English Edition
Dhivehi Edition
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް ޓުވެންޓީ ސަމިޓުގައި

ފަލަސްތީން ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން، އދ ގެ ސަލާމަތީ މަޖިލީހަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން މިގޮތަށް ގޮވާލައިފައި މިވަނީ އދ. ގެ އާންމު މަޖިލީހުން ފާސްކުރި “އެޑްމިޝަން އޮފް ނިއު މެންބަރ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް” ގެ ނަމުގައިވާ ޤަރާރަކަށް ނިސްބަތްކޮށެވެ. އެގޮތުން، އާންމު މަޖިލީހުން ފާސްކުރި ޤަރާރަށް މެންބަރު ޤައުމުތަކުން ތާއީދުކޮށްފައިވާ މިންވަރަކީ ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ވަރުގަދަ މެސެޖެއް ކަމަށް ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުވުމަށާއި، އިސްރާއީލުގެ ޢަމަލުތަކަށް އެ ޤައުމު ޖަވާބުދާރީކުރުވުމަށްވެސް ދިވެހިރާއްޖެއިން އދ. ގެ މެންބަރު ޤައުމުތަކަށް ގޮވާލައިފައިވެއެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން އޮތް ފަލަސްތީނުގެ ބޯޑަރުތަކާއި، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ވެސް ރާއްޖެއިން ގޮވާލާފައިވެއެވެ.

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހަޅާފައިވާ ޤަރާރަށް ދިވެހިރާއްޖެ ހިމެނޭ 143 ޤައުމަކުން ވަނީ ރުހުންދީފައެވެ. އަދި އެ ޤަރާރު ފާސްކުރުމާ ދެކޮޅަށް 9 ޤައުމަކުން ވޯޓުދީފައިވާއިރު، 25 ޤައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.