އޯގާތެރި މުޖުތަމައެއް ގާއިމުކުރުމަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ ‘އިންކުލޫސިވް ސޮސައިޓީއަކަށް’ ނުވަތަ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމަޢަކަށް ހެދުންކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުޖުތަމަޢުގެ ތެރޭގައި ކުލުނުވެރިކަމާއި، އޯގާތެރިކަން ނެތި މިނިވަންކަން އިހުސާސުކުރެވެން ނޯންނާނެކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ އެއްވެސް މީހަކު ބާކީނުކޮށް އެންމެންވެސް ޝާމިލުކޮށްގެން ކުރިއަށްދާ މުޖުތަމައުއަކަށް މި ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތައާރަފުކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ފަރާތްތައް އުނގެނުމަށް ފަހި ފުރުސަތު ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށް އޮތް އޮގަސްޓް މަހު ‘ސައިން ލޭންގުއޭޖް’ ކޯސްތަކެއް އާންމުންނަށް ހުޅުވާލާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެންމެން އެއްމުޖުތަމައެއްގެ ގޮތުގައި އުޅުމަށް މަގުފަހިވާނެކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށްޓަކައި ޑްރަގުގެ ވަބާއިން ސަލާމަތްވާންޖެހޭކަމުގައި ފާހަގަކުރައްވައި މި ސަރުކާރުން ޑުރަގުގެ ވަބާއިން ސަލާމަތްވުމަށްވެސް މީގެކުރިން ދުވަހަކު ރާއްޖޭގައި ނުކުރާ މިންވަރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާފައިވާކަމަށެވެ، އަދި މަސްތުވާތަކެއްޗާ ގުޅޭ ގާނޫނަށްވެސް މުހިންމު ބަދަލުތަކެއް ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައްވެސް ބާކީ ނުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމަށް ފަހު މުޖުތަމައަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ގޭންގް ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށްވެސް މުހިންމު އިސްލާހުތައްގެނެސް އެ މައްސަލައަށް އެދެވޭ ނަތީޖާއެއް ނެރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތައް ރައީސް ހިއްސާކުރެއްވިއެވެ.