޮޑިއުސަރުންނަށެވެ. އެ ދަތުރަކީ ހަމަގައިމުވެސް ފޯރިގަދަ، ޝައުގުވެރި ކަންތައްތަކެއް ފެނިގެންދާނެ ދަތުރަކަށްވެގެން ދާނެކަން ޔަގީނެވެ.
މިފަހަރުގެ ސީރީޒްގައި ހިމެނޭ ކާސްޓުން އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ފުރަތަމަ ސީޒަން ނިމުނުއިރު ދިރިހުރި ކޮންމެ މީހެއްގެ މައްޗަށް ބިނާކޮށް މިފަހަރުވެސް ވާހަކައެއް ގެނެސްދޭނެއެވެ. އެގޮތުން ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރާލާ، ޝަރްމީން ސެގަލް، ސަންޖީދާ ޝެއިޚް، އަދްޔާޔަން ސުމާން، ފަރުދީން ޚާން އަކީ ސަންޖޭ ލީލާ ބަންސާލީގެ ސީކުއެލް އަށް އެނބުރި އައުން އެކަށީގެންވާ ބައެއް ކާސްޓުންނެވެ.