އައްޑޫ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުދަގޫވާނެހެން ފެނާއި ކުަލަ ޖެހުމަކީ މަނާ ކަމެއް ކަމަށް އެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، އީދުގައި އަންމުންނަށް އުނދަގޫވާ ގޮތަށް އާންމު ތަންތަނުގައި ކުލަ ޖެހުމާއި ފެން ޖަހާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އައްޑޫގައި ކުލަފެން ޖެހުން މުޅިން މަނާކޮށްފައި ނުވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ މިފަދަ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެފަދަ ހަރަކާތްތައް ހިންގަން ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެ ކަމަށެވެ.
އައްޑޫ ސިޓީގައި އީދުގެ ހަރަކާތްތައް މިރޭ ފެށިފައިވާއިރު އެ ސިޓީގެ ހުރިހާ އަވަށެއްގައި މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާޙަގަކުރާނެކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ. އިތުރަށް ނިޒާރު ވިދާޅުވީ މިފަހަރުގެ ބޮޑު އީދު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ފާހަގަނުކުރާ ވަރަށް މިފަހަރު އައްޑޫ ސިޓީގައި ފާހަގަކުރާނެ ކަމަށެވެ.