ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އިންޖިނިއަރުންނާއި، ޓެކްނީޝަނުންނާއި، އިލެކްޓްރީޝަނުންނާއި، ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި 22 ދާއިރާއެއް ދިވެހިންނަށް އެކަނި ޚާއްޞަކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ހިންގަވަން ނިންމަވާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާއިރު، މީހުން އެ ދާއިރާތަކަށް ކޮންމެހެން ބޭނުންވާނެ ދާއިރާތައްކަން ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ.
“ރައީސްގެ އިޤުތިޞާދީ އެންމެ ބޮޑު އެއް [ސިޔާސަތަކީ] ބޮޑެތި މެގަ ޕްރޮޖެކްޓުތައް ގެނައުން. އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ވައިގެ ބަނދަރުތައް ތަރައްޤީކުރުން. މިތަންތަނަށް ވަރަށް ސްކިލްޑް ޓެކްނިކަލް މީހުން އެ ދާއިރާތަކުން އެބަ ބޭނުންވޭ. މިދާއިރާތަކުގައި ވޭތުވެދިޔަ ތަނުގައި ވަރަށް ގިނައިން މިތެބެނީ ބިދޭސީން،” ޑރ. ނަޒީރު ވިދާޅުވިއެވެ.
މީގެ ދެ މަސް ދުވަސް ކުރިން ޒުވާނުން މި ދާއިރާތަކުން ތަމްރީނުކުރުމުގެ މަސައްކަތް ފަށައިފައިވާކަން ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ދިވެހިންނަށް ޚާއްޞަކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގުރާމުތައް ހިންގުމަށް މަސައްކަތްކުރަމުން އަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިންނަށް ބޭނުންވާ ހުނަރު ފޯރުކޮށްދީ، މަސައްކަތްތައް ދިވެހިންނަށް ޚާއްޞަކުރެވޭނެ ކަމަށް އޭނާ ވަނީ ޔަގީންކަން ދެއްވާފައެވެ.