English Edition
Dhivehi Edition

ވޭތިވެގެންދާ ކޮންމެ ދުވަހަކީ ބޮޑު ދުވަހެކެވެ. ދަރިފުޅު އެއްފަހަރު ނޭވާލިހެން ހީވިއްޔާ އަނެއްފަހަރު ނޭވާލާކަން ޔަގީނެއް ނޫނެވެ. އެހެންނަމަވެސް ކުރަމުންދިޔަ ފަރުވާއާއި ހިނގި ބޮޑެތި ޚަރަދުގެ ސަބަބުން އެންމެފަހުން ހޮސްޕިޓަލުން ދެމައިން ނެރެވިއްޖެއެވެ. އޭރު ޝިހާދުވަނީ ދެވަރުން އެއްވަރުވެ ހާންތިވެ އަތްމަތި ހުސްވެފައެވެ.

ޝިހާދު އެގޮތަކުން މިގޮތަކުން ދެމައިން ބަލަހަށްޓަމުން ގެންދިޔައެވެ. ރަށުން ތިމާގެ އަންހެނަކު މާޝާއަށް ހޭހަން ކުރަން ގެނަސްފިއެވެ. އެހެންކަމުން އަނެއްކާވެސް ޝިހާދަށް އާމްދަނީ ހޯދުމަށް ނުކުމެވިއްޖެއެވެ.

ޝިހާދު ހުރީ އުފަލުންނެވެ. އޭނާގެ އަތް ހުސްވިޔަސް މިއަދު އޭނާއަށް އެވަނީ ފިރިހެން ދަރިޔަކު ލިބިފައެވެ. މާޝާއަކީ އޭނާގެ ދަރިފުޅުގެ މަންމަ އެވެ. އެގޮތުން މާޝާ އޭނާއަށް މުޅީން މިލްކްވީ ކަމުގެ ހިތްހަމަ ޖެހުން ލިބިފައިވެއެވެ.

މިއަދު މާޝާއަކީ އޭނާ މީގެ ކުރީގައި އިނދެގެން އުޅުނު ރީތި ޕަރީއެއް ކަހަލަ ކުއްޖާއެއް ނޫނެވެ. ހޮސްޕިޓަލުގައި ބަލި އެނދުގައި އެހާ ގިނަ ދުވަސް ހޭދަ ކުރުމުގެ ސަބަބުން މީހާގެ ސިއްހަތު ގެއްލި މޫނުމަތި ވަޅުވަދެ ސިފަ ގެއްލިއްޖެއެވެ. އެހެން ކަމުން މާޝާގެ ދިރިއުޅުމުގައި ގޭގެ ހަތަރު ފާރު ނޫން ތަނެއް ފެނުމުގެ ފުރުސަތު މުޅީންހެން ނެތިފައިވެއެވެ.

ކުރިއާ ޚިލާފަށް މިހާރު ފާތުން އާއި އޮފީހުގެ ކުދީންވެސް އެހާ ގިނައެއް ކޮށް އައިހެއް ނޫޅެއެވެ. އަޔަސް ނަގާނެ މަޖަލެއް ކުރާނެ އުފަލެއް ވެސް ނޯވެއެވެ. އެހެންކަމުން ދުވަހެއް ދުވަހެއްވިއްޔާ އެމީހުން ވެސް ދިޔައީ ދުރުހެލި ވަމުންނެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާއެކު ދަރިފުޅު ބެލުމުގެ ޒިންމާ މާޝާ އެކަނި މާ އެކަނި އުފުލަމުން ދިޔައެވެ. ދަރިފުޅު ޝިނާމް ބޮޑުވަމުންދާ ވަރަކަށް އޭނާގެ ސޫރަ ފާޅުވަމުން ދާތަން މާޝާއަށް ފެންނަމުންދެއެވެ. އޭނާއަކީ ހަމަ ކުޑަކޮށްލާފައި ހުރި ޝައިނީއެވެ. މާޝާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަން އޮތީ ޝައްކުވެފައެވެ. އެކަން ޔަގީންވީ ކުއްޖާއަކީ ލޭ އަޅާ ކުއްޖަކަށް ވީކަން އެނގުމުންނެވެ..

މިހެން މިކަން އޮތަސް ޝިހާދަކަށް މިކަމެއް އެއްގޮތަކަށް ވެސް ރޭކައެއް ނުލައެވެ. އޭނާ އިންތިހާއަށް އެ ކުއްޖާ ދެކެ ލޯބިއެވެ. އަދި ބުނެއެވެ. “އަހަރެންގެ ޝިނާ އަހަންނާ ކިހާ ވައްތަރުތަ؟ މާޝާއާ އެންމެ ތަންކޮޅެއްވެސް ވައްތަރެއް ނޫން.”

ޝިހާދަކީ ކިހާ ނުވިސްނޭ މީހެއްހޭ މާޝާގެ ހިތަށް އަރައެވެ. އެހެންނަމަވެސް އެއީ މާޝާގެ ނަސީބެވެ. އެހެންނޫންނަމަ އޭނާއަށް އުފުލަން ޖެހޭނީ ކިހާ ބޮޑު ބުރައެއް ހެއްޔެވެ؟ ޝިހާދު އޭނާ ވަރިކޮށްލައިފިއްޔާ މިއަދު އޭނާ ޖެހޭނީ އަމިއްލަ ހާލުގައި ލޭ އަޅާ ކުއްޖަކު ބަލަހަށްޓާށެވެ. އެއަކީ ވާވަރުގެ ކަމެއް ނޫނެވެ. ކޮންމެ މަހަކު ކޮންމެ މަހަކު އޭބީ ގުރޫޕުގެ ލޭ ހޯދަންޖެހެއެވެ. އޭގެ އިތުރުން އެކިކަހަލަ އިންޖެކްޝަން ޖަހަން ޖެހެއެވެ. ލޭ އަޅަން ޖެހުމަކީ މިހާ ބޮޑުކަމެއް ކަމެއް އޭރަކު ނޭނގެއެވެ.

ޝިހާދުގެ ރައްޓެހި ޑްރައިވަރުންގެ އެންމެންގެ ގައިން ލޭ ނެގިއްޖެއެވެ. މިހާރު ޖެހެނީ އެހެން ގޮތްގޮތުން ލޭ ހޯދާށެވެ. އޭރު ޝިހާދުގެ ދުރުތާ ތިމާގެ ސިފައިންގެ މީހެއްގެ އެހީ ކޮންމެވެސް ވަރަކަށް ހޯދަން ޖެހެއެވެ. އޭނާގެ އެހީގައި ކޮންމެ މަހަކުވެސް ލޭ ލިބޭނެގޮތް މެދުވެރި ވެއެވެ.

މި ގޮތުގައި ދެ ތިންމަހެއް ހޭދަވިތަނާ އޭނާ މާޝާއަށް ތަންކޮޅެއް ގިނައިން ގުޅަން ފަށައިފިއެވެ. އެހެންނަމަވެސް އެވާހަކަ ޝިހާދުގާތުގައި ބުނާކަށް މާޝާއަކަށް ނުކެރުނެވެ. އެއީ ފުޅުގެ އެހީ ނުލިބޭ ނަމަ އޭނާއަކަށް މަހުން މަހުން ލޭ ހޯދާކަށް ފަސޭހައެއް ނުވާނެތީއެވެ.

ފުޅު އުޅެނީ ހުވަދޫ ކުއްޖަކާ އިނދެގެންނެވެ. ދެމީހުންގެ ދެމެދުގައި ބޮޑެތި މަސްލަޖެހި ވަރިވެ އިނދެ އުޅެމުން ދެއެވެ. ފުޅު ބޭނުމީ މާޝާގެ ރައްޓެހި ކަމެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައި ދިނުމަށެވެ. މާޝާއާ އެކި ކަންކަމުގައި ހިއްސާ ކޮށް ވަގުތު ހޭދަ ކޮށްލުމަށެވެ. މިއަކީ މާ ބޮޑު ކަމެއްވެސް ނޫންތާއޭ މާޝާގެ ހިތަށް އެރިއެވެ. މިވަރުގެ ކުޑަ ކަމަކާ ހެދި ފުޅު ދެކެ ޝިހާދު ރުޅިއަންނާނެ ގޮތް އެވަރަކުން ހަދާނެ ކަމެއް ނެތޭ އޭނާ ހިތަށް އެރިއެވެ. އެއަށް ވުރެންވެސް ބޮޑެތި ކަންތައް އޭނާ މިވަނީ ޝިހާދަށް ސިއްރު ކޮށްފައެވެ. އެހެންކަމުން ޝިހާދު އުޅެނިކޮށް ފުޅު ގުޅާލިޔަސް މާޝާ ވަގުތުން ރާގު ބަދަލު ކޮށްލައެވެ. ފާތުން އެއް ނޫނީ ޝީލާއަކާ ވާހަކަ ދައްކާ ކަމަށް ހަދާލައެވެ.

ޝިހާދު އޭނާ ވާހަކަ ދައްކަނީ ކާކާތޯ ބަލައި ފާރަލައެއް ނަހަދައެވެ. އަދި ދިމާ ފެންނަ ތަނުގައި ފޯނު އޮންނަ އިރުވެސް ގުޅާފައި ހުރީ ކޮންކޮން ނަމްބަރަކަށްތޯ އެއް ވެސް ބަލައެއް ނުލާނެއެވެ. މިހެން ކަމުން ފުޅަށް މިނިވަންކަމާއެކު މާޝާއާ ވާހަކަ ދައްކާ ހެދެއެވެ. އަދި ދަރިފުޅަށް ލޭ އަޅަން އޮންނަ ދުވަސް ދުވަހު މަދު މަދުން ގެޔަށް އައިސް ވެސް ހަދައެވެ. މިކަމަކާ ޝިހާދު މާ ބޮޑު އަޅާލުމެއް ވެސް ނޯވެއެވެ.

އަނެއްކާވެސް މާޝާގެ ހަޔާތަށް ތޫފާނީ ރެއެއް އަތުވެއްޖެއެވެ. އެކަންވެސް ހިނގީ ހަމަ ކުއްލިއަކަށެވެ. އެއް ދުވަހަކު އަންގާވެސް ނުލާ ފުޅު އެގެއަށް އައި ރެއެކެވެ. އެއީ އިރާކޮޅެވެ. އޭރު އޭނާ ހުރީ ވަރަށް ނުތަންވަޅުވެފައެވެ. އޭނާ މާޝާގެ ކިބައިން ކުޑަކުޑަ އެހީ އަކަށް އެދުނެވެ. އެއީ މާ ބޮޑު އެހީއެއް ނޫނެވެ. އެކަމަކު އެއީ އަނެއްކާވެސް މާޝާގެ ދުނިޔެ އެފުށް މިފުށަށް ޖެހެން ދިމާވި ކުޑަ ކުޑަ ހާދިސާއެކެވެ.

ޝިނާމް ބޮޑުވަމުން ދިޔަ ވަރަކަށް ދެމަފިރީންނަށް ލިބެމުން ދާ އުފާވެރިކަން ބޮޑުވަމުން ދިޔައެވެ. ޝިހާދުއަށް މަސައްކަތަށް ދެވެނީ ވެސް އެތައް ވަރަކުންނެވެ. އެއީ ޝިނާމް އޭނާ ނުފޮނުވާން އުޅޭތީއެވެ. ދާން ހިނގައިގަންނަ އިރަށް ރޮއިގަންނާތީއެވެ. ބައްޕައޭ ކިޔާފައި ގޮވާ ވަރުންނެވެ. ޝިހާދުގެ އުފަލުގެ ހައްދެއް ނެތެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އެ ދަރިފުޅު ކަމަށް ވެފައިވެއެވެ. ގެއަށް އަންނަ ކޮންމެ ފަހަރަކު ކުއްޖާއަށް ދިއުމަށް ކޮންމެވެސް ހަދިޔާއެއް، މެޓައެއް މޭވާއެއް ގެނެއެވެ. ކޮންމެވެސް ކުޅޭ އެއްޗެއް ގެނެއެވެ. އަލަށް ހެދި މަތީބުރީގެ ކޮޓަރި ފުރިފައިވަނީ ފާޑުފާޑުގެ ޒާތްޒާތުގެ ކުޅޭ ތަކެތީންނެވެ.

ޝިހާދުގެ އެންމެ ބޮޑު ހިތާމައަކީ އެކުއްޖާ ދުނިޔޭގައި ހުންނާނީ ކިހާ ދުވަހެއްކަން ނޭނގޭތީއެވެ. ލޭ އަޅާ ކުދީން ދުވަސްކޮޅަކުން ދުނިޔެ ދޫކޮށްދާތަން ފެންނާތީއެވެ. އުންމީދެއް ލިބެނީ އެފަދަ ބައެއް ކުދީން ދުނިޔޭގައި ތިބޭތަން ވެސް ފެންނާތީއެވެ. ކޮންމެ ގޮތެއް ވިޔަސް ޝިހާދު އެކުއްޖާ ދުނިޔޭގައި ބެހެއްޓުމަށް ކުރެވުނުހާ ކަމެއް ކުރަމުން ގެންދާނެއެވެ.

ޝިހާދަށް ދިމާވެފައިވާ އެންމެ އުނދަގޫ މަސްއަލަ އޭނާގެ ގާތް ރައްޓެހި ފުޅު ހުއްޓުމެއް ނެތި ކޮށް ދެމުންދާތީ އޭނާ ހުންނަނީ އުފާވެފައެވެ. ކޮންމެ މަހަކު ލޭ އަޅަންވާ އިރަށް ކޮންމެވެސް ގޮތަކުން ފުޅު ލޭ ހޯދާދޭނެއެވެ. އެހެންކަމުން ޝިހާދުގެ ބޮލުން އެ ބުރަދަން އޮންނަނީ ލުއިވެފައެވެ.

ފުޅު ދޭތެރެއަކުން ގެޔަށް އައިސް އުޅޭކަން ޝިހާދަށް އެނގެއެވެ. ފުޅު ވެސް ޝިނާމް ދެކެ ދަރިއެއްގެ ލޯބި ޖެހިފައިވާތީ އޭނާ އުފާވެއެވެ. ފުޅު އަންނަ ފަހަރަކުވެސް ކޮންމެވެސް ހަދިޔާއެއް ޝިނާމަށް ދޭން ގެނަސްދެއެވެ. ބައެއް ރޭރޭ މާޝާ އެކަނި އިންނަން ބިރުން އުޅޭތީ ޝިހާދު އަންނަންދެން މަޑުކޮށްލާވެސް ދެއެވެ. ފުޅު ކަހަލަ ރަނގަޅު ރައްޓެއްސަކު ލިބިފައިވާތީވެސް ޝިހާދު ލިބޭ އުފާ އިތުރެވެ.

ފަރުދާގެ ފުރަގަހެއް ޝިހާދަކަށް ނުފެނެއެވެ.

ފުޅު އާ މާޝާގެ ރައްޓެހިކަން ވަރަށް ވެސް ބޮޑެވެ. އެހެނީ މާޝާގެ ކިބައިން ފުޅު އެދޭ ބައެއް ކުދި ކަންތައް މިހާރު ވަނީ ކުޑައިން ބޮޑަށް ބަދަލުވެފައެވެ. މިއީ ހަމައެކަނި ފުޅަށް ކޮށްދޭ ކުޑަ ކަމެއްގެ ގޮތުގައި އޮތުމުގެ އިތުރަށް މިއީ މާޝާއަށް ފުޅުގެ ފަރާތުން ކޮށްދެވޭ ކުޑަ ކަމެކެވެ. މިކަން މިހާރު އާދައަކަށް ވެފައި އޮތުމުގެ ސަބަބުން ކަމުގެ ކުޑަ ބޮޑު މިން ދެމީހުންނަކަށް ވެސް އެނގުމެއް ނެތެވެ.

ކަންތައް އެހާ ހިސާބަކުންވެސް ނުއެއް ނިމެއެވެ. ބައެއް ފަހަރު ހަނި ދަނޑިވަޅުތައް ހޯދައިގެން ފުޅުގެ ރައްޓެހިންވެސް މާޝާއަށް ޒިޔާރަތް ކޮށް ހަދައެވެ. އެއީ ފުޅުގެ ރައްޓެހިކަމުގައި އެމީހުންނަށް ވެސް މާޝާގެ ފަރާތުން ކުދި ކުދި އެހީ ލިބޭތީއެވެ. އޭގެ ތެރޭގައި ދެތިން ފަށް ކޮނޑަށް އަރާފައި ތިބި މީހުންވެސް އައިސް ހަދައެވެ. މިއީ ވެސް ލޭ ހޯދަން ފަސޭހަ ކުރުމުގެ ބަހަނާގައި ފުޅު ގެންނަން ފެށި ބަޔެކެވެ. ފަހުން ފަހުން ފުޅު އައުންވެސް ދޭތެރެ އަވަސް ވެއްޖެއެވެ. އަދި ފުޅުގެ ރައްޓެހިކަމުގައި ޒިޔާރަތް ކުރާ މީހުން ވެސް ގިނަވެ އެމީހުންގެ ކޮނޑުގައި ހުންނަ މަޚްމާވެސް ބޮޑެތިވާން ފަށައިފިއެވެ.

މިހާރަކަށް އައިސް މާޝާއަކަށް ހުސް ރެއެއް ނުލިބޭން ފަށައިފިއެވެ. ޒިޔާރަތްކުރާ ރައްޓެހީން ބައެއް ފަހަރު ކިޔޫގައި ތިބޭ ހިސާބަށް ވެސް ހިނގައްޖެއެވެ. މިއީ ތަންކޮޅެއް ބޮޑުވަރޭ ފުޅުގާތު މާޝާ އެތައް ފަހަރަކު ބުނެފިއެވެ. އެކަމަކު ފުޅު ބުނާ ގޮތަކާ ދެކޮޅުވެސް ހެދޭކަށްނެތެވެ. ދަރިފުޅަށްޓަކައި އެކަންޏެއް ވެސް ނޫނެވެ. އެކަން ޝިހާދަށް ފަޅާ ނާރައި ހުއްޓުވޭނެ ގޮތެއް ވެސް ނެތީމައެވެ.

މާޝާއަށް ހާސްކަން ވެރިވެއްޖެއެވެ. ބައެއްފަހަރު ބިރުންގޮސް ނޭވާލާން ދަތިވާން ފަށައިފިއެވެ. މޭތެޅި ހާސްވެ ތެޅިފޮޅެވެން ފަށައިފިއެވެ. ކިރިޔާ އަޑެއް އިވޭއިރަށް ވެސް ސިއްސައިގެން ދާން ފަށައިފިއެވެ. މިކަންތައް މާޝާއަށް އެކަނި ތަހައްމަލު ކުރަން ދަތިވެއްޖެއެވެ.

މާޝާ ހިއްވަރު ކޮށްފައި ފުޅު ގާތު ބުނެފިއެވެ. މި ކަންތައް ދެން ކުރިއަކަށް ނުގެންދެވޭނެއެވެ. އޭނާ މިހާރު ބަލިވާން ފަށައިފިއެވެ. މިހާރުވެސް ކިތަންމެ ފަހަރަކު ޝިހާދަށް ފަޅާ ނާރައި ދަނީ ކިރިޔާއެވެ. އެހެން ކަމުން އޭނާއަށް އެކަންތައް ފޮރުވޭކަށް ނެތެވެ.

ފުޅު ބުނަނީ އެއް ވާހަކައެކެވެ. އޭނާގެ ރައްޓެހިންގެ އެހީގައި ނޫނީ އޭނާއަކަށް ލެއެއް ލިބެން ނެތް ވާހަކައެވެ.

މާޝާ އެއްފަހަރަކު ޝިހާދު ގާތު ބުންޏެވެ. “ޝިހާދުގެ ރައްޓެހީންގެ ތެރޭގައި ލޭ ދޭނެ އެހެން މީހަކު ނެތް ތަ؟”

ޝިހާދު ބުންޏެވެ. “އަހރެންގެ ރައްޓެހީން ނުދިނަސް ލޭ ލިބެއެއް ނޫންތަ؟ ފުޅު ހުރިއްޔާ އަހަރުމެން ތިޔަ ކަމާ ވިސްނަންވީ ކީއްވެ؟”

މާޝާއަކަށް އެގޮތަކުންވެސް ކުރިއެއް ނުލިބުނެވެ. އެންމެ ފަހުން އޭނާއަށް ގޮތް ހުސްވެއްޖެއެވެ.

އެއްރެއަކު ހަމަ ކުއްލިއަކަށް މާޝާގެ މޭ ތެޅެން ފަށައިފިއެވެ. އޭނާގެ އަތްފައި ފިނިވެއްޖެއެވެ. ނޭވާ ހާސްވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މަރުވާން އުޅޭހެންނެވެ.

މި ކަންތައް ދިމާވީ ވަގުތަކި ޝިހާދު އުޅޭ ވަގުތެއް ކަމުން ހަމަ ވަގުތުން ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ދަންވަރު ގަޑީގައި ހުރީ ދަސްކުރާ ޑޮކްޓަރެކެވެ. އޭނާ ވަގުތުން މާޝާ އައިސީޔޫއަށް ވައްދައިފިއެވެ.

މާޝާގެ ވިންދު ލަސްވެ ހަށިގަޑު ފިނިވާން ފަށައިފިއެވެ. އޭނާގެ ދެލޯ މެރި ހަރަކާތް ހުއްޓިއްޖެއެވެ.

އެއީ އޭގެ އަނެއް ދުވަހެވެ. ޝިނާމް ބަލަހަށްޓަމުން ދިޔައީ ހައްވަ ދައިތައެވެ. ދަން ބަޔަކަށް އަޅާލިތަނާ ޝިނާމް ރޯން ފެށިގޮތަށް ހުއްޓައެއް ނުލައެވެ. ޝިހާދު ވީ ހޮސްޕިޓަލުގައެވެ. މާޝާ އައިސީ ޔޫއިން ނެރޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގައެވެ. ޝިނާމްގެ ރުއިން ހައްތާ ދަނީ ގަދަވަތަމުންނެވެ. ހައްވަ ދައިތައަކަށް މަތައެއް ނުވެ ހަދާނެ ގޮތެއް ނޭނގި އޭނާ އުރާލައިގެން ދެކޮޅަށް ހިނގަނީއެވެ. ޝިހާދަށް އެންގޭނެ ގޮތެއް ވެސް ނެތެވެ. އެ ދައިތަ ބުއްފުޅި ހަދައި ދީ ފެންދީ އެނޫންވެސް ރަށްފުށުގެ މީހުން ކުރާ ހުރިހާ ބާވަތެއް ހޭހަމެއް ކުރަމުން ދިޔައެވެ. މިހެން އުޅެނިކޮށް އަވަށްޓެރިއަކަށް ނުނިދިގެން އައިސް ޚަބަރު ބަލާލިއެވެ.

ހައްވަ ދައިތައަކަށް ޝިހާދު ގެ ނަމްބަރެއް ވެސް ނޭނގެއެވެ. އެހެން ކަމުން އެމީހާ ހޮސްޕިޓަލަށް އެ ދަންވަރު ގޮސް ޝިހާދަށް މި ޚަބަރު ދީފިއެވެ.

ޝިހާދު ނަރުސް ކުއްޖަކަށް އޭނާގެ ނަމްބަރު ދީފައި މާޝާ ނެރެފިއްޔާ ގުޅަން ބުނެފައި ގެޔަށް އަތުވެއްޖެއެވެ. ދަރިފުޅުގެ ރުއިމެއް މަތައެއް ނުވިއެވެ. އެހެން ކަމުން އެންމެ ފަހުން ދަރިފުޅުވެސް ގެންނަން ޖެހުނީ ހޮސްޕިޓަލަށެވެ.

މާޝާ ހަމަ އެ އޮތް ގޮތަށް ހަރަކާތް ހުއްޓިފައި އޮތެވެ. އޭނާގެ ލޯ ހުޅުވާލެވުނީ ގަދަ އަލިކަމެއްގެ ތެރެއަށެވެ. ވަށައިގެން ދުންފިނި ފައިބާފަދައިން އޭނާގެ ހުރިހާ ފަރާތެއްގައި ފުސްކަމެއް ފެތުރިފައިވެއެވެ. އެހެންނަމަވެސް އޭނާގެ މަންމަ އަންނަތަން ފެނުމުން މާޝާއަށް ނުހަނު ބޮޑު އުފަލެއް ލިބުނެވެ. އޭނާ އެކަނި ނޫންކަން އިހްސާސްވެ ހިތް އުފާވިއެވެ.

“ދަރިފުޅު އެއޮތްގެން ރޮނީ.” އޭނާގެ ގާތުގައި މަންމަ ހީނލާފައި ބުންޏެވެ. :”އަހަރެންގެ ގާތަށް އަންނަން ވެގެން.”

ދެންވެސް ވާހަކަ ދެއްކީ މަންމައެވެ.” މާޝާ، އަހަރެންގެ ލޯބިވާ ހަމަ އެކަނި ދަރިފުޅާ”

“މަންމަގެ ނަސޭހަތަކީ މިއީ. ދުނިޔޭގައި އުޅޭ ކުޑަ ދުވަސްކޮޅު ތިޔަ ފަދަ ވަގުތީ އުފާތަކަށް ނުގޮސް އުޅުން. ދަރިފުޅުގެ ފިރިމީހާއަކީ ރަނގަޅު މީހެއް. ދަރިފުޅު ތިޔަހާ ވިޔާ ނުދާ ވާނެ ކަމަކަށް މަންމަ ހިއެއް ނުކުރަން”

މާޝާ ބުންޏެވެ. “މަންމާ ، މިއަކީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. މި ކަމުގެ ތެރެއަށް އަހަންނަށް ވަދެވުނީ ނުވެސް އެނގި ހުއްޓާ.”

“އާނ!” މަންމަ ބުންޏެވެ. “ތިއީ ތިޔަ ކަންތައް ވާ ގޮތް. ގޮނޑު ދޮށަށް ފައިބާފައި އެރެނީ ތަނބިކަށްޓާ ހަމަޔަށް. ދެން ކަކޫތާފެނަށް. އެކަމަކު ފައި ނުޖެހޭ ހިސާބަށް ފޭބެނީ ހީވެސް ނުކޮށް ހުއްޓާ. އޭރަކުން ދެން ކުރެވޭނެ ކަމެއް ނޯންނާނެ.”

“މަންމާ،” މާޝާ ބުންޏެވެ. “ދެން މި ކަމާ އަހަރެން ކުރަންވީ ކީތް؟”

.”މަންމައަށް ފެންނަނީ ދަރިފުޅު ޝިހާދު ކުރެން މައާފަށް އެދުން”

“އެކަމަކު މިވާހަކަ އަހަރެން ޝިހާދުގާތު ބުނާނީ ކިހިނެއް؟ އޭނާ އަހަރެން ދޫކޮށްލައިފިއްޔާ ޔޯ؟”

-ނުނިމޭ-