English Edition
Dhivehi Edition

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ( އެޗްއާރުއެޗް) އަށް ޒިޔާރަތް ކުރައްވައިފިއެވެ. އެޗްއާރު އެޗް އަށް މިނިސްޓަރ ކުރެއްވެވި ޒިޔާރަތުގައި ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާ ބައްދަލުކުރައްވަވާ އެމީހުންގެ ހާލު ބެއްލެވިއެވެ. އަދި ހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަވާ އެތަން ހިންގެވުމުގައި ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އެޗްއާރު އެޗް އަށް ކުރެއްވެވި ޒިޔާރަތަށް ފަހު މިނިސްޓަރ ވަނީ ފޭދޫގައި ހުންނަ އެއިމްސް ކުލިނިކަށް ވެސް ޒިޔާރަތް ކޮށް އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވަވާފައެވެ. ހެލްތު މިނިސްޓަރގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރުގެ ޚާއްޞަ ދައުވަތަކަށް އައްޑޫއަށް ކުރެއްވެވި ނުރަސްމީ ދަތުރުފުޅެކެވެ. މިނިސްޓަރ ހޮސްޕިޓަލަށް ކުރެއްވެވި ޒިޔާރަތަށް ފަހު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލް ނިމޭއިރު އައްޑޫގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. “ހޮސްޕިޓަލުގެ މަސައްކަތް މިހާރު އެވަނީ ކޮންޓްރެކްޓަރ އާއި ހަވާލުކޮށް ފަށާފައި. 2018 ވަނަ އަހަރު ހޮސްޕިޓަލްގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ދެވޭވަރުވާނެ. އާ ހޮސްޕިޓަލާއެކު އައްޑޫގެ ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުވެގެންދާނެ” މިނިސްޓަރ ވިދާޅުވިއެވެ. އާ ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށާއި ކޮންމެ ކަމަކަށް ބޭސްފަރުވާ ހޯދަން މާލެ ދާން ޖެހޭ ދިއުން އޭރުން މަދު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ސަރުކާރުން އަޅަން އިއުލާންކޮށް އެލިއާ ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށްފައިވާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ހޮސްޕިޓަލުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.