ދުނިޔޭގެ ކޮންމެ ދިމާއަކަށް ބަލައިލިނަމަވެސް ފެންނަނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ވާން ބޭނުން މީހުން ކަމަށާއި ނަމަވެސް އޭގެން އެއްވެސް މީހެއްގެ ކިބައިގައި ރަނގަޅު އަޚލާގެއް ނެތް ކަމަށް އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯބުނެފިއެވެ.
ނިމިގެން ދިޔަ ސީޒަނުގައި ސައުދީ ލީގުގައި، އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ހެދި ރެކޯޑާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މީޑިއާއަކަކަށް ދިން ބަސްދީގަތުމެއްގައި ރޮނާލްޑޯ ބުނީ އޭނާ ނަމޫނާއަކަށް ބަލައިގެން އެފަދަ ކުޅުންތެރިއަކަށް ވާން ބޭނުންވާ އެތައް މިލިއަން މީހުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިބިކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ބުރަމަސައްކަތާއި އެކު ރަނގަޅު އަޚުލާގެއްވެސް ހުރެގެންކަމަށާއި ނަމަވެސް އެފަދަ އަޚުލާގެއް އޭގެން އެއްވެސް މީހެއްގެ ކިބައިގައި ނެތްކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
މީގެ އިތުރުން ރޮނާލްޑޯ ބުނީ ކާމިޔާބީ ހާސިލަވުމަކީ ހަމަ އެކަނި ބުރަމަސައްކަތް ކުރުމުން ލިބޭނޭ އެއްޗެއް ނޫން ކަމަށާއި ރަނގަޅު އަޚުލާގެއް ވެސް އެފަދަ މީހުންގެ ކިބައިގައި ހުންނަން ޖެހޭނޭކަމަށެވެ.
ރޮނާލްޑޯ ބުނީ ފަހަކަށް އައިސް ޔޫރަޕާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހުނަރުވެރި މޮޅު ކުޅުންތެރިން ފެންނަމުން ދާކަމަށާއި ނަމަވެސް އެ ކުޅުންތެރިންނަށް އެއްފެންވަރެއްގައި ހިފަހައްޓާ ނުލެވި ވަކި ހިސާބަކުން ގެއްލޭކަމަށެވެ. އޭގެ ސަބަބެއްކަމުގައި ރޮނާލްޑޯ ބުނީ އެކަމުގެ އަސްލަކީ ވެސް ރަނގަޅު އަޚްލާގު ނެތުމުގެ އިތުރުން ކާމިޔާބީއަށް ބުރަ މަސައްކަތް ކުރާހައި ހިތްވަރު ނެތުންކަމަށެވެ.
” ކޮންމެ މީހަކުވެސް ބޭނުންވަނީ އަހަރެންފަދަ މޮޅު ކުޅުންތެރިއަކަށް ވާން. އެހެން ނަމަވެސް އޭގެން އެއްވެސް މީހެއްގެ ކިބައިގައި ރަނގަޅު އަޚްލާގެއް ނުހުރޭ. އެހެންވުމުން ފުޓްބޯޅައިގައި ކާމިޔާބެއް ނުހޯދޭނެ.” ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯ އަކީ ނިމިގެން ދިޔަ ސައުދީ ޕްރޮލީގު ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހާސިލް ކުރި ކުޅުންތެރިޔާއެވެ. މީގެ އިތުރުން ސައުދީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ރޮނާލްޑޯ ވަނީ ހާސިލްކޮށްފައެވެ.