English Edition
Dhivehi Edition

މަންމަ ވަރަށް ލޯތްބާއެކު މާޝާއަށް ވިސްނައި ދިނެވެ.” ކުށެއް ނުކުރެވޭ މީހަކު ދުނިޔެ މައްޗަކު ނުވާނެ.. އެކަމަކު އެ ކުށަކަށް މައާފަށް އެދުން އެއީ އޮތް ކަމެއް.އޭނާ މައާފު ނުކުރުން އެއީ އޭނާގެ ކިބައިގައި އޮތް ކަމެއް. ދަރިފުޅަށް މައާފަށް އެދެވިދާނެ.”

“އަދި ބުނަން.” މަންމަ އަވަސް އަރައިގެންފައިވާ ފަދައަކުން ބުންޏެވެ. “އެ ފަދަ ކަމެއް އަލުން ތަކުރާރު ނުކުރުމަށް ހިތުގައި އަޒުމު ކަނޑައަޅައި ހެއްދެވި ފަރާތުގައި ދަންނަވާ.އެނޫން ގޮތެއް އަހަރުމެން އިންސާނުންނަކަށް ނެތް.”

މަންމަ އަނބުރާލާފައި ދިޔައީއެވެ. ހަމަ އެއާއެކު އެ އަލިކަން އަނދިރި ކަމަށް ބަދަލުވެ ވަށައިގެން މަޑު ފެހި ކުލައެއް ފެތުރިއްޖެއެވެ. އޭނާ ލޯ ހުޅުވާ ބަލާލިއެވެ. ދިއްލާފައި ހުރި ފެހި ބޮކީގެ އަލީގެ ތެރޭން އޭނާގެ އަތުގައި ގުޅާފައި ހުރި އައިވީއާއި ކައިރީގައި ހުރި މޮނިޓަރގެ ތެރޭން ކޮޅުކޮޅަށް ދުވާ ރޮނގުތައް ފެނިގެން ދިޔައެވެ. އެވަގުތު ނަރުސް ކުއްޖަކާއި އެކު ޑޮކްޓަރަކު ދުވެފައި އަޔެވެ.

ނަރުސް ކުއްޖާ ޑޮކްޓަރގެ ގާތުގައި ބުންޏެވެ. “ޕަލްސް އައީ ހަމަ ދެންމެ އަކު”

ޑޮކްޓަރ އޭނާގެ ލޮލަށް އަލިކޮށް ބަލާ ހަދާފައި ބުންޏެވެ. “ޝީ އިޒް އައުޓް އޮފް ޑޭންޖަރ” މިއީ އަޖައިބެއް.ޑޮކްޓަރު ބޮލުގައި ދެއަތުން ތަޅަމުން އެތަނުން ދަމުން ބުންޏެވެ.

“ ހެނދުނު ސީނިއަރ ޑޮކްޓަރ ވަޑައިގަންނަވަންދެން މޮނިޓަރ ކުރަމުން

ގެންދޭ”

“މީނާގެ ހާލު ވަރަށް ސީރިއަސް” ޝިނާމް ބެލި ޑޮކްޓަރ ބުންޏެވެ. ” އެމަރޖެންސީކޮށް ލޭ އަޅަން ތައްޔާރު ކުރޭ.”

ހެނދުނު ޑޮކްޓަރ އައިސް ބެލުމަށްފަހު މާޝާ މުޅީން ރަނގަޅު ކަމަށް ބުންޏެވެ. އަދި ދެ ދުވަހަކު އަރާމު ކުރުމަށް އިރުޝާދު ދީފައި ދޫކޮށްލައިފިއެވެ.

ދަރިފުޅަށް ލޭ އަޅާ ނިމުމުން ގެޔަށް ދިއުމަށްޓަކައި މާޝާ ވެސް މަޑު ކުރީއެވެ. އޭނާގެ މޫނު މައްޗަކުން ބަލިވި ކަމުގެ އަސަރެއް މިހާރަކު ފެންނާކަށް ނެތެވެ. އެއާ ޚިލާފަށް އޭނާގެ މޫނު މަތީން ފެންނަނީ ހަމަ ޖެހުމާއި ތާޒާ ކަމެވެ. އެހެންޏާ ހުންނަ ކަހަލަ މޮޅިވެރިކަމެއް ހާސް ކަމެއް ނުތަނަވަސް ކަމެއް އެއްގޮތަކަށް ވެސް ނެތެވެ. ވަކީން ޚާއްސަކޮށް ޝިހާދާ މެދު ބަހަށްޓާ ގާތްކަން އިހުނާ ޚިލާފަށް ކައިރި ވެފައި އުފާވެރިއެވެ.

ޝިހާދު އޭނާ އަށް ހެނދުނުގެ ނާސްތާ ގެނަސްދިނުމުން ދެމީހުން އެކުގައި ސައިބޮއި ހީނ ހަދަމުން ގެންދިޔަ އިރު ފެންނަ ހިސާބުގައި ތިބި ނަރުސް ކުދިންނަށް މި ދެމަފިރިން ފެނުނީ އާދަޔާ ޚިލާފު ގާތްކަމެއް އޮންނަ އުފާވެރި ކާވެންޏެއް ހޭދަ ކުރަމުން ގެންދާ ޖޯޑެއްގެ ގޮތުގައެވެ. މިހާ ބޮޑަށް ގުޅޭ ދެމަފިރިއަކަށް ލޭ އަޅާ ކުއްޖަކު ލިބިފައިވާ ކަމީ އެމީހުންނަށް ދިމާވެފައިވާ ކިހާ ބޮޑު ބަދު ނަސީބެއް ބާއޭ އޭގެ ތެރޭން ކުއްޖަކު އަނެއް ކުއްޖެއްގެ ގާތުގައި ބުނެލިއެވެ.

ދަރިފުޅު ލޭ އަޅާ ނިންމާލާފައި އިރުކޮޅަކު އަދި ފޮނުވާ ނުލާ ބާއްވާފައި އޮތެވެ. އޭރު ޝިނާމް ދެމަފިރިންނާ ތޮޅެމުން ހެމުން އަޑުލައްވަމުން ދިޔައެވެ. އެހެން އޮވެފައި ހަމަ ކުއްލިއަކަށް އަޑު މަޑުވެ ވަރުބަލިވެ ހަކަތަ ދާ ގޮތް ވެއްޖެއެވެ. މި އީ ކިހިނެއް ވާ ކަމެއްކަން ނޭނގިގެން ހަމަ އަވަހަށް ޑޮކްޓަރަކަށް ގުޅައިގެން ގެނެސްފިއެވެ.

އޭރު ކުއްޖާގެ ހާލު ދަނީ ހައްތާ ސީރިއަސް ވަމުންނެވެ. ޑޮކްޓަރ ބަލާފައި އަވަހަށް އެމަރޖެންސީ އަށް ގެންދަން އަންގައިފިއެވެ. “މިއަކީ އާންމުކޮށް ލޭ އަޅާ ބަލީގެ ސިމްޓަމެއް ނޫން. މި އީ ކުއްޖާގެ ލޭގައި ނުގުޅޭ ޖެނެޓިކް މަސްއަލައެއް ހުރެގެން ދިމާވެގެން އުޅޭ ކަމެއް. ” ޑޮކްޓަރ ކައިރީގައި ހުރި ސްޓާފް ނަރސްގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ދިނެވެ.

މާޝާ ގަދަ ވެ އަދި އޭނާގެ ލޯބި ޝިހާދަށް ލިބެން ފެށުމުން ލިބުނު އުފާވެރިކަން ފަނޑުވެގެން ދިޔައެވެ. އޭނާ ހާސްވެ ކަންބޮޑު ވެއްޖެއެވެ. އޭރު މާޝާ އަށް ވެސް ވަނީ އަސަރު ކޮށްފައެވެ. އެހެންކަމުން އޭނާ ޝިހާދުގެ ގަޔަށް ލެނގިލައިގެން ދަރިފުޅު ނެރޭނެ އިރެއްގެ އިންތިޒާރުގައި އިނެވެ.

އިންތިޒާރުގެ ވަގުތު ދިގުލަވަމުން ގޮސް ދެ ގަޑިއިރު ފާއިތުވެއްޖެއެވެ. އެ ދެމަފިރިން އެހެން ތިއްބާ ދެން ލިބުނު ޚަބަރަކީ ޝިހާދާއި މާޝާގެ ކަންފަތަށް އަޑުއަހަން ކުޅަދާނަވި ޚަބަރަކަށް ނުވިއެވެ.

“ދަރިފުޅަށް އެޅި ލޭ ނުގުޅިގެން ބަދަލު ކުރަން ޖެހިއްޖެ”

އެހާ ކުއްލިއަކަށް ދެން ލޭ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މުޅި ހޮސްޕިޓަލުންވެސް އެ ބާވަތުގެ ލެއެއް ނުލިބުނެވެ. ޝިހާދުވެސް އޭނާގެ ރައްޓެހިންނަށް ގުޅަން ފަށައިފިއެވެ. އޭނާ ފުޅަށް ވެސް ގުޅައިފިއެވެ. ދަންނަހާ ބަޔަކަށް ގުޅައިގެން އެންމެން އެކަމުގައި އަވަސް އަރުވައިގެންފިއެވެ.

އެހެންނަމަވެސް ލޭ ބޭނުންވަނީ ހަމަ ވަގުތުންނެވެ.

އެންމެ ދެރައީ ޝިހާދުގެ ލޭ ދަރިފުޅާ ނުގުޅޭކަމެވެ. އަދި މާޝާގެ ލޭގެ ގްރޫޕްވެސް މުޅިއަކުން ދިމައެއް ނުވެއެވެ.

މި ވަރުގެ ކަންތައް ގަނޑެއް ހިނގަމުން ދިޔައިރުވެސް މާޝާގެ އެންމެ ގާތް ފާތުމަގެ ޚަބަރެއް ނުވެއެވެ. އޭނާއަށް މިކަން ނޭނގެނީވެސް ކަން ނޭނގެއެވެ. އެހެން ކަމުން މާޝާ ފާތުން އަށް ގުޅާލިއެވެ.

“މި އުޅެނީ ވަރަށް އަވަހަށް ދަރިފުޅަށް ލޭ ބޭނުން ވެގެން”

ފާތުންގެ ފަރާތުން ލިބުނީ އޭނާ ހީވެސް ކޮށްގެން ނެތް ފަދަ ފިނި ޖަވާބެކެވެ

.”އަހަރެން ގާތު ބުނީމާ އަހަރެން ލޭ ހޯދާނީ ކޮންތަނަކުން”

ފާތުންގެ އެ ޖުމުލައިން އެކަނިވެސް ލައްކަ ބޮޑު އެއްޗެއް އޮޅުން ފިލިއެވެ. އެހެންކަމުން މާޝާ ފޯން ކަނޑާލާފައި ހިތްވަރު ކޮށްލާފައި އޭނާ ދުވަހަކުވެސް ނުކުރާނަމޭ ހީކޮށްގެން ހުރި ކަންތައް ކޮށްފިއެވެ.

“ޝައިނީ! ކަލޭގެ ދަރިފުޅުގެ ފުރާނަ ދަނީ. ހަމަ މިހާރު އެ ދަރިފުޅަށް ލޭ ދޭން އާދޭ !”

މާޝާ މިހެން ބުނީ އަޑު އިވޭ ހިސާބުގައި ޝިހާދު އިންކަމެއް އެހާލަތަކު ނޭނގުނެވެ. ބިރުގަންނާނީ ކަނޑުވާން އުޅޭ އިރުއޭ މީހުން ބުނެއެވެ. އޭނާ މިވަގުތު މިވަނީ ކަނޑުވެފައެވެ. މިއަށް ވުރެން ބޮޑަކަށް ދެނެއް ކަނޑެއް ނުވާނެއެވެ.

ހީވީ ޝިހާދުގެ ބޯމައްޗަށް އުޑު ވެއްޓުނީ ހެންނެވެ. ނުވަތަ ބިންގަނޑު އޭނާގެ ފައިދަށުން ދެމިގެން ދިޔައީ ހެންނެވެ. އޭނާ ހުރީ އެވަގުތު އެފަދަ އަޑެއް އެހުމަށް ތައްޔާރުވެގެންނެއްނޫނެވެ.

މާޝާ އޭނާގެ ގާތުގައި އެ ދެއްކި ވާހަކަ ތައް އަޑުއަހަމުން ދިޔައިރު ހީވީ އޭނާގެ ކަންފަތަށް ވިރުވާފައި ހުރި ތިމަރަ ތަކެއް އޮއްސަމުން ދިޔަ ހެންނެވެ. އޭނާއަށް އިނދެވުނީ ނޭވައެއް ލާންވެސް ހަނދާން ނެތިފައި ކަހަލައެވެ.

 

މާޝާ އަލިފުން ޔާއަށް ހުރިހާ ވާހަކައެއް ޝިހާދަށް ކިޔާ ދީފައި ބުންޏެވެ. “ޝިހާދު!. އަހަރެންނަށް ކުށް ކުރެވިއްޖެ. ބޭވަފާތެރި ވެވިއްޖެ. މިކަމުގެ އަގު އަހަރެން ދައްކާނެ މި ނޫން ގޮތެއް ނެތް. އަހަރެން ހުރިހާ ކުށަކަށް މި އިއުތިރާފްވީ. ވާން އޮތިއްޔާ އަހަންނަށް މައާފު ކޮށްދީ. އަހަރެން ގަބޫލު ކުރަން މިއަކީ މާފު ހައްގުވާނެ ކަމެއް ނޫން ކަމަށް ވެސް. އެހެންނަމަވެސް އިތުރަށް ބުނާނެ އެކައްޗެއް ވެސް ދެން ނެތް.”

މި ބިންމަތީގައި ހަޔާތުގެ ދަތުރު ކުރަމުން ދާ އިރު ތަފާތު އެކި ކަހަލަ މޫސުންތަކާ ކުރިމަތިވަމުން ދެއެވެ. ވިއްސާރައާއި ހޫނު މޫސުމެވެ. ހަމަ ހިމޭން ކަމާއި ހަލަ ބޮލިކަމެވެ. އެއްފަހަރު އޮމާން ކަނޑެކެވެ. އަނެއްފަހަރު އަތަށް ފަޔަށް ކެތް ނުވާވަރުގެ ބިޔަ ރާޅުތަކެވެ.

މިއީ ޝިހާދު ކުޑަކޮށްވެސް ތައްޔާރުވެގެން ހުރި ފަދަ އަނރިރި ބިރުވެރި ތޫފާނެއް ނޫނެވެ. އޭނާގެ މުޅި ހަޔާތް ބަނަވެ އަނދިރި ވެގެން ހިނގައްޖެއެވެ.

ޝިހާދުގެ ހަޔާތުގައި ދުވަސްކޮޅަކަށް ދިއްލުނު އުފާވެރި ބައްތީގެ ހުޅުކޮޅު ނިވިގެން ދިޔައީ އޭނާ ބަލަބަލާ ހުއްޓައެވެ. ކަނިވަމުން ފަނޑުވަމުން ގޮސް އެންމެ ފަހުން އެ ކުށެއް ނެތް ކުޑަ ދަރިފުޅު ދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ. އަދި ބިރާއި ވޭނެއް ނުވާ ދުނިޔެއަށް ހެމުން އުފަލުން ދަތުރުކޮށްފިއެވެ.

ދުވަހުގެ އިރު އޮއްސި ކަޅުފޮއި ރެއަކަށް ކުރިމަތިލި އިރު ދަރިފުޅު ވަޅުލުމުގެ ކަންތައް ނިންމާފައި ޝިހާދު އޭނާގެ ހަޔާތުގައި އައި އެންމެ ކަނު އަނދި ރެއާ ކުރިމަތިލައިފިއެވެ.

މިއީ ދިގު ރެއެކެވެ. ނިމުމެއް ނާންނާނެ ރެއެއް ކަމަށް އޭނާއަށް އިހްސާސް ވެގެން ދިޔައެވެ.

ކެއުމެއް ބުއިމެއް ނިދުމެއް ނެތި ސަހަރާގެ ދާލައިގެ މަތީގައި ދެ އަތުގެ ތެރޭގައި މޫނު ފޮރުވައިގެން ކަރުނައިގެ ކޯރެއްގެ ތެރެއަށް ގެނބިގެން އޭނާ އެ އިންގޮތަށް އިނެވެ.

މާޝާގެ ހާލު އެންމެ ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ. ދަރިފުޅު ފެންވަރުވައި ހަދާފައި ސަންދޯކަށް ލީކަން އޭނާ ދެނެހުއްޓެވެ. އޭގެފަހުން ވީގޮތެއް އޭނާ ނުދެނެ ހުއްޓެވެ.

ހައްވަ ދައިތަ މާޝާގެ މޫނުގައި ފެން އުނގުޅައި ހެދުމުން ހޭ އަރައިފިއެވެ. އެހެންނަމަވެސް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގޭ ކަމަކަށް ނުވެ އެވެ. ކާ އެއްޗެއް ނުކައެވެ. ފެނެއް ނުވަރައެވެ.

ކޮންމެ ކަޅުފޮއި ރެއަކަށްވެސް ނިމުން އަންނަނީ ފަތިހަކުންނެވެ. އެހެން ކަމުން ދުނިޔޭގައި ދިރި ތިބި ނަމަ އެންމެ ފަހުން އިރު އަރައި އިރުގެ ދޯދި އެ ބައެއްގެ ހަޔާތަށް އަލިކޮށްލައެވެ.

ދަރިފުޅު ނިޔާވުމުގެ ހިތާމައިގައި ބަރާބަރު ހަފުތާއެއް ހޭދަ ކުރުމަށްފަހު މާޝާ ހިތްވަރުކޮށްލާފައި ތެދުވެ ފެންވަރައި ނަލަހެދިލައިފިއެވެ. އަލުން އާ ދުނިޔެއަކަށް އާ ހަޔާތަކަށް ކުރިމަތި ލުމުގެ އަޒްމުގައެވެ.

އިންސާނުންނަކީ ކުށަށް އަރައިގަނެވޭ ބަޔެކެވެ. އެކުށުގެ މަތީ މުޅި ހަޔާތް ހޭދަކޮށްލުމަކީ އޮތް އެންމެ މޮޅު ގޮތެއް ނޫނެވެ. އެހެންކަމުން ވަރުގަދަ އަޒްމަކާއެކު އޭނާ މާޒީއަށް ފުރަގަސްދީ މުސްތަގުބަލާ ދިމާއަށް އެނބުރިއްޖެއެވެ.

މި ވޭތިވެ ދިޔަ ދުވަސްތަކުގައި ކުރީކޮޅު ޝިހާދު ގެޔަށް ނުވަދެ ދެތިން ދުވަސް ހޭދަ ކުރިނަމަވެސް ފަހުން ކޮންމެވެސް ވަރަކަށް ގެޔަށް އާދެއެވެ. އެހެންނަމަވެސް ފެންވަރާ ހަދައިގެން ނުކުމެގެން ދަނީއެވެ. ގެއިން ކައިބޮއި ހެދުމެއް ނޯވެއެވެ. ނިދަން އަޔަސް ނިދަނީ ކޮޓަރިން ބޭރު ބިންމަތީ ކުނަލެއް އަޅައިގެން ބޯދަށަށް އޮވެގެންނެވެ.

މިއަދު އޭނާ ގެޔަށް އައިސް ފެންވަރާ ނިމިގެން ނުކުތް އިރު އޭނާގެ ކުރިމަތީގައި ހުރީ މިއިން ދުވަހަކު އޭނާ ދެކެފައި ނުވާފަދަ ފުރިހަމަ އަންހެނެކެވެ. އޭނާގެ އަމިއްލަ ނަފްސަށް ވުރެންވެސް ލޯބިވި އަންހެނުންނެވެ.

އެހެންނަމަވެސް މި ދިޔަ ދުވަސްތަކުގައި އެއަށް ވުރެން އޭނާ ނުރުހުނު ފޫހިވި ސޫރައެއް ނުވެސް ނެތް މެއެވެ.

އެކަން އެހެން އޮތް ނަމަވެސް އޭނާގެ ހަޔާތަށް ފުރަތަމަ އައި ލޯތްބަކީ މާޝާކަން އޭނާގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އޭނާގެ ދަރިފުޅުގެ މަންމައެވެ.

ނޫނެކެވެ. ޝައިނީގެ ދަރިފުޅުގެ މަންމައެވެ. މިހެން ހިތަށް އަރާ ކޮންމެފަހަރަކު އޭނާގެ ހިތް ކުދިކުދިވެގެން ދާހެން އޭނާއަށް ހީވިއެވެ.

”ސައި ހުރީ ތައްޔާރުވެފަ” އެއީ މާޝާގެ ދުލުން މިއިން ދުވަހަކު ބޭރުވެފައިވާ ލަފްޒެއް ނޫނެވެ.”ހިނގާ ސައިބޯން”.

މާޝާ ޝިހާދުގެ އަތުގައި މަޑުމަޑުން ހިފައިގެން ސައިކޮޓަރިއަށް އައެވެ.

ދެމީހުން އެކީ މިހާ އުފާވެރި ގޮތަކަށް ސައި ބުއި ހަނދާނެއްވެސް ޝިހާދަކަށް ނުވެއެވެ.

މި އުފާވެރި ހަޔާތަށް މި ތޫފާން ނައި ނަމަ އަމާން ބަނދަރަކަށް ވާސިލްނުވީހޭ އޭނާގެ ހިތަށް އެރިއެވެ.

”ޝިހާދު.. ދެން މާޒީ ހަނދާން ނައްތާލާ.! ބޭވަފާގެ އަގު އަދާވެ ނިމިއްޖެ. ދެން އެފަދަ ދުވަހެއް ޝިހާދަކަށް ނުފެންނާނެ”.

މާޝާ ނުހަނު ލޯތްބާއެކު ބުނަމުން ދިޔައެވެ. އޭނާގެ ފަށުއިކޮޅެއް ފަދަ މަޑު އިސްތަށިގަނޑު ފަންކާގެވަޔާ އެކު އެ ޖަންބުކުލަ އަރާ މޫނާ ކުޅެމުންދިޔައިރު ހީވަނީ އިރުއިރުކޮޅާ ކަޅު ވިލާކޮޅެއް ހަނދުގެ ކައިރިފަށުން ދަތުރު ކުރާހެންނެވެ.

ޝިހާދުގެ ކުރިމަތީގައި އެއިނީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ބަދިގޭގެ އެއް ކަނުގައި މިތަން ބަލަން ހުރި މުސްކުޅި ހައްވަ ދައިތަގެ ދެލޯ ކަރުނައިން ފުރިގެންފިއެވެ.

”ޝިހާދު! އަހަންނަށް މައާފް ކޮށްދީ” މާޝާ މިހެން ބުނި އިރު އޭނާގެ ލޮލުންވެސް ކަރުނަ ނިރާލާފައިވާތަން ޝިހާދަށް ފެނުނެވެ. އެ ހިނދުކޮޅު ދެމީހުންވެސް ބަޑި ފަޅައިގެން ދިޔައެވެ. މާޝާ އޭނާގެ ފިރިމީހާގެ މޭމަތީ މޫނު ފޮރުވާލިއެވެ.

މަޑުމަޑުން އެހެނަސް ކެތްތެރިކަމެއް ނެތް ފަދައިން ޝިހާދު ވެސް އޭނާގެ އަންހެނުން އޭނާގެ މެޔާ އެއްކޮށް ބޮނޑިކޮށްލިއެވެ. މުސްކުޅި ހައްވަ ދައިތަ ބަޑި ފަޅައިގެންގޮސް ބާރަށް ރޮއިގެންފައި އެތަނުން ނުކުމެއްޖެއެވެ.

ޝިހާދު އޭނާގެ އަންހެނުން އެދުނު ފަދައިން އޭނައަށް މައާފު ކޮށްފިއެވެ. އޭނާގެ އަނބިމީހާގެ ފާފަވެރި މާޒީ ސިއްރުކޮށްދީ ޝިނާމްގެ ކަށްވަޅުގައި ވަޅުލައިފިއެވެ.

އޭގެ ތިން މަސްފަހުން މާޝާއަށް ލިބުނީ ޝައިނީއާއި ފާތުންގެ ކާވެނި ކާރޑެކެވެ. އެއަކީ މިއަދަކު މާޝާއަށް މުހިންމު ކާޑެއް ނޫނެވެ. އެއަކީ މާޝާ ބޭނުން ކަހަލަ ރައްޓެހި ކަމެއް ނޫނެވެ. ދަތި ހާލު ޖެހުނު ދުވަހު ހާލު ބަލާ ނުލެވޭ ރައްޓެހީންނަކީ ރައްޓެހީން ކަމުގައި ބެލުމުގެ ބޭނުމެއް ނެތެވެ. މިއަދު މާޝާގެ ހުރިހާ ވެސް އުފަލަކީ އޭނާގެ ފިރިމީހާގެ ހިތް ހަމަ ޖެހުމެވެ. އޭނާގެ ހިނިތުންވުމުން ފުދެއެވެ.

ޝިހާދު އެދުވަހު ގެޔަށް އައިސް ދިއްކޮށްލި ޑޮކްޓަރގެ ރިޕޯރޓްގައި ވަނީ މާޝާ އަނެއްކާވެސް އިނީ ބަލިވެ ކަމަށެވެ. ރިޕޯޓް އަތުލާފައި ޝައިނީގެ ކާވެނި ކާރޑް ވީދާލާފައި އޭނާ އުކާލިއެވެ.

ޝިހާދު އޭނާގެ ލޯބިވާ އަނބި މީހާ އުރާލައިގެން ކަހަލަ ގޮތަކަށް ކޮޓަރިއަށް ގެންގޮސްފިއެވެ. “އަހަރެންގެ ދަރިފުޅުގެ މަންމައެވެ.” އޭނާ ނުހަނު ޔަގީންކަމާއެކު ބުނެލިއެވެ. ލޯތްބާއެކުއެވެ. ފުރިހަމަ މައާފަކާއެކުގައެވެ.

ނިމުނީ