English Edition
Dhivehi Edition
ޑރ. އަހުމަދު އަދީލް ނަސީރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް ޔާސިރު އަހުމަދު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަދީލް ނަސީރު އައްޔަންކުރައްވައިފިއެވެ. މި ބަދަލު ގެނައިކަން ހޮސްޕިޓަލުގެ މުވައްޒަފުންނަށް މިހާރު ވަނީ އަންގާފައެވެ. އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު އެ މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އާ ސީއީއޯ ޑރ. އަދީލް ނަސީރަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލްއަކީ އައްޑޫގެ ސިޔާސީ ކަންކަމުގައި ވެސް ހަރަކާތްތެރި ބޭފުޅެކެވެ.

ޑރ. އަދީލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވާފައެވެ. އަދި އޭގެ ކުރިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ. އައްޑޫގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ޒިންމާތަކެއް ޑރ. އަދީލްއާ މިހާރު ހަވާލުކުރެވިފައިވާއިރު، މިއީ އޭއީއެޗްގެ ހިންގުމަށް ގެނެވުނު ބޮޑު ބަދަލެކެވެ.

ޓެގު