English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މީހެއްގެ އަތުން 37 މިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރްސީގައި އެދިއްޖެއެވެ.

މި ފައިސާ ހޯދަން އަންގާފައިވަނީ، އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ތެރެއިން 2،460،000 އެމެރިކާ ޑޮލަރު، (37،933،200ރ.) ލިބުނު ހ.ސްނޫޕީ އަބްދުﷲ އާސިމްގެ އަތުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގައި ހިމެނޭ އަބްދުﷲ އާސިމްއަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ތިމާގެ މީހެކެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެއެވެ.