English Edition
Dhivehi Edition
ރައީސްގެ ބައްޕާފުޅު ގެ ފަނޑިޔާރު ހެދުންކޮޅު ހަދިޔާކުރުން / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ޝެއިހް ހުސެން އަބްދުއްރަހްމާން ޝަރުއީ ދާއިރާއަށް ކޮށްދެވި ހިދުމަތުގެ އަގުވަޒަންކޮށް، ހާއްސަ އެވޯޑެއް ދިނުމާއެކު، ބައްޕާފުޅުގެ ފަނޑިޔާރު ހެދުންކޮޅު، ހައިކޯޓުން ރޭ ރައީސަށް ހަދިޔާކޮށްފިއެވެ.

އެމަނިކުފާނު މި ގައުންކޮޅާ ހަވާލުވެވަޑައިގަތީ ރޭ ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ “އިސްތިރާޖީ އަމަލީ ތަދުބީރު 2025-2027 ” އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބައްޕާފުޅަކީ، އޮކްޓޯބަރު 5، 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީއަތާ ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއިންނެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުހަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، އަލްމަރުޙޫމް ހުސައިން އަބްދުއްރަހްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓާނީ ޖެނެރަލްގެ ނާއިބުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތައުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމުގައިވެސް ހިދުމަތްކުރައްވައިފައެވެ.

“އަލީގެ މައްޗަށް އައްޔެއް” ފަދަ ދީނީގޮތުން މަގްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ ގައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ދީނީ ތައުލީމު އުނގަންނައިދެއްވުމުގެ އިތުރަށް އިލްމީ އެކި މައުޟޫއުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެއެވެ. އިސްލާމްދީނަށް ހިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ. ސިޔާސީ ގޮތުންނާ، އިލްމީ ގޮތުން ހިދުމަތްތެރި ޝަހްސިއްޔަތުތަކެއް އުފެދުނު އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ހުސައިން އަބްދުއްރަހްމާނަކީ މުޖްތަމައުގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ގަދަރުވެރި ބޭފުޅެކެވެ.