English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލްގެ އަށްވަނައަށް ސޮއްސާލައިފިއެވެ.

ޕެލަސްގެ ސެލްހަސްޓް ޕާކުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑު ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ޕެލަސްއަތުން ބަލިވިއިރު، މިއީ މި ސީޒަނުގައި އެޓީމު ޕެލަސްއަތުން ބަލިވި ދެވަނަ ފަހަރެވެ. ޔުނައިޓެޑް ދަނޑުގައި ސީޒަނުގެ ކުރީކޮޅުގައި ކުޅުނު މެޗުން ޕެލަސް މޮޅުވީ 1-0 އިންނެވެ.

ރޭގެ ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ޗެލްސީ އާއި އަށް ވަނައިގައި އޮތް ޔުނައިޓެޑަށް 35 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ، ޗެލްސީ އަށެވެ.

ރޭ ކުޅުނު މި މެޗުގައި ޕެލަސް އިން ލީޑުނެގީ، 12 ވަަނަ މިނިޓްގައި މައިކަލް އޮލީސޭ ޖެހި ގޯލުންނެވެ. ޕެލަސް އިން ލީޑުފުޅާކުރީ، މެޗުގެ 40 ވަަނަ މިނިޓްގަ އެވެ. ޕެލަސްއަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް، ޖިއާން ފިލީޕޭ މަޓޭޓާއެވެ.

ޕެލަސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޔުނައިޓެޑުގެ ކަސެމީރޯ ވަނީ ގޯލެއްޖަހައިފައެވެ. ނަމަވެސް ޔުނައިޓެޑުގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް، ޕެލަސްގެ ކީޕަރު، ޑީން ހެންޑަސަން އަށް ފައުލުކުރުމުން އެ ގޯލު ބަލައިނުގަތެވެ.

ދެ ގޯލުގެ ލީޑެއްގައި އޮވެ، ޕެލަސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޕެލަސްއިންނެވެ. ރަނގަޅަށް ކުޅެމުން ދިޔަ ޕެލަސް އިން އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ، 58 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޓައިރިކް މިޓްޗެލްއެވެ. އަދި އޭގެ އަށް މިނިޓް ފަހުން، ޕެލަސްގެ ހަތަރުވަނަ ގޯލު ޖަހައިދިނީ އޮލީސޭ އެވެ.

ރޭގެ މޮޅާ އެކު ޕެލަސް ލީގުގެ 14 ވަނައިގައި އޮތީ، 36 މެޗުން 43 ޕޮއިންޓާ އެކު އެވެ.