English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ރާޢްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހަކާ، އެ މަސްތުވާތަކެތި ބަލާ ދިޔަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ރައްޔިތެއްކަމުގައި މުހައްމަދު އާގިބް (29އ) އާއި ލ. މާވަށް ބިއްލޫރިޖެހިގޭ، އަލީ ރަމީޒް (37އ)އެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނެރުނު އަމުރުގައި ވަނީ އާގިބް އާއި އަލީ ރަމީޒް ބައިވެރިވެގެން ގެނައި ލަގެޖަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ކަމުގައި އެއާޕޯޓު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިވާކަމަށް ފުލުހުންނާ ހަވާލާދީ މި އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަލީ ރަމީޒްގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ އަކީ މި ލަގެޖު ބަލައި ޑޮމެސްޓިކް ޓާމިނަލް އަށް ދިޔަ މީހެއް ކަމަށެވެ. އަދި މި ލަގެޖުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށާ މިއީ ރާވައިގެން، އިންތިޒާމުވެގެން ކޮށްފައިވާ ކުށުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ދެ މީހުންނަކީވެސް މިކަމުގައި އަމަލީ ގޮތުން ބައިވެރިވުން އޮތް ދެ މީހުން ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

މީ މީހުން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވާފައިވާއިރު، މި މައްސަލައިގައި ދައުވާ ކުރުމާއި މެދު ޕީޖީން ގޮތެއް ކަނޑައަޅާފައިނުވާތީ މި މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެެވެ.