ފެބްރުއަރީގައި ގްރީން ފަންޑުން އެންމެ ބޮޑު އަދަދު ހޭދަކުރީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑުން 38 މަޝްރޫއުއަކަށް 65 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
ފެބްރުއަރީ މަހު ގްރީން ފަންޑުން އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. އޭގެ ތެރޭގައި ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 14.4 މިލިއަން ރުފިޔާ އަދި މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމަށް 10.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ހަމައެހެންމެ، ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް 5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 91 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ލިބުނު 89 މިލިއަން ރުފިޔާ ހިމެނެއެވެ.
ޖެނުއަރީ މަހުވެސް ގްރީން ފަންޑުން 74 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ މަހުވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ގޮނޑުދޮށް ޙިމާޔަތްކުރުމާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަށެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުން ގްރީން ފަންޑުން ޚަރަދުކުރަމުންދަނީ ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތަކަށް ކަން އެނގެއެވެ.