English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމުގެ ގޮތުން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތްކަމަށާއި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާޞިލުކުރެވިފައިވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ޕްލެޓްފޯމުތަކުގައި ތިބި މިލިޓަރީ މީހުން ގެންގޮސް، މަދަނީ މީހުން ބޭނުންކޮށްގެން މިހާރު އެ ޕްލެޓްފޯމުތައް ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށިފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަޤީންނުވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫ.އޭ.ވީގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތްވެސް ފެށުމުގެ މަރުހަލާގައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަޚުރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމުގައެވެ.