”ހުރިހާ ކުދިން ދާއިރު އަހަރެން ނުގޮސް ހުރީމާ ހީވާނީ އެހެން ގޮތެއް ނު؟” މާޝާ ހުރީ ދާން ބޭނުންވެފައެވެ. “އެހެން ނޫނަސް އަހަރުމެން ހުރިހާ ކުދިންވެސް ތިބޭނީ އެއްތަނެއްގަ. ފާތުންއަކަށް ވެސް ނުދެވޭނެ އަހަރެން ނުދަންޏާ. ފާތުން ނުދަންޏާ ޝަބާ އަކަށް ރީޝާއަކަށް ނުދެވޭނެ”
ޝިހާދަކަށް އެރެއަކު އެންމެ ލޮލުފިޔައެއްވެސް ނުޖެހެއެވެ
ފަސްގަޑި ބައިވީތަނާ ހުރިހާ އެންމެން ހެން ދޯންޏަށް އަރާ ނިމިއްޖެއެވެ. އޭރަކުވެސް އަދި ޝައިނީއެއް ނާދެއެވެ. މާޝާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ޝައިނީ ދަތުރުގައި ބައިވެރިވެއްޖެ ނަމަ ކޮންމެވެސް ގޮތަކުން އޭނާ ހުރި ތަނެއް ބަލާނެއެވެ. އެތަނަކަށް ދާނެއެވެ. އަނގައިން ނުބުނެ ހުންނަންވެސް ނިކަން ދަތިވާނެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ހެއްވާލާނެއެވެ. ނުހޭން ހުއްޓަސް އޭނާ ހިނިފަޅައިގެން ދާނެއެވެ.
މާޝާ ޚިޔާލެއްގެ ތެރެއަށް ގެއްލިގެން އިނދެ ފާތުންއާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރުވެސް ވިއްސާރަ ކަނި ޖަހަމުން ދިޔައެވެ. އުޑުމައްޗެއް ނުފެނެއެވެ. ދޯނީގެ ވަށައިގެން ސަތަރި ވައްޓާފައި ހުރީމައެވެ.
ދޯނި ނައްޓާލައިފިއެވެ. ތަންކޮޅަކަށް ދިޔަ ތަނާ އޭނާއަށް ބަލާލެވުނު އިރު ވިއްސާރަ ކޯޓެއްލާފައި ދިރުބާކޮޅުގައި ހުރީ ޝައިނީކަން އެނގިއްޖެއެވެ. މާޝާގެ ހިތުން ވިންދެއް ވެއްޓިއްޖެއެވެ.
ކަނޑު ހިސާބަކަށް ގަދައެވެ. މިއީ މާޝާއަކަށް މަޖާކަމަކަށް ނުވެއެވެ. ޝިހާދު ބުނިބަސް އަހައިގެން ދަތުރު ނާދެވުނު ނަމައޭ ހިތަށް އެރިއެވެ. ދޯނި ހިންމަ ފުށްޓަށް ލަފަންދެން އޭނާ އިނީ ދެލޯ މަރާލައިގެން ފާތުންގެ ކޮނޑުގައި ބޯ އަޅައިގެންނެވެ.
ހެނދު އޮތީ ސައިގެ ކަންތައް ނިންމާލާފައި ފިރިހެން ވެރިން ފެށީ ވޮލީ ކުޅޭށެވެ. އަންހެނުން ތިބީ ހިޔަލުގައެވެ. އެއްބަޔަކު އޮށްވަޅު ކުޅެއެވެ. އަނެއް ބަޔަކު ލަވަޖަހައެވެ. އިށީނދެލައިގެންނާއި އޮށޯވެގެން އެންމެންވެސް ތިބީ ހަރުގެ ތެރޭގައެވެ.
އިރުކޮޅަކުން ދެން ފެށީ މެންދުރު ކައްކާށެވެ. ކުޅެ ކުޅެފައި ފިރިހެންވެރިން ދާހިފައިގެން މަސް ހިފަން މޫދަށް ފައިބައިފިއެވެ.
ހެނދުނުން ފެށިގެން ވެހެމުން ދިޔަ ވާރޭ މެންދުރަށް ވާއިރަށް ހުއްޓާލިއެވެ. އެހެންނަމަވެސް އަދިވެސް އުޑުމަތިވަނީ އަޅި ކުލައިގައެވެ.
އެންމެން ކާން އައިއިރުވެސް ޝައިނީ އެތަނަކުން ނުފެނެއެވެ. އެމީހުން އަދިވެސް ތިބީ މޫދުގައި ކަމަށް ވެދާނެއެވެ. މާޝާ ބޭނުންވީ އޭނާ އައުމުގެ ކުރީގައި އެތަނުން ދާށެވެ. އެހެންކަމުން އޭނާ ކައި ނިންމާލާފައި ދިޔައީ ގޮނޑުދޮށުން ބޮލި ހޮވާށެވެ.
ރަށުގައި އެމީހުން ދަތުރު ގޮސް ތިބީ މީހުން އުޅޭ އަވަށާ ތަންކޮޅެއް ދުރުގައެވެ. އެހެންކަމުން އެއްވެސް މީހަކު އެހިސާބަކުން ނުފެނެއެވެ. ވިއްސާރަ ދުވަހެއް ވީމާ އެންމެންވެސް ތިބީ އެކި ތަންތަނަށް ވަދެ އަރާމު ކުރުމަށެވެ.
މާޝާއަށް ހިނގަމުން ދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް އެވަގުތު ގަދަ އަލި ވިދުވަރެއް ފެނުމާއެކު މައްޗަށް ބަލާލެވުނެވެ. ބޮޑު ވިލާގަނޑެއް މިވަނީ ނަގާ ބޯމަތިކޮށްފައެވެ. އެއާ އެކު ގަދަފަދަ ގުގުރިއެއްގެ އަޑު އިވިގެން ދިޔައެވެ.
ވާރޭ އޮއްސާލީ ސަތަރިއެއް ފޫ ދިޔައިމާ ފެން އޮހޭ ގޮތަށެވެ. އޭނާއަށް ހިޔާ ވެވުނީ ކައިރީގައި ހުރި ބޮއްކުރާ ހަރުގެއަކަށް ވަދެވުނީމައެވެ. އޭރު ހަރުގެ ވަށައިގެން ފެން އޮހެމުން ދިޔަ ވަރުން އެކައްޗެއްވެސް ނުފެނެއެވެ. ނުކުމެގެން ދުއްވައިގަނެވޭވަރަށް ވުރެން ފިންޏަށް އޭނާ ދެރައެވެ. އެހެންކަމުން ވާރޭ ނުވިއްސާ ކަނަކަށް ވަދެ ހިޔާވާން މަސައްކަތް ކުރަމުން ދިޔައެވެ.
އޭނާ ހުރީ ބޮއްކުރާގެ ދިރުބާ ކޮޅަށް ލެނގިލައިގެންނެވެ. އެހެންކަމުން ޝައިނީ އައިސް އެތަނަށް ވަންތަނެއް އޭނާއަކަށް ނުފެނެއެވެ.
”ވާރެއަކީ ރިޒުގެކޭ މީހުން ބުނާ އަޑު އިވޭ.” މާޝާ ސިއްސައިގެން ދިޔައީ ޝައިނީގެ .”އަޑު އިވުމުންނެވެ. “އެކަމަކު ޚަޒާނާއެކޭ ބުނާ އަޑެއް ނީވޭ”
ޝައިނީ ހުރީ ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލަހަށްޓައިގެންނެވެ. އޭނާ ލައިގެން ހުރި ގަމީހުން ފެންފޮޅަމުން އަތުން ބޮލުގެ އިސްތަށިގަނޑު ހިއްކަމުން ދިޔައެވެ.
މާޝާއަކަށް ނުކުމެވޭކަށް ވެސް ނެތެވެ. ލިބުނު ސިހުމަކުން ހާސްވެ ތުރުތުރު އަޅައިގަތެވެ.
”ހާސްވީތަ؟”. ޝައިނީ އަދިވެސް ހުރީ ހެވި ދިލިފައެވެ. “އަހަރެން މިއީ މިނިކާ އެއްޗެއް ނޫނޭ”
ދެންވެސް މާޝާއަކަށް އެއްޗެއް ނުބުނެވުނެވެ. އެވަގުތު ވިދާލި ގަދަ ވިދުވަރުން ހީވީ ޖިފުޓިގަނޑުގައި ރޯވިހެންނެވެ. ހަމަ އެއާއެކު އެ އިވުނު ގުގުރީގެ އަޑަކީ މާޝާއަށް އެއީދުވަހަކުވެސް އިވިފައި ނުވާފަދަ ގަދަ ފަދަ އަޑެކެވެ. އެއާއެކު ހޯރައެއް ފުޅައްމަހަކަށް ޖެހިގަންނަހާ ހަލުއިކޮށް ޝައިނީ ގޮސް މާޝާގެ މައްޗަށް ޖެހިގަތެވެ. އޭނާއަށް ހަޅޭލަވައިގަނެވުނެވެ.
”ބިރުގަތީތަ؟” ޝައިނީ އަކަށް ކަމެކޭ ހިތަކަށް ނައަރައެވެ.”އަހަރެން ދެކެތަ؟ ނޫނީ ގުގުރި ދެކެތަ؟ ބިރު ނުގަނޭ. އަހަރެން މިހިރީނު؟”
ޝައިނީ ތުރުތުރު އަޅަމުން ދިޔައެެވެ. މާޝާ އޭނާއާ ދުރަށްދާން އުޅެގަތެވެ. އޭރު ޝައިނީ ހުރީ އޭނާގެ ފުރަގަހުން ހަށިގަނޑު ވަށާލައި ދެއަތުން ހިފަހަށްޓައިގެންނެވެ. ދެން ޖެހި ގުގުރިއާއެކު އޭނާ ހިފަހަށްޓާލި ބާރުކަމުން ނޭވައެއް ވެސް ނުލެވުނެވެ..
ކީއްވެ ބިރުގަންނަނީ.” ޝައިނީ އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “އަހަރެންމިހިރީނު. އަދިވެސް މީހަމަ މާޝާގެ ޝައި ނޫންތަ؟”
ޝައިނީ އޭނާގެ ގަޔާ ދިމާއަށް މާޝާ އަނބުރާލިއެވެ. ގެންފައިވާ ބިރާއެކު ހެދޭނެ އެހެން ގޮތެއްވެސް ނެތެވެ. ހުރިހާކަމަކަށްވުރެން ބޮޑީ ގުގުރީގެ އަޑު ގަދަވަމުންދާތީއެވެ. މާޝާއަކަށް ހެދޭނެ އިތުރު ގޮތެއް ނެތެވެ. އޭނާ މިވަނީ ބޮއްކުރާއާ ޝައިނީއާ ދެމެދު ފިތި ބާރުވެ ނޭވާ ހާސްވެފައެވެ. ހީވަނީ އިސާހިތަކު އޭނާ ޝައިނީގެ މޭތެރެއަށް ގެންބިގެން ހިގނައިދާނެހެންނެވެ.
އެއާއެކުޝައިނީގެ ހޫނުކަން މާޝާގެ ވަށައިލެވި ރައްކާތެރިކަމުގެ އިހުސާސްތަކެއް ކުރެވެން ފަށައިފިއެވެ. އޭނާގެ ލޭގެ ދައުރުވުން އަވަސްވެ ނޭނގޭ ހޫނުކަމެއް ހީފިލުވަން ފަށައިފިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެދެންމެ މޭތެރޭން ނުކުމެދާނެ ހެންނެވެ
. ހުރެވުނުތަން ވެސް ނޭނގޭހާ ބޮޑަށް އޮޅުން ބޮޅުން ވާންފެށިއެވެ..
ެދެން…….!
އެހިނގި ކަމެއް ހިނގަމުން ދިޔައީ އޭނާގެ ހިއްސަކަށް ހަމަހޭވެރިކަމަށް ބާރު ނުފޯރައިގެންނެވެ. ވަށައިގެން އިވެމުން ދިޔަ ގުގުރީގެ އަޑެއް އިވުނުކަމެއް، ވިދުވަރުގެ އައްޔެއް ފެނުނުހެނެއް ހިއެއް ނުވެއެވެ. އެއީ އޭނާގެ ހިތަށާއި ހަށިގަނޑަށް އައި ތޫފާނެކެވެ. ވިއްސާރައަކުން ވައިބާރުވުމަކުން އެވަރުގެ ތޫފާނެއް ނާންނާނެއެވެ. އެއީ މިހާތަނަށް އޭނާއަށް ދުވަހަކުވެސް އިހްސާސް ކުރެވިފައި ނުވާފަދަ ގަދަ ޒަލްޒަލާއެކެވެ.
މާޝާއަށް އޭނާގެ ހިތާ ހަށިގަނޑު ޝައިނީއަށްޓަކައި ހުޅުވާލެވުނެވެ. ކުޑަކުޑަ ކަންބަޅިއެއްގެ މައްޗަށް ސިންގާއެއް ގަދަވެގަތް ހެން ޝައިނީ އޭނާގެ މައްޗަށް ހަފަރާތުން އަރައި ގަދަވެގަތެވެ. ގަދަ އަލިފާންގަޑެއް މުޅި ހަށިގަނޑުގައި ރޯވެ ހުޅުފަޅައިގެން އޭގައި އޭނާގެ ނަފްސާ ފުރާނަ އަނދައި ހުލިވެއްޖެއެވެ.
އެހޭދަވި ދޮޅުގަޑި އިރު އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔައެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ނޭވާލުން އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ލިބުނު މަސްތުކަމުގެ އަސަރު އަދިވެސް ފިލައިގެނެއް ނުދެއެވެ.
”ވާރޭ ހުއްޓާލައިފި އެއް ނު؟” ޝައިނީ އޭނާގެ މޫނު ދުރުކޮށްލަމުން ބުންޏެވެ.” އަވަހަށް ދާން ހިނގާ. މިހާރު ފުރަން ވެސް ކާރި ވެއްޖެ”.
”އަހަރެން .. އަހަރެން… “
މާޝާއަކަށް ބުނާނެ އެއްޗެއް ހަދާނެ އެއްޗެއް ނޭނގުނެވެ.
”އަހަރެން ދާނީ އެއްގަމުން .. ” ޝައިނީ އޭނާއަށް ހަމަޖެހުމެއް ދޭން އުޅުނެވެ. “މާޝާ ގޮނޑުދޮށުން މި ދިމާ ހުޅަނގަށް ދޭ. .. ވާރޭ ބޯ ނުކުރަނީސް އަވަހަށް ދޭ”.
މިހެން ބުނެފައި ޝައިނީ ފުލައިން ކިހެއް ދެމުން އެތަނުން ނުކުމެގެން އަނެއް ފަރާތަށް ހިނގައިގަތެވެ. މާޝާވެސް ހެދުން ރީތިކޮށް މޫނު ފޮހެ ހަދައިގެން އަވަހަށް އެތަނުން ދާން ނިކުމެގެން ހިނގައިގަތެވެ.
ވިއްސާރަ އަދި ވަކީން ގަދަވާން އުޅޭހެން ހީވާތީ ދަތުރު ކުރުކޮށްލާފައި ފުރަން ތައްޔާރު ވަމުން ދިޔައެވެ. ނުފުރިފައިތިބީ ބައެއް މީހުން ނައިސްގެންނެވެ. މަދުވެގެން މި އުޅެނީ މާޝާއާއި ޝައިނީއެވެ. އެންމެ ބޮޑަށް ހާސްވެގެން އުޅެނީ ފާތުން އެވެ. އަނެއްކާ އެ ދެމީހުން ދިޔައީ އެކީގައި ބާވައެވެ. މާޝާއައްވީ ކީއްބާއެވެ. ބޮޑުވެ މީހަކާ އިނދެގެން އުޅުނަސް އޭނައަކީ ކުޑަ ކުއްޖެއް ކަހަލަ މީހެކެވެ. މީހަކު ލަނޑެއްވެސް ދީފާނެއެވެ. އެންމެފަހުން ލަސްވެގެން އެ ދެމީހުން ދޫކޮށްލާފައި ފުރައިވެސް ފާނެއެވެ. މި ޖެހުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟ ހޯދަން ދާނެ ތަނެއްވެސް ނެތެވެ. އެކަމަކު ފާތުން ހާސްވެގެން ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔައެވެ. އޭނާ މާޝާއޭ ކިޔާ ބާރަށް ގޮވަމުން ދިޔައެވެ.
އެންމެންވެސް ހީކޮށްތިބީ ވާރޭ ވެހޭވަރުންނާއި އަދި ވަގުތު އޮތީމާ އެމީހުން ތިބި ތަނެއްގައި ތިބީ ކަމަށެވެ. އެ ދެމީހުން އެއްތަނެއްގައި ތިބެދާނެތީ އެންމެ ކަންބޮޑުވީ ފާތުން އެވެ. މާޝާގެ ފިރިމީހާ އޭނާ ނުފޮނުވާން އުޅުނު ވަރާއި އޭނާ އާ ޝައިނީ ވާހަކަ ދެއްކިކަން އެނގުނަސް ރުޅި އަންނާނެ ވަރު އޭނާއަށް އެނގެއެވެ.
ޝިހާދު ހީކުރާނީ އެ ދެމީހުން ގުޅުވަނީ އޭނާ ކަމަށެވެ. އެއީ މާޝާ އޮފީހަށް ވެއްދުމުގެ އިލްޒާމު އެޅިފައި އޮތީވެސް އޭނާގެ ބޮލުގައި ކަމަށް ވާތީއެވެ. ފާތުން ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. މިއޮތް ފިނި ދުވަހު އޭނާގެ ނިތްކުރިން ދާހިއްލާފައި ހުއްޓެވެ.
މާޝާ ތަންކޮޅަކަށް އައިތަނުން އޭނާގެ ދަބަސް ނުގެނެވޭކަން ހަނދާންވެގެން އަނެއްކާ އަނބުރާލާފައި ގޮސް އެ ޖިފުޓިގަނޑަށް ވަނެވެ.
ނަސީބަކުން އޭނާގެ ދަބަސް ބޮއްކުރާ ތެރޭގައި އޮތެވެ.
ދަބަސް ފެނުމުން ވީ އުފަލަށް ވުރެން އެތަނަށް ވަދެވުމުން ހިތަށް ލިބުނު ހާސްކަމާއި ގަތް ބިރު ބޮޑެވެ. ތަނުގެ ހުރިހާ ދިމާއަކުން ފެނި، އާވެގެން ދިޔައީ މީގެ ކުޑަ އިރުކޮޅެއްގެ ކުރީން އޭނާއާ ކުރިމަތިވި ޒަލްޒަލާއެވެ. އެކަމުގެ ބޮޑުކަން ހިތަށް ވަނީ އަދި ކިރިޔާއެވެ. އިނދެގެން އުޅޭ ފިރިމީހާއަށް ބޭވަފާތެރި ވެވުނީއެވެ. އަދި އެއަށް ވުރެންވެސް މާބޮޑު ކަންތައް ގަނޑެއް ހިނގައި ދިޔައީއެވެ.
ހާސްވީވަރުން މާޝާއަށް ނޭވާލާންވެސް ދަތި ވިއެވެ. މޭގެ ތެރޭގައި އޮތް ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. އޭނާ އަނބުރައިގެންފިއެވެ.
ފާތުން ހާސްވެގެން އެނބުރެނިކޮށް ޝައިނީ އަންނަތަން ފެނިގެން އޭނާ ދުވެފައި ދިޔައެވެ. “މާޝާ ކޮބައިތަ؟” އޭނާ ފުރަތަމަވެސް ސުވާލު ކުރިއެވެ
-ނުނިމޭ-