ސިޑްސް4ގެ މުހިންމު އަމާޒުތަކުން މޫސުމީ ބަދަލާދެކޮޅަށް ކުރިއެރުން ހާޞިލުކުރެވިދާނެ ކަންކަން ހަޤީޤަތަކަށް ހެދުމުގައި ސިޑްސްއާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ބޭއްވި “ފްރޮމް އެމްބިޝަން ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތްރޫ ދި ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް” ސެޝަންގައި ރައީސް ވިދާޅުވީ ބިމުގެ ބޮޑުމިނުން ބަލާއިރު ނިސްބަތުން ކުދި ގައުމުތަކެއްގެ ގޮތުގައި ފެނުންނަމަވެސް، ސިޑްސްގެ ގައުމުތަކުން އަންނަނީ ވިލުންތެރިކަމުގައި ނަމޫނާ ދައްކަމުން ކަމަށެވެ. އަދި ނުގުޑާ ފަދަ އަޒުމާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހިތްވަރު ދައްކަމުން ކަމުގައި ރައީސް ވިދާޅުވިއެވެ. މޫސުމީ ކާރިސާއިން ސަލާމަތްވުމަށް ގައުމުތަކުން އަޒުމާއެކު މަސައްކަތް ފެއްޓުވުމަށާއި އާންމު އުސޫލުން ކަންކަން ކުރުމުން މިކަމުގައި ދެން ނުފުދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް އަކީ ދިވެހިރާއްޖެއިން އިސްނަގައިގެން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ ބައިވެރިންނާ ގުޅުވައިދީ، ސިޑްސްގެ ގައުމުތަކާއި ސަރަހައްދީ ގައުމުތަކުގެ ގުޅުންތަކުގެ އެހީގައި ގުދުރަތީ އުފެދުމުގައި ހުރި ޚާއްޞަކަމުގެ ބޭނުން ހިފައިގެން އަދި މި ޖަޒީރާތަކަށް ނިސްބަތްވާ އެންމެންގެ ތަޖުރިބާގެ އެކެއް އަނެކަކާ ހިއްސާކޮށް، އޭގެ އަލީގައި ތަރައްގީގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުކޮށައިދިނުން ކަމުގައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ސިޑްސްގެ ގައުމުތަކުގެ ކުރިމަގު ހިމާޔަތް ކުރުމަށްޓަކައި، މިފަދަ އިސްނެގުންތަކުގެ އަލީގައި ހާސިލުކުރެވިދާނެފަދަ ހައްލުތައް ހޯދައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ލިބޭ ކުދިކުދި ކުރިއެރުންތަކަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވުމަށް އަދި ޖަޒީރާތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ހަރުދަނާކުރުމުގައި އައު ތަޖުރިބާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.