މިއީ ސިޔާސީ ތަރިތައް އަރާ އޮއްސޭ މޫސުން ކަމަށާއި މި މޫސުމުގައި ސިޔާސީ ބޭފުޅުންނާ ކޮށްލަން އެންމެ ރަނގަޅު ސުވާލަކީ އެ ބޭފުޅެއްގެ އަސްލު ފިކުރަކީ ކޮބައިތޯކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެއެވެ
ނ. ހޮޅުދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް އެ ރަށަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ އިދިކޮޅު ލީޑަރުން މިހާރު ފެންނަނީ ދަޅުގައި ބަންދުކޮށްފައިވާ އެކި ވައްތަރުގެ މަސް ހިމެނޭ ‘ކޮކްޓެއިލެއް’ ގެ ގޮތަށް ކަމަށެވެ. އަދި މިހާރު އެބޭފުޅުން އެ ތިއްބެވީ، އެބޭފުޅުންގެ ސިޔާސީ ފިކުރު ހުދު އެބޭފުޅަކަށް ވެސް އެނގިވަޑައިނުގަންނަވާ ހިސާބުގައި ކަމަށް ޔަމީން ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރެއް ދިފާއުކުރާނަމަ ނުވަތަ ވަކާލާތު ކުރާނަމަ އެންމެ ފުރަތަމަ އެއީ ކޮން ފިކުރެއްކަން ކޮންމެ ސިޔާސީ ބޭފުޅަކުވެސް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށާއި އެކަމަކު އެހެން ވިދާޅުވެވެން ނެތް ކަމަށެވެ
ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާ މަޝްރޫއުތަކަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަޝްރޫއުތަކެއް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާލާނެ ކަމަށެވެ. އަދި ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ވިސްނުމުގައި ހުރީ 2019 ވަނަ އަހަރު ބޮޑެތި އާ މަޝްރޫއުތަކެއް ފެށުންކަމުގައި ރައީސް ވިދާޅުވިއެވެ