English Edition
Dhivehi Edition

ސައުދީ ކިންގްސް ކަޕް ސެމީފައިނަލުގައި އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލް ފައިނަލުން ޖާގަހޯދައިފިއެވެ.

ރޭ ކުޅުނު ސެމީގެ މެޗުގައި އަލް ހިލާލް އިން ވަނީ 1-2 ގެ ނަތީޖާއިން އަލް އިއްތިހާދް ބަލިކޮށްފައެވެ.

ރޭގެ މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ހިލާލުންނެވެ. އެގޮތުން ހިލާލްއިން ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ހިލާލުން ވަނީ ލީޑު ނަގާފައެވެ. ހިލާލް އަށް ލީޑުނަގައި ދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ބްރެޒިލް ފޯވަޑް މައިކަލްއެވެ.

މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެނިކޮށް، ހިލާލްއަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަވަތުގުކޮޅަކަށް ވެފައި ވަނިކޮށް އެޓީމުގެ ސާބިއާ މިޑްފީޅްޑަރު މިލިންކޯ ސަވިޗްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ސަވިޗް އަށް ރަކާޑު ދެއްކީ އިއްތިހާދުގެ މަރްވާން އަލް ސަހާފީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ވީއޭރާރު ބެލުމަށް ފަހުގައެވެ.

ހިލާލް އިން އެއްކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި އިއްތިހާދުން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިއްތިހާދަށް ނަތީޖާ ހަމަކޮށްދިން ލަނޑު ޖަހައިދިނީ އަބްދުލް ރައްޒާގް ހަމްދެއްލާއެވެ. މި ލަނޑަށް ފަހު ވެސް އިއްތިހާދުން ރަނގަޅަށް ކުޅުނުއިރު، އެޓީމުގެ އުންމީދުތައް ފެނަށް ދިޔައީ އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ހިލާލްއިން މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އުފެއްދި ކައުންޓަ އެޓޭކެއްގެ ބޭނުން ހިފައި ލަނޑެއް ޖައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގުމުމުންނެވެ. ހިލާލް އަށް ފައިނަލްގެ ޖާގަ ކަށަކޮށްދިން މި ލަނޑު ޖަހައިދިނީ ސައުދު އަބްދުލް ހާމިދްއެވެ.

ރޭގެ މުޗު ކާމިޔާބުކޮށް ކިންގްސް ކަޕްގެ ފައިނަލުން ހިލާލް ޖާގަހޯދިއިރު، މިއީ އެޓީމުން މި މުބާރާތުގެ ފައިނަލަސް ކުޅޭ 11 ވަނަ ފަހަރެވެ. ހިލާލް އާއި އެކު ފައިނަލް ކުޅޭނެ ޓީމެއް ކަށަވަރުވާނީ މިރޭ އަލް ނަޞްރު އަދި އަލް ޚަލީޖް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ.