ރައީސް ޔާމީނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އަމިއްލަ އެދުމެއް އޮވެ، ރައީސް ޔާމީނަށް ހަސަދަވެރިވާތީ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ
އިއްޔެ ނ. ވެލިދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ޕާޓީގެ ލީޑަރު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާއިރު ވައްކަމެއް ކުރަން ރައީސް އަބްދުﷲ ޔާމީން ދުވަހަކު ވެސް އޭނާގެ އަރިހުގައި ވިދާޅުވެފައި ނުވާ ކަމަށެވެ.އަދި ރައީސް ޔާމީނާ ރަހްމަތްތެރިކަމުގެ ގުޅުން އުފެދުނުތާ 25 އަހަރުވީއިރު، ދުވަހަކުވެސް ވައްކަން ކުރަން ރައީސް ޔާމީން ހިތްވަރު ދެއްވާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ
ރައީސް ޔާމީން ގައުމުގެ ތަރައްޤީއަށްޓަކައު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ އަނިޔާވެރި ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުންނަށް އިހްލާސްތެރި ބޭފުޅެއްކަމުގައެވެ. މީގެ އިތުރުން ޝިޔާމް ވިދަޅުވީ ރައީސް ޔާމީނަކީ “ހުރިހާ ރައްޔިތުންގެ ބައްޕަ” ކަމަށެވެ