English Edition
Dhivehi Edition

އައްޑޫ އީދި ސަމާ 1445 ވަނަ އަހަރުގެ “ދަންޑެހެލެ ވާދެމުން 1445″ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމާއި އެކު އާއިލީ އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ 1445 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަަމަށެވެ. އެގޮތުން މިއަވަށުގައި ބާއްވާ އަންހެން ފިރިހެން ދެ ޖިންސު ވަކިން ޓީމްތައް ބައިވެރިވެވޭ ” ދަންޑެހެލެ ވާދެމުން 1445″ މުބާރާތުގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، މުއައްސަސާތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުގައި ހިމެނޭނީ 10 ދެމުންތެރިންނާ 4 އޮފިޝަލުންނެވެ. އަދި އެއްފަހަރާ ކޮޅަކަށް ދަމަން އެރޭނީ 7 ދެމުންތެރިންނަށެވެ. އަދި އެ މެޗަކަށް އަރާ 7 ކުޅުންތެރިން މެޗު ނުނިމެނީސް ބަދަލު ނުކުރެވޭނެކަމަށް ގަވައިދުގައި ބުނެފައިވެއެވެ. މުބާރާތުގެ ގަވައިދުގައިވާ ގޮތުން ޓީމެެއްގައި 3 ބޭރު ދެމުންތެރިން ޖެހިދާނެއެވެ. އެހެންނަމަވެސް އެެއްފަހަރާ ދަމަން އެރޭނީ 2 ދެމުންތެރިންނަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2024 މޭއި 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.