English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ދައުލަތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑަށް އިޞްލާޙުތަކެއް ގެނައުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ސިޑްސްއަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒްކުރުމާ ބެހޭގޮތުން ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ވަނީ ދޭދޭ ޤައުމުތަކުން ދަރަންޏަށް ފައިސާ ނެގުމުގެ ޚަރަދު ބޮޑުވުމާއި އަތްފޯރާފަށުގައި މާލީއެހީތައް ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ ހިމެނޭގޮތަށް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގެންފައިވާ އެހެނިހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް މިކަމުގެ ތަކުލީފު ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވައުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭރުގެ ވަޞީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތަރައްޤީގެ މަގުގައި ކުރިއަށްދިއުމާއި، ސްކޫލްތައް ބިނާކުރުން ފަދަ ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންކަމަށް ކުރަން ހުންނަ ހޭދައިގެ ބަދަލުގައި ރަށްރަށުގެ ތޮށިގަނޑުލުން ފަދަ ކަންކަން އިސްކުރަން މަޖުބޫރުވުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ ކުރިމަތިލާން ޖެހިގެން ވާނެކަމެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ގައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށް ގޮވާލެއްވިއެވެ. އެގޮތުން ރައީސް ވަނީ ބައިނަލްއަގްވާމީ ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް ޕޮޒިޓިވް ކްރެޑިޓް ރޭޓިންގައި ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމާއެކު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ފާއިތުވި ތިރީހަކަށް އަހަރު ވަޢުދުވެފައިވާގޮތަށް ލުއިފަސޭހަ ގޮތްތަކެއްގައި ލޯނު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުދިޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ބައިވެރިން އެމް.ޑީ.ބީ ތަކާއި ގުޅިގެން އަދި އަމިއްލަ ފަރާތްތަކާއެކު ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ސިޑްސްގެ ޤައުމުތަކުންވެސް ކުރިޔަށް ވިސްނައި، މިހާރަށްވުރެ ބޮޑު ތަސައްވުރެއްގައި ތަރައްޤީގެ ލަނޑުދަނޑިތައް ކަނޑައަޅައި، ތަރައްޤީގެ ބައިވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ބައިވެރިވެ، ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެންމެ އެކަށީގެންވާ ޙައްލުތައް ހޯދައިދިނުމަށާއި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފުރިހަމަ ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.