ރާއްޖޭގައި އުޅެމުންދާ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލައަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ދަށުން މިހާރު ވަނީ 705 ބިދޭސީންގެ މަޢުލޫމާތު ނަގާފަ އެވެ. ކ. ހިންމަފުށިން އެކަނި ނަގާފައިވަނީ 532 ބިދޭސީންގެ މަޢުލޫމާތެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދަނީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު 5 ސަރަހައްދުގަ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި އެހެނިހެން މަޢުލޫމާތު ފުރަތަމަ އަހަރުތެރޭ އެއްކުރުމަށް ވަނީ ރޭވިފަ އެވެ. އޭގެ ފަހުން ޖެހިގެން އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ލިޔެކިޔުންތައް ނެތް ބިދޭސީން ސިސްޓަމަށް ނުގެނެވޭނަމަ ރާއްޖެއިން ބޭރަށް ފޮނުވައިލުމަށް ވަނީ ނިންމައިފައެވެ.
އޮޕަރޭޝަންގެ ދަށުން ކުރަމުންދާ މަސައްކަތައް ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްތަކުން ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމުގައި ދިމާވާ ދަތިތަކައް ހައްލު ހޯދައިދިނުމަށް މިނިސްޓްރީގެ މައި ޑޭޓާބޭސްއަށް އެކްސެސް ދޭނެ ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ކުރީގެ ސަރުކާރުތަކުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އެކަށީގެންވާ ގޮތެއްގައި ކާމިޔާބެއް ނުވި އެވެ. މިހާރުގެ ސަރުކާރުން ވަނީ މި މައްސަލައާ ކުރިމަތިލައްވައި، ދާއިމީ ހައްލެއް ހޯއްދަވަން ބޮޑު މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެގޮތުން ހިންގާ އޮޕަރޭޝަން “ކުރަނގި” ހުރިހާ ފަރާތްތަކުން ތަރުހީބު ދީ، ކުރިއަށް ގެންދިއުން މުހިންމު ކަމަށް ސަރުކާރުން ބުނެއެވެ.