English Edition
Dhivehi Edition
ސ.މީދޫ މިސްކިތެއްގައި ޢީދުނަމާދު ކުރަނީ---ފައިލް ފޮޓޯ/ ލުބްނާ އޭއީނިއުސް

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ނަސްރާއި ކާމިޔާބު ދެއްވުން އެދި ނަމާދުގައި އަލުން ގުނޫތު ނާޒިލާ ކިޔަން ނިންމަވައިފިއެވެ.

ގުނޫތު އަލުން ކިޔަން ނިންމެވިކަން ހާމަކުރެއްވީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްމުވެރިން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއް މެދުވެރިކޮށެވެ. ވަޒީރު ޝަހީމް ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މިރޭ މަޣުރިބް ނަމާދުން ފެށިގެން ގުނޫތު ކިޔަން އިމާމުންނަށް އަންގަވާނެކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނު ރައްޔިތުން، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަދުވަހުއެވެ. ފުރަތަމަ ގުނޫތު ކިޔަން ފެށީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެކަންޏެވެ. އެހެންނަމަވެސް އޭގެފަހުން،2023 އޮކްޓޫބަރ 18 ވަނަދުވަހު އޭރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރުޟު ނަމާދެއްގައި ގުނޫތު ކިޔަން ނިންމާފައެވެ.

އަނެއްކާވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ހަމައެކަނި އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ބަދަލު ކުރީ ޑިސެމްބަރު 7 ވަނަދުވަހު އެވެ. އަދި އޭގެ ފަހުން ފަލަސްތީނަށް ނަޞްރު ދެއްވުން އެދި ޤުނޫތުކިޔުން މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަދުވަހުއެވެ.

ނަމާދުތަކުގައި ގުނޫތު ކިޔަން އަލުން މި ފަށަނީ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަހަށް ރަހުމު ކުޑަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މިމަހުގެ 6 ވަނަދުވަހު ރަފަހަށް ބޮން އަޅާ ދޭން ފެށި އެ ހަމަލާތަކުގައި މިދިޔަ ދެތިން ދުވަހު ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށްލާފައެވެ.

ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ފަންސަވީސް ހާހެއްހާ ޝަހީދުންނަކީ މަޢުސޫމް ކުޑަކުދިންނާއި އަންހެނުނުންނެވެ.