English Edition
Dhivehi Edition
ޕްރެސް ފްރީޑަމް ޑޭގައި ނޫސްވެރިން ބޭއްވި އެއްވުން--- ފޮޓޯ: ވަގުތު

ރައީސް އޮފީސް ދޮގު ހަބަރު ފަތުރައިގެން ނޫސްވެރިންގެ ފޯނު ވެއްދުން މަނާކުރި މައްސަލައިގައި ހަގީގަތް އޮޅުވާލި ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެ އެކަން ކުށްވެރިކޮށްފިއެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް މީގެ ކުރިން ނޫސްވެރިން ފޯނު ވައްދަމުން ދިޔަ ނަމަވެސް، އިއްޔެ އޮތް ބައްދަލުވުމަށް ދިޔަ ފަހުން ފޯނު ނުވެއްދޭނެ ކަމަށް ވަނީ އަންގާފަ އެވެ. މިކަމާ ގުޅިގެން ޚަބަރުތަކުގައި ފާޑުކިޔުމުން ރައީސް އޮފީހުން ބުނީ ނޫސްވެރިންނަށް ފޯނު ވެއްދުން މަނާކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.

ނަމަވެސް ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ކަން ހިނގައިދިޔަ ގޮތް ގަސްދުގައި އޮޅުވާލުމަށް ރައީސް އޮފީހުން މަސައްކަތްކުރި ކަމަށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެގޮތުން ނޫސްވެރިން ރިޕޯޓުކުރި ވާހަކަތަކުގެ އަސްލު އޮޅުވާލަން މަސައްކަތްކުރި ކަމަށްވެ އެވެ.

އެމްޖޭއޭ އިން ބުނީ މިކަމާ ގުޅިގެން ރައީސް އޮފީހުން ޝާއިއުކުރި ކޮމެންޓްތަކުގެ ސަބަބުން ނޫސްވެރިން ވަނީ އިންތިހާއަށް ނުތަނަވަސްވެފައި ކަމަށެވެ. އަދި ދުރާލައި އަންގާފައި ނުވާތީ އިހުތިޖާޖުކުރުމުން އިއްޔެގެ ބައްދަލުވުމަށް ފޯނު ވެއްދޭނެ އިންތިޒާމު ހަމަޖެއްސީ ކަމަށެވެ.

ކަން ހިނގައިދިޔަ ގޮތް ސާފުކޮށްފައި ވަނީ ބައްދަލުވުމަށް ދިޔަ، އަށް މީޑިއާއެއްގެ ނޫސްވެރިންނާ ވާހަކަދެއްކުމުން ކަމަށް އެމްޖޭއޭ އިން ބުންޏެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ވަނީ އަންގާފައެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނީ މިނިސްޓަރުން އިސްތިސްނާވާ ގޮތަށް، ބޭރުންދާ މީހުންގެ ފޯނު އެތަނަށް ވެއްދުން ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން މަނާކޮށްފައިވާ ކަމަށެވެ. އެ އުސޫލު ތަންފީޛުކުރަން ފަށާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.