English Edition
Dhivehi Edition

ދެންވެސް ވާހަކަ ދެއްކީ ޝިހާދެވެ. “އަހަންނަށް އެނގޭ މާޝާ ތިހިރީ އޮފީހަށް ނުފޮނުވައިގެން ނުރުހިފައިކަންވެސް. އެކަމަކު ހަމަ ފޮނުވަން ނުކެރުނީ. އެހެންނަމަވެސް މާޝާ އެދޭ ކަމެއް ކޮށް ނުދީ އުޅެގެން އަހަރެންގެ ހިތަކަށް ވެސް ހަމައެއް ނުޖެހޭނެ. އެހެންވެ މި ގުޅީ އެހެން ބުނަން. ވަޒީފާއަށް ދިޔަޔަސް އެންމެ ރަނގަޅު. އެކަމަކު ތިއީ މީހެއްގެ އަނތްބެއްކަން ހަނދާން ބަހަށްޓަންވެސް ވާނެ”.

މާޝާ އަވަހަށް ފާތުން އަށް ގުޅައިގެން ވަޒީފާއަށް އެދޭ ފޯމު ގެނުވައިފިއެވެ. އިންޓަރވިއުއަށް ދިޔަ ދުވަހުންފެށިގެން މާޝާގެ ވަޒީފާ ހަމަ ޖެހިއްޖެއެވެ.

ދުވަސްތައް ހަފުތާއަކަށްވެ ހަފުތާތައް މަސްތަކަށް ވެއްޖެއެވެ. މި ދުވަސްތައް ދިޔައީ އާދައިގެ އެހެނަސް އުފާވެރި ދުވަސްތަކެއްގެ ގޮތުގައެވެ. ފާތުންއާއި މާޝާ އެކުއެކީގައި އޮފީހަށް ގޮސް އުޅެވޭނެގޮތް ވުމުން ދެމީހުން ވެސް ވަޒީފާ އަދާ ކުރަނީ ކުރާހިތުންނެވެ. ކިތަންމެ ގިނައިރު މަސައްކަތުގައި އުޅެން ޖެހުނަސް ފޫއްސެއް ނުވެއެވެ. ކުންފުނީގެ އެންމެންވެސް މިހާރު ދަސްވެ ރައްޓެހިވެއްޖެއެވެ. އެންމެންވެސް ނުހަނު ގުޅެއެވެ. މަސައްކަތުގެ މާހައުލު ފަސޭހަވެފައި ހިތްހަމަ ޖެހެއެވެ.

ވަޒީފާއަށް ނުކުންނަން ފެށިފަހުން މާޝާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކަމަށް ޝިހާދަށް ފާހަގަކުރެވުނެވެ. އެފަދަ ރީތި އަންބެއް ލިބިފައިވާތީ އޭނާއަށް ލިބޭ އުފަލަކަށް ވުރެން އޭނާއަށް ލިބޭ ހިތްދަތިކަން ބޮޑެވެ. އެހެންނަމަވެސް އެކަމެއް މާޝާއަކަށް އޭނާ ނާންގައެވެ. ވަގުތު ތަން ދޭނަމަ މާޝާ އޮފީހުން ނިމޭ ގަޑިއަށް އޮފީސް ދޮށަށް ގޮސް އޮވެއެވެ.

މާޝާމެންގެ އޮފީސް ގެޔަކާ މާދުރެއްވެސް ނޫނެވެ. ދެ ރަށްޓެހިން އެކުގައި ވާހަކަދައްކަމުން ގެޔާހަމަޔަށް އާދެވޭއިރުވެސް އަދި ދައްކަން ފެށިވާހަކަ ނުނިމެއެވެ. ގެޔަށް ވަދެވެނީވެސް އެތައް އިރަކު ދޮރާށި ދޮށުގައި ވާހަކަ ދައްކަން މަޑުކޮށްފައެވެ. އެހެންކަމުން މާޝާ ބުނެފައި އޮންނަނީ ޝިހާދު ކޮންމެހެން ދަތުރުތައް މެދުކަނޑާލާފައި އޭނާ ބަލާ ނަޔަކަސް އެންމެ ރަނގަޅު ކަމުގައެވެ. އެހެންވެ ޝިހާދު ފަހުންފަހުން އޭނާ ބަލާ ދަނީ ވިއްސާރަ ރޭރެއެވެ. ނޫނީ އަވަސް ކަމަކު ގެޔަށް އަންނަން ޖެހިގެން މާޝާ ގުޅާފައި ބުނިއްޔާއެވެ. އެހެންކަމުން ޝިހާދު ގެޔަށް އަންނަނީ ދަތުރުތައް ނިމުނީމައެވެ. ނޫނީ ވަރުބަލިވެ ނިދިއައީމައެވެ.

ޝިހާދު ގެޔަށް އަންނައިރު މާޝާ އޮންނަނީ ނިދާފައެވެ. އެއީ އޭނާ ހެދުނާ ހޭލަން ޖެހޭތީވެސް މެއެވެ. ގަޑި ނުޖެހި އޮފީހަށް ދާން ބޭނުންވާތީއެވެ. އެހެންކަމުން ޝިހާދުވެސް އޭނާއަށް ގޮވާކަށް ބޭނުމެއް ނުވެއެވެ. ޝިހާދުއަންނަނީ ބޭރުން ކައިގެންނެވެ. މާޝާ އޮފީހުގައި އުޅެ ވަރުބަލިވެގެން ގެޔަށް އައިސް ކޮންމެހެން ކައްކަން އުޅޭނެ ކަމެއް ނެތޭ އޭނާ އޮންނަނީ ބުނެފައެވެ. މާޝާވެސް އަންނަނީ އޮފީސް ކުދީންނާ އެކު ތަނަކުން ކައިގެންނެވެ. ގޭގައި ކެއްކުމުގެ ކަންތައް ހިނގަނީ ހަމަ އެކަނި ހުކުރު ދުވަސް ދުވަހަށެވެ. އެކަންވެސް އޮންނަނީ ބޮޑު މަޖާގަނޑެއްގެ ގޮތުގައެވެ. ފާތުންއާއި އަދިވެސް ދެތިން ކުދިންވެގެން މަޖާގަނޑެއް މޮޑެލާނެއެވެ. ނޫނީ ނޫޑްލްސް ގަނޑެއް ކައްކާފާނެވެ. ނޫނީ ހުކުރު ދުވަސް ދުވަހަށް ދާނީ ދަތުރަކުއެވެ. އެހެން ތަނެއް ނެތިއްޔާ ވިލިގިއްޔަށެވެ.

ޝިހާދު ދެތިން ފަހަރަކު މި ވާހަކަ ދައްކައިފިއެވެ. ދެމީހުންގެ ދުރުކަން ބޮޑުވާ ވާހަކައެވެ. ޝިހާދު މިހާރު ހުންނަން މިޖެހެނީ ގޭގައި އުޅޭ މީހެއްގެ މަގާމުގައެވެ. ރޭނގަޑު ގެޔަށް ނިދާލަން އަންނަ ކަމެވެ. ދައްކާނެ ވާހަކައެއް ބަދަލު ކުރާނެ ޚިޔާލެއް ނޯވެއެވެ. ދެމީހުންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުންތައް ދުވަހެއް ދުވަހަކަށް ހީނަރުވާން ފަށައިފިއެވެ. އަންބެއްގެ ވާޖިބު ވެސް ދިޔައީ އަދާ ކުރެވެމުން ނުކުރެވެމުންނެވެ.

އެއީ އޮފީސްތެރޭ ސަކަރާތްގަނޑެއްގަނެ މަޖާ ކުރި ދުވަހެކެވެ. ފާތުންއާއި މާޝާވެސް ވަނީ ވަރުބަލިވެފައެވެ. ހީނހީނ މޫނު ރަތްވެފައެވެ. ބަނޑުގައިވެސް ރިއްސައެވެ.

ހުރިހާ ސަކަރާތެއްގައި އިސްކޮށް ހުރީ ޝައިނީއެވެ

ފާތުން އާއި މާޝާ އެކަނިވީމާ އާދައިގެ މަތީން ދައްކާ ވާހަކަތައް ފެށިއްޖެއެވެ

”ދެން މާ ލަސްނުކޮށް ތިޔަ ކަންތައް ކުރަންވީނު؟” ފާތުން މިފަހަރު މިހެން ބުނީ ހަމަ ސީރިއަސް ކޮށެވެ. އޭނާއަށް ވަރަށް ރީއްޗަށް މާޝާ ޝައިނީ އާ މެދު ވިސްނާ ވިސްނުމާއި ހިނގާ ކަންތައް ފެނެއެވެ.

”ފާތުން ތިހެން ތިޔަ ބުނީ ހާދަ ސީރިއަސް ކޮށޭ.” މާޝާ މާ ބޮޑު ސީރިއަސް ކަމެއް ނެތި ބުންޏެވެ. “ޝައިނީ އުޅޭ ކޮންމެ ކުއްޖަކާއެކުވެސް އެފާޑަކަށް ނޫންތަ؟ އެހެން ނޫނަސް އަހަރެން މީ މީހެއްގެ އަނތްބެއް ނޫންތަ؟”

”ތިކަން ނޭނގެނީ ކާކަށް ؟” ފާތުންގެ ރާގުގައި ސަމާސާކަމެއް ނެތެވެ. “ހުރިހާ ވަގުތެއް ޝައިނީ އެ ހޭދަ ކުރާނީ މި ސެކްޝަން ތެރޭގައި. އޭނާއަކީ މެނޭޖަރުގެ ދަށުން ހުންނަ މީހެއް. މާޝާއަށް ރިޕޯޓް ތައްޔާރު ކޮށްދީ ޓައިޕް ކުރާ އެއްޗެހީގެ ކުށް ކަނޑައިދީ ޕިއްޒާ ގެނަސްގެން ކާންދީ ހަދަނީއޭނައެއްނު؟ އޭނާ ލޮލަށް ވެއްޓޭ ކުނިކޮޅުވެސް މާޝާ ނޫން މީހަކަށް ފެންނަ ކަމަކަށް ނުވޭ. މިހެންގޮސް ދައްކާފައި ނުދައްކާނީ ކޮން ވާހަކައެއް؟” ފާތުންގެވާހަކަ ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ. “އަހަރެން މި ސެކްޝަނުގައި އުޅޭތާ އަހަރުވީއިރުވެސް ޝައިނީ މިތަނަށް ވަން ދުވަހެއް ހަނދާނެއް ނެތް. މިހާރު އެހެންތަ؟ އަހަރެން ނެތިއްޔާ އޭނާ މިތަނަކުން ނުނުކުމެއެއްނު؟ އަހަންނަކަށް ނާދެވޭ އޭނާ މިބައިގައި ނޫޅޭ އިރަކު”.

”ދެން ތިޔަ ވާހަކަ ނުދައްކަންވީނު ފާތުން.” މާޝާއަށް މި ވާހަކަތަކުން އުނދަގޫ ވެއްޖެއެވެ. “ޝައިނީއަކީ ތެލަސީމިޔާ ކެރިއަރެއް”.

”އެކަމަކު މާޝާ ތީ ކެރިއަރެއް ނޫނެއްނު.” ފާތުން އަވަހަށް އެވާހަކައަށް ރައްދު ދީފިއެވެ. “ދެ ކެރިޔަރުން ޖެހުނީމައެއްނު މަސްއަލަކަށް ވަނީ؟”

”ތިޔަ ކަންތަކެއް އަހަންނަކަށް ނޭނގެ.” މާޝާ އަކަށް ފާތުންގެ ހަމަލައަކުން ސަލާމަތެއް ނުވެވުނެވެ. “އެހެންނޫނަސް މަށަށް ފެންނަނީ އެކަންތައް ފާތުން ކުރަން. ހުސްކޮށް ހުރީވެސް ފާތުންނެއް ނޫންތަ؟”

”އާ ހުސްކޮށް ހުރީ އަހަރެން. އިށީންނަނީ މާޝާގެ ގޮނޑީގައި”

ދެ ރައްޓެހީންގެ ދެމެދުގައި މިވާހަކަ މިހާ ސީރިއަސްކޮށް މީގެ ކުރިއަކުން ދެކެވިފައެއް ނުވެއެވެ.

ޝައިނީގެ ކިބައިގައި ހުންނަ ބާރެއް އެއީ ކީއްވެ ކޮން ސަބަބަކާހެދި ހުންނަ ބާރެއްކަން ދެނެގަންނާކަށް އެއް ކުއްޖަކަށް ވެސް ނޭނގެއެވެ. އޭނައަކީ އިސްކޮޅުން ދިގު މީހެކެވެ. ތަންކޮޅެއް ހިމަ ތޮޅިކަމަށް ދައްކަނީ އެހެންވީމައެވެ. އިސްތަށިގަނޑު ވަރުގަދައެވެ. ރީއްޗަށް ހެދުން އަޅާފައި ހުންނަ ސްމާރޓް މީހެކެވެ. ދުވާލުގަޑީގައި އަވި އައިނު އަޅައިގެން ހުއްޓާ ފެނުމުން ކޮންމެ ކުއްޖަކުވެސް ދެފަހަރު ބަލާލައެވެ. ޝާހިދު ކަޕޫރޭ ވެސް ބައެއް ކުދިން ބުނެލައެވެ.

ފާތުންއަކީ އިސްކޮޅުން ކުރު މެދުމިނަށް ވުރެން ކަޅު ކުއްޖެކެވެ. އެހެން ކަމުން އެއް އޮފީހެއްގައި އުޅުނަސް ފާތުން ޝައިނީއަކާ މާ ގައިގޯޅިއެއްވެސް ނުވެއެވެ. އޭނާއަށް އޭނާއަކީ ރީތި ކުއްޖެއް ނޫންކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އޭނާ ފުރަތަމަވެސް ރައްޓެހިވެގެން އުޅޭ ކުއްޖާއާ އެކީގައި އުޅެވޭތޯ ބަލަމުން ދަނީއެވެ. އެހެން ނޫނަސް ފެންނަހާ ދަޅައަކަށް ލޯ ދިނުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫންވީމައެވެ.

މާޝާ އެރޭ ނިދަން އޮށޯވެ ޝައިނީއާ މެދު ވިސްނަމުން ދިޔައެވެ. އަބަދު ޝައިނީ ޝައިނީ އޭނާގެ ކަންފަތުގައިއާއި ސިކުނޑީގައި ހަރުލާފައި ހުރެއެވެ. ޝައިނީގެ ޚިޔާލުތައް އޭނާގެ ހިތާ ދުރަށް ލުމަކީ ވާވަރުގެ ކަމެއް ނޫނެވެ. ކިތަންމެ ހަނި ދަނޑިވަޅެއް ލިބުނަސް ޝައިނީ އޭނާގެ ގާތަށް އަންނާނެއެވެ. އެއްޗެއް ބުނެލާނެއެވެ. ހަރަކާތެއް ކޮށްލާނެއެވެ. ނުހޭން ހުއްޓަސް ނުހެވިއެއް ނުހުރެއެވެ. ރުޅި އާދެވޭނެ ގޮތެއް ވެސް ނޯވެއެވެ. ސެކްޝަން ބަދަލު ކުރިޔަސް ޝައިނީއަކާ ދުރަކަށް ނުދެވޭނެއެވެ. އަދި އޭރުން ފާތުންއާ ވަކިން އުޅެން ޖެހޭތީ މާ އުނދަގޫވެސް ވާނެއެވެ. އޮފީސް ބަދަލު ކުރުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. މަގާމު ތަކަށް މިހާރު ކުރިމަތިލާ ކުދީންގެ ފެންވަރު އޭނާއަށް ވުރެން އެތައް ތަނެއް މައްޗެވެ. އެހެން ނޫނަސް މި އޮފީހަކީ އުޅެން ފަސޭހަ މުސާރަ ރަނގަޅު މަޖާވެސް އޮފީހެކެވެ. މި އޮފީސް މިހާ މަޖަލީވެސް ޝައިނީ އުޅޭތީ ކަމަށް އެންމެންވެސް އެއްބަސްވެއެވެ.

އެ ރެއަކީ ހުކުރުވިލޭރެއެކެވެ. ޝިހާދުވެސް ތަންކޮޅެއް އަވަހަށް ގެއަށް އައި ރެއެކެވެ. ވިއްސާރަވެ ގުގުރާނަމަ މާޝާ ވަރަށް ބިރު ގަންނާނެއެވެ. އެހެން ކަމުން ޝިހާދުގެ އެހީތެރިކަމަށް ބޭނުންވި ރެއެކެވެ.

އެފަދަ ރޭރޭ ލިބޭލެއް މަދު ކަމާއެކު ޝިހާދުވެސް އެހެން ރޭރެއާ ތަފާތުކޮށް މާޝާއާ އެކު ހޭދަކުރި ވަގުތުތަކުގައި އުފާވެރިކަން އެކުލަވަމުން ދިޔައެވެ. މާޝާވެސް އެހެން ރޭރެއާ ތަފާތު ކޮށް ޝިހާދާއި އެކު މި އުފާވެރި ވަގުތުކޮޅުގައި ބައިވެރިވަމުން ދިޔައެވެ. އެހެންނަމަވެސް މި ކަންތަކުގެ ތެރޭގައި މާޝާގެ ޚިޔާލުތައް އޮޅުން ބޮޅުންވެ މަސްހުނިވެގެން ދިޔަ ދަނޑިވަޅު އޭނާއަށް އެތަކެއް ފަހަރު ޝައިނީ ޝައިނީއޭ ކިއުނުކަން ޝިހާދަށް ފާހަގަ ކުރެވުނެވެ.

މަސްއަލަތައް ހިމޭންކަމާއެކު އުފެދެމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. މިއީ އެކަންތައް ބޮޑުވި ހިސާބެވެ. ގޮވަން ތައްޔާރުވެފައިވާ ޑައިނަމައިޓެއް ހެން ހަމަ އެވަގުތު ގޮވައިފިއެވެ.

”ޝައިނީއަކީ ކާކުތަ؟” ޝިހާދުގެ މޫޑު ވަގުތުން ބަދަލުވެ ރުޅި ރަތަށް އަރައިފިއެވެ.

”އެއީ . އެއީ.” މާޝާ ބުނަން އުޅުނެވެ. “އެއީ އޮފީހު މީހެއް. ކޮބާތަ މަސްއަލައަކީ.؟”

”މަސްއަލައަކީ މިއީ.” ޝިހާދުގެ މޫނުން އެހާ ގަދަ ރުޅިއެއް މާޝާ ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. “ތިޔަ މީހެއްގެ ނަން ކިޔަންވީ އަހަރެންގެ ގާތުގަ އޮންނަ އިރުގަތަ؟ މަށާއެކު އޮންނަ އިރު އެހެން މީހެއްގެ ނަން ކިޔަން ޖެހެނީ ކީއްވެ؟ އަބަދު ހިތުގައި އޮންނާތީއެއް ނު؟ އެހެން ނޫންނަމަ ކީއްވެތަ އެނަން ކިޔެންވީ؟”

މި ޒުވާބުގަނޑެއްގައި މުޅި ރޭނގަޑު ޚަރާބުވެ ނިދިގެއްލިއްޖެއެވެ.

އަނެއް ދުވަހު އޮފީހަށް ދިޔަ މަގުމަތީގައި ފާތުންއާއެކު މި ވާހަކަ ދެކެވިއްޖެއެވެ. މައްސަލަ މިއޮތީ ވަރަށް ގޯސްވެފައެވެ. ފާތުންއަކަށް މިވާހަކަ އާ ކަމަކަށް ނުވިއެވެ. މިއީ އޭނާ މާ ކުރިއްސުރެންވެސް ވާނެ ކަމަށް ހީކުރަމުން އައި ކަމެކެވެ. މާޝާއަށް ޝައިނީ ނޭގުނަކަސް ފާތުންއަށް ރަނގަޅަށް އޭނާ އެނގެއެވެ. މާޝާ ކަހަލަ “ދިފާއީ ބާރު ދެރަ” ކުއްޖަކު އަޅުވާލާކަށް ޝައިނީއަކަށް ކަމެއް ނޫނެވެ. މިހާރު ދެން މާޝާއަކަށް އޭނާގެ ހިތަކުން ފިލުވައެއް ވެސް ނުލެވޭނެއެވެ.

”އަހަރެން ތިކަމާ މެދު ބުނާނެ އެއްޗެއް ނެތް.” ފާތުން ރަނގަޅަށް ވެސް ހަމްދަރުދީވިއެވެ. “ޝައިނީއަކީ ހުރިހާ މަލަކުން ފޮނިބޯ މާބުރެއް. އެއްވެސް މަލެއްގައި އޭނާ މާ ގިނަ އިރަކު އިށީނދެއެއް ނީންނާނެ”

އެއީ މާޝާއަށް ވެސް އެނގޭ ކަމެކެވެ. އެކަމަކު ކަންތައް މިހާ ހިސާބަށް އައީ އޭނާގެ އިޚްތިޔާރަކުވެސް ނޫނެވެ. މިހާރު ފިރިމީހާވެސް އެވަނީ ވަރި ފަށުގައެވެ. އެކަމެއް އޭނާގެ ހިތަކުން ފިލުވައެއްވެސް ނުލެވޭނެއެވެ. ވަރިކޮށްފައި ދިޔައިމާ އޭނާއަށް އެހެން މީހަކު ލިބިވެސްދާނެއެވެ. އެކަމަކު އިނދެއިނދެފައި ވަރި ވަމުން ދިއުމަކީވެސް މާކަ ރީތި ކަމެއް ނޫނެވެ. އެހެންކަމުން އޭނާވެސް ދެން ގަސްތު ކުރީ ވީހާވެސް ބޮޑަށް ޝައިނީއާ ދުރުހެލި ވުމަށެވެ.

މާޝާ އޮފީހުގެ މެނޭޖަރާ ވާހަކަ ދައްކައިގެން އެހެން ޑިޕާޓްމަންޓަކަށް ބަދަލުވެއްޖެއެވެ. މި ވަގުތު އެ ނޫން ގޮތެއް ނެތް ކަމަށް ފާތުންވެސް ލަފާ ދިނުމާއެކު އެވެ. އެހެންކަމުން ކުރިއާ ޚިލާފަށް ޝައިނީ އޭނާއާ ގައިގޯޅިވެ އުޅުމުގެ ފުރުސަތު ކުޑަ ވެއްޖެއެވެ.

ޝިހާދު ބޭނުމީ މާޝާ އޮފީހަށް އެއްގޮތަކަށް ވެސް ނުފޮނުވާށެވެ. އެހެންނަމަވެސް އެހެން ހަދައިފިނަމަ އަނެއްކާވެސް ނުކުންނާނީ ކުރީގައިވެސް ނުކުތް މަސްއަލައެވެ. އޭނާ ފޫހިވުމުގެ މަސްއަލައިގެ އިތުރަށް އެހެން ދިމަ ދިމާއަށް ނުކުތުމުގެ ފުރުސަތު ވެސް އަތުވެދާނެއެވެ. އަދި އެހެންނޫނަސް ޝިހާދުގެ ޓެކްސީ ދަތުރުތަކުން މަރާމާތަށް ފައިސާދައްކައި އަދިވެސް ނުނިމޭީ ގޭގެ ޚަރަދު ބެލެހެއްޓުންވެސް މިވަގުތަށް ދަތިވާނެތީއެވެ. ކޮންމެ ގޮތެއްވިޔަސް ޝިހާދަށް އެހެން ގޮތެއް ނެތެވެ. ގެޔަކީ މާޝާގެ ގެއެވެ. އޭނާ ހަމަ ދާއިރަށް މާޝާއާ އިންނާނެ މީހުން ވާނެއެވެ. ގޮތެއް ނެތީ އޭނާއަށެވެ. ކިތަންމެ ހިތަށް އުނދަގޫ ކަމަކަށް މިކަން ވިޔަސް ކެތް ކުރުން ނޫން ގޮތެއް ނެތެވެ. އޭނާ ގަސްދު ކުރީ މާޝާއަށް އިތުރު އުނދަގުލެއް މި ކަމުގައި ނުކުރުމެވެ. އެއީ ނުވާ ކަމަކަށް ހެދުމަށެވެ. އަދި އޭނާއަށް ދެވުނުހާ ވަރަކަށް މާޝާއަށް ހިތް ހަމަ ޖެހުން ދެވޭތޯ ބެލުމަށެވެ.

މާޝާ ސެކްޝަން ބަދަލު ކުރިވާހަކަ ޝިހާދުގާތު ބުންޏެވެ. އަދި އެ ދެމެދުގައި އެއްވެސް ކަމެއް ހިނގާފައި ނެތް ވާހަކަވެސް ވަނީ ބުނެފައެވެ. އެހެން ކަމުން ޝިހާދުވެސް މިހާރު އުޅެނީ ވަރަށް ހަމަޖެހިގެންނެވެ.

އޮފީސް ދަތުރު އޮތް ދުވަހެކެވެ. ޝިހާދު ގާތު ދަތުރުދާ ވާހަކަ މާޝާ ބުނެފިއެވެ.

”ކޮންކޮން ބައެއްތަ ދަނީ؟” ޝިހާދު ހުރީ ނުތަނަވަސްވެފައެވެ. “އެންމެންވެސް ދާނެ. ފާތުން އާއި އަހަރުމެން ސެކްޝަން ތިބޭނީ ވަކިން. އެ ސެކްޝަނުގައި ތިބޭނީ މުޅިން އަންހެން ކުދިން”

”އެކަމަކު،” ޝިހާދު އޭނާ ފޮނުވާކަށް ބޭނުމެއް ނޫނެވެ. އޮފީސް ދަތުރުގެ ކަންތައް ހުންނަ ގޮތް އޭނައަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭތީއެވެ. “މިއޮތް ވިއްސާރައިގައި ކޮން ބައެއްތަ ދަތުރު ދާނީ؟”

”ދަނީ ބޮޑު ދޯންޏެއްގައި.”

”ކޮން ރަށަކަށް؟”

”ހިންމަ ފުށްޓަށް.”

ޝިހާދުގެ ލަގޮނޑިއަށް ހީވީ މީހަކު ފިތާލި ހެންނެވެ. “މާޝާ ކޮންމެހެން ދާން ޖެހޭތަ؟” އެއީ ޝިހާދަށް އެންމެ ނުސީދާކޮށް ހުރަސް އަޅަން ކެރުނު ވަރެވެ

-ނުނިމމޭ-.