English Edition
Dhivehi Edition

20 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެން ދާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި މަސައްކަތް ކުރާތަން ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އައު މަޖިލިސް ރައްޔިތުންނަށް ފެންނާނީ ފާއިތުވި މަޖިލިސްތަކާ ތަފާތު މަޖިލީހެއްގެ ގޮތުގައިކަމަށާއި އެ މަޖިލީހުގައި މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރުންކަމަށެވެ.

ލިބިވަޑައިގެންނެވި މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަޤީންކަންވެސް ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބި ނުހިފެއްޓުނީ ކީއްވެކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށާއި އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ 12 މެންބަރުން ވަކިވެގެން ދިޔައީ ކީއްވެގެންކަމާއި، އެކަން އެހެން ހިނގީ ކޮން ސަބަބުތަކެއް ހުރެކަން އެންމެ ގާތުން ފެނިވަޑައިގެންނެވިކަމަށެވެ.

އަދި ކުރިން ފެނިވަޑައިގަތް ކަންތައްތަކުގެ ތަޖުރިބާގެ އަލީގައި މިހާރުގެ ސަރުކާރާއި، އަލަށް އިންތިޚާބުވި މެންބަރުންނަށް، މެޖޯރިޓީ ހިފަހައްޓަން ކުރަންޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި މިކަމަށް އޮތް އެންމެ ބޮޑު އިތުބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ދުރަށްވަޑައިގަންނަވަން ނުޖެހޭނެކަންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން މީގެ ކުރީގެ ދައުރުތަކުގައިވެސް އަދާކުރެއްވި ސީނިއަރ ބޭފުޅުން އެބަތިއްބެވިކަމަށާއި އެބޭފުޅުންގެ ތަޖުރިބާއާއެކު ދިވެހި ރައްޔިތުން ދިން މެޖޯރިޓީ ހިފަހައްޓައިގެން މިދައުރު ފުރިހަމަކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އެގޮތުން ޕީއެންސީގެ 66 މެންބަރުންނާއި ރައީސްގެ ތާޢީދާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުންނާއެކު އަޣްލަބިއްޔަތު 80 އާއި ގާތްކުރާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.