ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ 1-0 އިން ބަލިކުރުމަށް ފަހު މުބާރާތުގެ ފައިނަލުން ބޮރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފި އެވެ.
ކުޅުނު ދެލެގުންވެސް މޮޅުވެ 2-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޑޯޓްމަންޑުން ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެޓީމުން ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.
ޑޯޓްމަންޑް މީގެ ކުރިން ފައިނަލް ކުޅެފައި ވަނީ 1997 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ މުބާރާތުގައިއެވެ. މީގެ ތެރެއިން 97 ވަނަ އަހަރު އެޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެ އަހަރުގައި ޑޯޓްމަންޑުން ޗެމްޕިއަންކަން ނެގީ އިޓަލީގެ ޔުވެންޓަސް 1-3 އިން ބަލިކުރުމަށް ފަހުގައެވެ. 2013 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑުން ކުޅުނު ނަމަވެސް އެފަހަރު އެޓީމު ބަލިވީ ބަޔާން މިޔުނިކް އާއި ވާދަކޮށް 1-2 އިންނެވެ. އެ މުބާރާތުގެ ރަނަރަޕް ޓީމަކީ ޑޯޓްމަންޑް އެވެ.
ޑޯޓްމަންޑުން ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 1-0 އިން ކާމިޔާބުކުރިއިރު، އަމިއްލަ ދަނޑުގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ވެސް ޑޯޓްމަންޑުން ކާމިޔާބުކުރީ 1-0 އިންނެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑޯޓްމަންޑްގެ ކަރީމް އަޑެޔާމީ އަށެވެ. ޕީއެސްޖީގެ އޭރިއާ ތެރެއަށް ވަދެ އަޑެޔާމީ ފޮނުވާލި ހަމަލާ ދިފާއުކުރީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.
މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ، ޕީއެސްޖީން ރަނގަޅަށް ކުޅުނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ޑޯޓްމަންޑުން ލީޑު ނެގިއެވެ. އެޓީމަށް ލީޑުނަގައިދިނީ ޑިފެންޑަރު މެޓްސް ހުމެލްސްއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޑޯޓްމަންޑް ނިކުންނާނީ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.