English Edition
Dhivehi Edition
ފޮޓޯ : ރައީސް އޮފީސް

ރައީސް ޑރ.މުހައްމަދު މުއިއްޒު ބާބެޑޯސްގެ ބޮޑުވަޒީރާ އެ ގައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ހާއްސަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.

ރައީސް ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލައްވާފައެވެ.

ރައީސް މުއިއްޒަށް، ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްހަބާ ދެންނެވީ، ބާބެޑޯސްގެ އެކްޓިން މިނިސްޓާ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އޮނަރަބަލް ސީ.ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭންއެވެ.

ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީހީ ތަންތަން ދައްކާލުމަށް ހާއްސަ ‘ސައިޓްސީން’އެއް އެ ގައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށްދެއްވައިފައެވެ. އަދި ރައީސްއަށް، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ގައުމުގައި މަޑުކޮށްލެއްވީތީ މަރްހަބާ އާއި ޝުކުރު ދަންނަވައިފައެވެ.

ރައީސް މުއިއްޒާއި، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ގައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް މަޝްވަރާކުރެއްވިއެވެ.

ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ ‘ސިޑްސް’ ގެ މަހާސިންތާ ގައި ރައީސް އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ގައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.

ރައީސް ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ހާއްސަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ގައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ. އަދި ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ހާއްސަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މި މެސެޖުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިދިޔަ މަހާސިންތާގެ ހަވާސާގައި، ބާބެޑޯސްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް، މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައި އޮތް ނަމަވެސް، ދެބޭފުޅުންގެވެސް އަވަދިނެތިވެ އަދި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އެ ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަތްކަން ހިތާމައާއެކު ފާހަގަކުރައްވައި، ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.

ރައީސްގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ‘ސިޑްސް’ ގެ 4 ވަނަ މަހާސިންތާގައި، ބައިނަލްއަގްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިސްލާހުކޮށް، ކުދި ޖަޒީރާ ގައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ހާއްސަގޮތެއްގައި ފާހަގަކުރައްވަމުންނެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެ އާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސް ވިދާޅުވިއެވެ.