ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބި، އެ ގޯތި އިމާރާތް ކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުން ބޮޑު ލުޔެއް ދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ގޯތި ދޫކޮށްލަން ބޭނުންވާ މީހުންނަށް، މިހާރު ސަރުކާރުން އަޅަމުންދާ ފްލެޓުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި ނިންމުމަކީ ގޯތި އިމާރާތް ކުރަން ދަތިވެފައިވާ ނިކަމެތި އާއިލާތަކުގެ އެދުމުގެ މަތިން ނިންމި ނިންމުމެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބިންވެރިޔާގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަކީ އެ ގޯތި އިމާރާތް ކުރެވޭނެ ވަކި ދުވަހެއް ނޭނގޭ ފަދަ ނިކަމެތި ހާލަތެއްގައި ތިބި ބައެކެވެ. “އެފަރާތްތަކުން އެ ގޯތި އިމާރާތް ކުރަން ދުވަސް ނަގާނެތީވެ ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ ކޮންމެވެސް ފުރުސަތެއް ހުޅުވާލެވިގެންދާނެތޯ ގޯތި ދޫކޮށްލާފައި މިހާރު މި އަޅަމުންދާ ފްލެޓް ކެޓެގަރީއަށް އެދުމުގެ ފުރުސަތު. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް ގުޅުވާލެވޭނެ ގޮތެއް މި ކަނޑައެޅީ،” ރައީސް ވިދާޅުވިއެވެ. މި ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، މި ފުރުސަތުގެ ދަށުން ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ހާލަތަށް ސަރުކާރުން ވަރަށް ބޮޑަށް ރިއާޔަތް ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއީ ގޯތި ލިބިފައި ތިބި މީހުންނަކީ ކުރިން ގޯއްޗެއް ލިބިފައި ނެތް މީހުންނަށްވުރެ ރަނގަޅު ހާލަތެއްގައި ތިބި ބައެއް ކަމަށްވާތީއެވެ. މި އާ އުސޫލުގެ ސަބަބުން، ގޯތި ހެދުމުގެ ގާބިލުކަން ނެތް ރައްޔިތުންނަށް އަވަސް ބޯހިޔާވަހިކަމެއް ލިބި، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.