އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު. އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު، ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ފާސްކޮށްފި އެވެ.
މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ބެންޗަށް ޢައްޔަންކުރުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު، އެ ބޭފުޅުންނަށް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީ އިން ފާސްކުރީ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދުގެ އިތުރުން ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންފުޅުތަކާއެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓް ކުރެވުނު ބޭފުޅުންނާއި އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމިޓީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަތުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި މުޢުތަޞިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރުމަށް ފޮނުއްވި ސުޢޫދަކީ “ހައިލީ ރިކޮމެންޑެޑް” ބޭފުޅުންގެ ގޮތުގައި ރައީސް ސޯލިހު އަށް މަޝްވަރާދިނުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ރައީސް ޖޭއެސްސީ އަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހިމް (މއ. ވޭސައިޑް 410)އާ ގުޅޭގޮތުން ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައި ވާތީ، އެ ޝަކުވާތަކާމެދު ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސް އަށް މަޝްވަރާ ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.