English Edition
Dhivehi Edition
ކާރްތިކް އާރްޔަން

ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރިޔަން އަކީ އޭނާގެ ހުނަރުވެރިކަމާ، އެކްޓުކުރުމުގެ މޮޅުކަމުން އެއްވެސް ނުފޫޒުގަދަ ފަރާތެއްގެ އެހީތެރިކަމެއް ނެތި ބޮލީވުޑްގައި ފައި ސާބިތުކޮށްލެވުނު މަދު ތަރިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ ބަތަލެކެވެ. އެހެންނަމަވެސް އޭނާއަށް މިއަދު ހުރި މަގާމަށް އައުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކަބީރު ޚާން ޑައިރެކްޓްކޮށްފައިވާ އަދި ކާރްތިކް އާރިޔަން ލީޑް ރޯލުން ފެނިގެންދާ ފިލްމު ޗަންދޫ ޗެމްޕިއަންގެ ޓްރެއިލާ މިހާރު ނެރެފި އެވެ. ލީޑް ސްޓާ ޓީމާއެކު ޓްރެއިލާ ލޯންޗުކޮށްފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހު އޭނާގެ އުފަން ރަށް ގްވާލިއަރގައި ބޭއްވި ބޮޑު އިވެންޓެއްގައެވެ.

މި ފިލްމަށް ތައްޔާރުވުމަށް ކާރްތިކް ވަނީ އިންތިހާއަށް ބުރަ މަސައްކަތެއްކޮށްފައެވެ. އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ހަށިގަނޑުގައި ހުރި ސަރުބީގެ ބޮޑު މިންވަރެއް ވިރުވާލިއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން އެ ރޯލަށް ތައްޔާރުވި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އެކްޓަރު ބުނީ ކަބީރުޚާން އޭނާއާއި އެކު ފިލްމެއް ހަދަން ބޭނުންވާކަން އެނގުނު ދުވަހު އެ ރޯލަށް ތައްޔާރު ކަމަށެވެ. ޓްރެއިލާ ލޯންޗް ކުރުމުގައި އެކްޓަރު ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ސެޓްތަކުގެ ފަހަތުގައި ހިނގާދިޔަ ކަންތައްތަކާއި ކަބީރު ހާންގެ ފިލްމުގައި މަސައްކަތް ކުރަމުން ދިޔަ ގޮތުގެ ވާހަކަ ކިޔާދީފައެވެ.

ޗާންދޫ ޗެމްޕިއަންގެ ޓްރެއިލާ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ކާރްތިކް ވަނީ އޭނާގެ ދިރިއުޅުމުގައި ދިމާވި އެތައް އަޑިގުޑަންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. ބައެއް ފަހަރު އެއްވެސް އެހީތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރެވިފައިވާ ކަން ހިއްސާކުރަމުން ކާރްތިކް ވަނީ އެކަމާ ކުރިމަތިލި ގޮތުގެ ވާހަކަ ދައްކާފައެވެ. ކެރިއަރުގެ ކުރީކޮޅުގައި ދިމާވި ދަތިތަކާ މަޖުބޫރީތަކާއި ގުޅޭ ގޮތުން އެކްޓަރު ބުނީ އޭނާ ދުވަހަކުވެސް ‘އެހީތެރިކަމެއް ނެތް’ މި ލަފުޒު ބޭނުން ނުކުރާކަމަށާއި އެހެންނަމަވެސް ބައެއް ފަހަރު އެހީތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރުމަކީ ގުދުރަތީ ކަމެއް ކަމަށެވެ. އަދި އެއީ ދިރިއުޅުމުގެ އެންމެންނަށް ވެސް ދިމާވާ ކަމެއްކަމުގައި ކާރްތިކް ވަނީ ބުނެފައެވެ.

“ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އުފުލާއި ހިތްދަތިކަން ހުންނައިރު އަހަރެންނަށް ވެސް އަހަރެންގެ އިހްސާސްތަކުން އުނދަގޫތައް ލިބިފައިވޭ. އެކަމަކު އަޅުގަނޑާ ސުވާލުކޮށްފިނަމަ، އަޅުގަނޑުގެ ދަތުރުގައި އެއްވެސް ކަމެއް ބަދަލުކުރަން ބޭނުންނަމަ، އަޅުގަނޑު އެންމެ ކަމެއްވެސް ބަދަލުކުރަން ބޭނުމެއްނޫން. އަޅުގަނޑު އެދެނީ މިހާތަނަށްވެސް ހަމަ އެ ދަތުރު އަދިވެސް ކުރިއަށް ގެންދާން” ކާރްތިކް ބުންޏެވެ. އިތުރަށް ކާރްތިކް ބުނީ ބައެއް ފަހަރު އެއްވެސް އެހީތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް މައިންބަފައިންގެ ބުރަ މަސައްކަތަކާ ހިދުމަތްތަކުން ކަންތައްތައް ދަސްވެއްޖެކަމަށެވެ.