English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ލީގުތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާއި ޕޮއިންޓެއް ގާތަށް މެންޗެސްޓަ ސީޓީން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސިޓީން ރޭގެ މެޗު ކާމިޔާބު ކުރިނަމަވެސް އެޓީމުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ނުދިޔައެވެ. ނަތީޖާއެއްގެ ގޮތުން ނޮޓިންހަމް ފޮރެސްޓުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ގިނަ ހަމަލާތަލެއް ސިޓީގެ ގޯލަށް ވަނީ ފޮނުވާލާފައިއެވެ. ކްރިސް ވުޑާއި އެންތަނީ އެލަންގާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހައި ލީޑުނެގިއެވެ. ލިބުނު ކޯނަރެއްގައި އެ ލަނޑު ސިޓީއަށް ޖަހައިދިނީ ޖޮސްކޯ ގްވާޑިއޯލްއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ފޮރެސްޓުން ރަނގަޅަށް ކުޅެ ސިޓީގެ ގޯލަށް ނުރައްކާކުރިއިރު، ސިޓީއަށް ދެވަނަ ލަނޑެއް ޖެހުނީ ބެންޗުގައި އިން އިތުބާރު ފޯވަޑް އާލިން ހާލަންޑް ކުޅެން ނެރެގެންނެވެ. ހާލަންޑް ބަދަލެއްގެ ގޮތުގައި ކުޅެން ނުކުމެ، ސިޓީއަށް މޮޅު ޔަގީން ކޮށްދިނީ މެދުތެރެއިން ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ލަނޑު ޖަހައިގެންނެވެ.

ރޭގެ މި މޮޅާއި އެކު، ސިޓީ ދެވަނައިގައި އޮތީ އެޓީމަށް 34 މެޗުން ލިބުނު 79 ޕޮއިންޓާއި އެކުގައެވެ. އެއީ އެއްވަނާގައި އޮތް އާސެނަލްއަށް ވުރެ އެންމެ ޕޮއިންޓެއް މަދުއަދަދެކެވެ. ލީގުގައި އަދި ސިޓީއަށް ހަތަރު މެޗު އޮތްއިރު، އާސެނަލަށް ބާކީ އޮތީ ތިން މެޗެވެ.