English Edition
Dhivehi Edition
ރެޑްވޭވް ސަލީމް

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުން ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ނަމަވެސް މައިނޯރިޓީއަށް އިހުތިރާމް ކުރައްވާނެ ކަމަށް ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލިޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުނއ ސަލީމް ވިދާޅުވީ، މެޖޯރިޓީ އޮތަސް، މަޖިލީހުގައި ބާރުގެ ބޭނުންކޮށް، ބިރު ނުދައްކާނެ ކަމަށް. އަދި މައިނޯރިޓީއަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ، އޭގެ ބަދަލުގައި މަސައްކަތް ކުރާނީ މައިނޯރިޓީއާ މަޝްވަރާކޮށް ފުރުސަތުތައް ދީގެން ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގައި އޮންނާނެ އެއްޗެއް ނޫން. އެއީ ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއް ކަމަށާ އެ އާރާއި ބާރު ބޭނުންކޮށްގެން ނަފުސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސަލީމް ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން މައިނޯރިޓީއާމެދު ކަންތައްކުރީ އެގޮތަށް ޖެެއްސުން ކޮށް، ފިއްތުންތައް ކުރިމަތި ކުރުވާ ކަންކަމަށް ހުރަސްއަޅައިގެން ކަމަށް މެންބަރު ތުހުމަތު ކުރެއްވިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 93 ދާއިރާގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ވަނީ ހޯދާފަ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑި. މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނަށް 11 ގޮނޑި ލިބިފައިވާ އިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ލިބިފައިވަނީ ދެ ގޮނޑިއެވެ. އަދި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑިއެވެ.