English Edition
Dhivehi Edition

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ އޮފީހެއް ހުޅުދޫ ނުވަތަ މީދޫގައި ހުޅުވުމަށް، މީރާގައި ދެންނެވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ

ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ 29 ވަނަ ރަސްމީ ޖަލްސާގައި ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. ކައުންސިލަރ ޝުކުރީ ހުށަހެޅުއްވި މައްސަލާގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް މީރާގެ ޚިދުމަތް ހޯދަން ކަނޑު ހުރަސްކޮށް ހިތަދޫއަށް ދަތުރު ކުރަން ޖެހުމުގެ އިތުރުން ގިނަ ތަކްލީފްތަކެއް ކުރިމަތިލާންޖެހޭކަންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މީރާއިން ދޭ ހިދުމަތްތައް ހޯދުމަށް ކުރާ ދަތުރުގައި ބޮޑު ހަރަދުތަކެއް ހިނގާކަން ފާހަގަކޮށް މި މައްސަލައަށް ހައްލެއް ހޯދުމަށް މީރާގެ އޮފީހެއް ވީހާވެސް އަވަހަކަށް ހުޅުދޫ ނުވަތަ މީދޫގައި ހުޅުވަންޖެހޭކަން ޝުކުރީވަނީ ފާހަގަކޮށްފައިވެއެވެ. ޝުކުރީގެ މައްސަލަ އަޑުއެހުމަށް ފަހު، ކައުންސިލުން ވަނީ މީރާގެ އޮފީހެއް ހުޅުދޫ ނުވަތަ މީދޫގައި ހުޅުވުމަށްޓަކައި މީރާގައި ހުށެހެޅުމަށް ފާސްކޮށްފައެވެ

ކައުންސިލުންވަނީ މީގެ ކުރިންވެސް މި މައްސަލަ މީރާއަށް ހުށަހަޅާފައެވެ. އެފަހަރު މީރާއިން ވަނީ މިއަހަރުގެ ޑިސެމްބަރު މަސް ފެށެންވާއިރަށް މީރާގެ އޮފީހެއް ހުޅުދޫގައި ޤާއިމް ކުރެވޭނެކަމަށް ކައުންސިލަށް ދަންނަވާފައެވެ.