English Edition
Dhivehi Edition

މި އަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ގެތައް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތުގައި ބައިވެރިވެގެން އަގު ބޮޑު އިނާމުތައް ހޯދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އީދުގެ މުނާސަބަތުގައި އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގެތައް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް

މުބާރާތުގައި ބައިވެރިވުމުގެ އުސޫލުގެ ތެރޭގައި

  • މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ގޭބީސީއަކުން އެއްފަރާތަކަށެވެ.
  • މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ގޭބިސީއެއްގެވެސް ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ އީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެއެވެ.
  • މުބާރާތުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް، ޒީނަތްތެރިކޮށްފައިވާ ގެތަކުގެ ފޮޓޯ ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ހުރިހާ ފޮޓޯއެއްވެސް ހުންނަންވާނީ ލޭންޑްސްކޭޕްކޮށެވެ.
  • ކޮންމެ ގޭބިސީއަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހިއްސާކުރެވޭނެއެވެ.
  • މި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ.
  • މީސްމީޑީއާ އިން ލިބޭ ރިއެކްޓްތައް ބަލައިގަނެވޭނީ 21 ވާ ހުކުރު ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
  • އެންމެ ގިނަ ލައިކް އަދި ހާރޓް ރިއެކްޓް ލިބޭ 10 ފަރާތެއް ހޮވާ، ފަނޑިޔާރުންގެ ޕެނަލުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާލެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 17 ޖޫން 2024 ވާ ހޯމަ ދުވަހު ރޭގަނޑު 22:00އެވެ. މި މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2024 ގައެވެ. އައްޑޫ ސިޓީ ކައުންސލުން ބުނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ގެތައް ދިއްލާ ޒީނަތްތެރި ކުރެވިފައިވޭތޯ އެއަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރެވިގެންދާނެކަމަށެވެ.