ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމި ނިންމުމަށް އަމަލު ނުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރާއީސް އޮފީހުން ބުނީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން، ޖޫން 13، 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅި ކަންތައްތަކަށް ރިޢާރަތް ކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް އަމަލު ނުކުރާ ގޮތަށް ނިންމާފައިވާކަމަށެވެ.
އިތުރަށް ރައީސް އޮފީހުން ބުނެފައިވަނީ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ އާއި، އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުންކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.