އައްޑޫސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ޚާއްސަކޮށްގެން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ އަޟްހާ އީދު އައްޑޫ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާ “އައްޑޫ އީދި ސަމާ 1445” ގެ ނަމުގައި 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި ހަރަކާތްތަކެއް އިންތާޒުމުކުރުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 7،500 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް
މި މުބާރާތުގައި ބައިވެރިވުމުގެ އުސޫލުތަކުގެ ތެރޭގައި:
- މުބާރާތުގައި ބައިވެރިވުމަށް ކޮންމެ މުއައްސަސާއެއް ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެއެވެ.
- މުބާރާތުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ ތަނުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަންވާނީ ލޭންޑްސްކޭޕްކޮށެވެ.
- އޮފީހެއް ނުވަތަ ވިޔަފާރިކުރާ ތަނަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހިއްސާކުރެވޭނެއެވެ.
- މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ.
- މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 21 ވާ ހުކުރު ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
- އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 17 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00އެވެ. މި މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2024 ގައެވެ. އައްޑޫ ސިޓީ ކައުންސލުން ބުނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ގެތައް ދިއްލާ ޒީނަތްތެރި ކުރެވިފައިވޭތޯ އެއަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރެވިގެންދާނެކަމަށެވެ.