English Edition
Dhivehi Edition

މިމަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިމަހު ލިބުނު ކަރަންޓު ބިލުތައް ބޮޑުވެގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާ އުފުލަމުން ދިއުމާއި ގުޅިގެން އެކަމަށް ރައްދުދީ ސްޓެލްކޯއިން ބުނީ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަަމަށެވެ.

މީގެ ކުރިން އެންމެ ހޫނުގަދަ މަސްމަހު ކަރަންޓު ބިލުތަކަށް ނާރާވަރަށް މިމަހުގެ ކަރަންޓު ބިލްތަކަށް އެރި އަދަދު ބޮޑުކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ވެސް ވަނީ ހިއްސާކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން އެކުންފުންޏަށްވެސް ފާހަގަކުރެވިފައިވާ ކަމަށާއި ބިލުތައް ބޮޑުވީ އެ ސަބަބާއި ހުރެކަމަށެވެ.

މިދިޔަ ތިން ހަފްތާއެއްހާ ދުވަހު މުޅި ރާއްޖޭގެއަށް އެކީ ކަހަލަ ގޮތަކަށް މޫސުން ގޯސްވެ، ވިއްސާރަ އެވެ. އާންމުކޮށް ބިލުތައް ބޮޑުވަނީ ހޫނުގަދަ ދުވަސްވަރުކަމަށް ސްޓެލްކޯއިން ބުނާތީ އާންމުން ވަނީ މިމަހުގެ ކަރަންޓު ބިލާއިމެދު ސުވާލު އުފައްދައިފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ކަރަންޓު އެއްވެސް ވަރަކަށް ބޭނުން ނުކުރާ ތަންތަނަށްވެސް ބޮޑެތި ބިލުތައް ފޮނުވާފައިވާ ކަަމަށެވެ.

މިކަމަށް ރައްދުދެއްވާ ސްޓެލްކޯއިން ބުނީ މިމަހު ފޮނުވި ކަރަންޓު ބިލުގައި ހިމަނާފައިވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރުގެ ރީޑިން ނޫންކަމަށެވެ. އަދި 45000 އެއްހާ ކަސްޓަމަރުންނަށް ހަމައެކަނި މާލެ ސަރަހައްދުގައި ހިދުމަތް ދޭއިރު ދުވަހުން ދުވަހަށް ރީޑިން ނަގާފައި ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ކަރަންޓު ބިލުތައް ފޮނުވަނީ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.