English Edition
Dhivehi Edition

އައްޑޫ ސިޓީގެ ތާރިހު ބަދަލުކޮށް، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ޕީއެންސީ އިން ހޯދައިފިއެވެ. އައްޑޫ ސިޓީގެ 8 ގޮނޑީގެ ތެރެއިން 5 ގޮނޑި ޕީއެންސީން ނަގާފައިވާއިރު އިދިކޮޅު އެމްޑީޕީ އަށް ލިބުނީ ދެ ގޮނޑިއެވެ. އަދި މިނިވަން ކެންޑިޑޭޓަށް ވަނީ އެއް ގޮނޑި ލިބިފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އައްޑޫ އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި، އަދި އެންމެ ވަރުގަދަ އެއް ދާއިރަކަމުގައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޙައްމަދު ސިނާން ކާމިޔާބުކުރީ މިހާރު ހަތަރު ވަނަ ދައުރު މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބަލިކުރައްވާފައެވެ. މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާއަށް ބަލައިރު ސިނާން ވަނީ 821 ވޯޓް ހޯދާފައެވެ. އަސްލަމަށް ލިބިވަޑައިގަތީ 642 ވޯޓެވެ.

ހިތަދޫ އެންމެ ވާދަވެރި އެއް ދާއިރާކަމުގައިވާ ހިތަދޫ މެދު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަޒާން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި މިހާރުވެސް އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު އިބްރާހީމް ނާޒިލް ހޯދިއިރު މަރަދޫ ދާއިރާގެ ގޮނޑިވެސް އެމްޑީޕީ އިން ވަނީ ކާމިޔާބުކޮށްފައެވެ.

ފޭދޫ އުތުރު ދާއިރާ އަދި ދެކުނު ދާއިރާގެ އިތުރުން ހުޅުދޫ ދާއިރާގެ ގޮނޑިވެސް ފަސޭހަކަމާއެކު ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އައްޑޫ މީދޫ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ކާމިޔާބުކޮށްފައިވާއިރު، މިއީ އައްޑޫގެ ތާރިހުގައިވެސް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.