English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހްސާން

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލަން އެ ކޯޓުން ނިންމައިފިއެވެ,

ކްރިމިނަލް ކޯޓުން އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކަކަށް މި ތުހުމަތު ކޮށްފައި މިވަނީ، ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާ ލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން، އެކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، މިނިސްޓަރު އިހުސާނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓާ އަހްމަދު ވަހީދުގެ އިތުރުން ސަބް އިންސްޕެކްޓަރު މަމްދޫހް ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ގޮތެއް ނިންމައި ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ބުނެ، ހުށަހެޅި ހެކިތަކުގެ ތަފުސީލުވެސް ހިއްސާކޮށްފައެވެ.

އެ މައްސަލާގައި ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް އޭގެ ތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާ އުމުރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.