English Edition
Dhivehi Edition
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގެ ތެރެއިން

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރަން ހަރަކާތްތެރިވާ އިންޑިއާގެ ސިވިލިއަނުންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުންކަމަށާއި، އެ ސިވިލިއަނުން ތިބުމަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ނޫންކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިވިލިއަނުންނަކީ އިންޑިއާގެ “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް” ގެ މުވައްޒަފުންކަމަށެވެ. އަދި ރާއްޖޭގައި އެކި މަސައްކަތްތަކަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވަމުން، އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް މިހާތަނަށް ނުރައްކާވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

“ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ބުނަމުންދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެފިނަމަ ޤައުމީ ސަލާމަތަށް ގެއްލުން ވާނެކަމަށް. އެހެންވީމަ އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ރިކުއެސްޓްކުރީ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން. އެއާ އެއްގޮތަށް އިންޑިއާ ސިފައިން ގޮސް، ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން މިހާރު އައިސް އެތިބީ،” ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް މިހާރު ރާއްޖޭގައި ތިބި 26 ސިވިލިއަނުންގެ މަސައްކަތަކީ އެ އުޅަނދުފަހަރު ދުއްވައި މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުންކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމަތަށް އޭގެ ސަބަބުން ނުރައްކަލެއް ނުވާނެކަމުގައި ވެސް އޭނާ ޔަގީންކަން ދެއްވައިފިއެވެ.