English Edition
Dhivehi Edition

ތުރުކީވިލާތަށާއި ސޫރިޔާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި އެތައްބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28،000 އިން މައްޗަށް އަރައިފައެވެ. މިބިންހެލުން ތަކުގެ އަސަރު މުޅި ދުނިޔެއަށްކޮށް އެތަށް ބައެއްގެ ލޮލުން ކަރުން ހިލުވައިލައިފާވާއިރު މިހާދިސާއަށްފަހު އިވިގެން ދިޔަ ބައެއް ހަބަރުތަކަކީ އެތައް ބައެއްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯކޮށް ދިރިއުޅުމުގައި ދިމާވާ ދަތި ހާލަތްތަކުގައިވެސް އުއްމީދު ދޫކޮށް ނުލުމަށް ހިތްވަރު ލިބިދޭ ފަދަ ހަބަރުތަކެކެވެ. އެގޮތުން މިއީ އެފަދަ ހަބަރެކެވެ.

ތުރުކީވިލާތުގެ ސަމަންދަގް ސަރަހައްދަށް ނިސްބަތްވާ ނެކްލާ ކަމޫޒް އޭނާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނު ހިސާބުން ފޮނި ހުވަފެންތަކެއް ދެކުނެވެ. މާބަނޑު ދުވަސްވަރަކީ އެންމެ ފަސޭހަ ދުވަސްތައް ކަމުގައި އޭނާއަށް ނުވި ކަމަކު އޭނާ ދަރިފުޅު ދެކިލުމަށް ކުރަމުން އައި އުއްމީދާއި ދަރިފުޅާއި މެދު ހިތުގައި އުފެދިފައިވާ ލޯބީގެ މިންވަރުން އެހުރިހާ ދަތިކަމަކާއި ވޭނެއް އިންތިޒާރާއި ފޮނި ހުވަފެންތަކެއްގެ ގޮތުގައި އޭނާ އިހުސާސުކުރަމުންއައެވެ. މާބަނޑު ދުވަސްވަރު ސިއްހީ ގޮތުން ނެކްލާއަށް ދިމާވި އެކި މައްސަލަތަކާއި މާބަނޑު ދުވަސްވަރު ދަރިފުޅު ބޮޑުވާންޖެހޭ މިންވަރަށް ބޮޑު ނުވާކަމަށް ޑޮކްޓަރުން އެންގުމުން އެކަމާއި ކަންބޮޑުވި ނަމަވެސް އޭނާ ކުރި ހިތްވަރާއި މަސައްކަތާއި އެއްވަރަށް ދަރިފުޅުވެސް ބަނޑުގައި އޮވެ ހިތްވަރުކުރިކަމަށް ގަބޫލުކުރާ ނެކްލާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އަންހެން ދަރިއެއް ވިހެއެވެ. ދަރިފުޅާއި އެކު މާބަނޑު ދުވަސްވަރު އޭނާ ކަޑަތު ކުރި ދުވަސްތަކާއި ދަރިފުޅާއި މެދު ދެކޭ އުއްމީދުތަށް ފޮނިކަމުން އޭނާ އެ ދަރިއަށް ދިން ނަމަކީ ޔާގިޒްއެވެ. މާނައަކީ ހިތްވަރުގަދަ އަންހެނާއެވެ.

ނެކްލާ އާއި ނެކްލާގެ އާއިލާ ދިރިއުޅެމުން އައީ ޒަމާނީ ގޮތަކަށް ތުރުކީގެ ދެކުނުން އޮންނަ ހަޓޭއި ޕްރޮވިންސްގައި ހަދާފައި ހުންނަ އެޕާޓްމެންޓް ކުއްޔަށް ދޭ އިމާރާތެއްގައެވެ. 5 ފަންގިފިލާ ގެ އުސްމިނަށް ހަދާފައިވާ މި އިމާރާތުގައި ނެކްލާ އާއި އޭނާގެ ފިރިމީހާ އަދި 2 ދަރިން ދިރިއުޅެމުން އައީ އެއިމާރާތުގެ 2 ވަނަ ފަންގިފިލާގައެވެ. ނެކްލާ އެ އިމާރާތް ސިފަކޮށްދީފައިވަނީ ރައްކާތެރިކަމާއި އަމާންކަން އޭނާ އަށް ލިބިދިން ތަނެއްގެ ގޮތުގައެވެ. އޭނާގެ ދަރިން ބޮޑު ކުރަން އެންމެ ރަނގަޅު މާހައުލު ކަމުގައި އޭނާ ހިތާހިތުން ގަބޫލުކުރިއެވެ.

ދަރިފުޅު ވިހޭތާ 10ވަނަ ރޭގެ ފަތިހެވެ. ނެކްލާ ހޭލާ އުޅުނީ ދަރިފުޅު ޔާގިޒް އަށް ގާތުން ދިނުމަށެވެ. އޭރު ގަޑިން 04:17 އެވެ. އުފަލާއި ސަކަރާތުގެ ތެރެއިން ނެކްލާ އޭނާގެ ދަރިފުޅަށް ގާތުން ދެމުން އަންނަނިކޮށް ލޮޅުން ތަކެއް އިހުސާސުކުރެވުނެވެ.

” ލޮޅުން ތަކުގެ އިހުސާސު ކުރެވުމާއި އެކު އެނގުނު މިއަދު މިއީ އުއްމީދު ކުރި ފަދަ އުފާވެރި ދުވަހަކަށް ނުވާނެކަން. ބޭނުންވީ ދުވެފައި ޖެހިގެން އިން ކޮޓަރީގައި އޮތް ދޮށީ ދަރިފުޅާއި ފިރިމީހާ ކައިރިއަށްދާން. ފިރިމީހާވެސް ބޭނުންވީ އެގޮތް، އެމީހުން އަންނަން މަސައްކަތްވެސް ކުރި، އެކަމަކު އަންނައުނު ހުންނަ އަލަމާރި ދަރިފުޅާއި ފިރިމީހާ ގައިމައްޗަށް ވެއްޓި އެމީހުން ތާށިވި. ”

ނެކްލާ އިތުރަށް ކިޔައިދީފައިވާ ގޮތުގައި ލޮޅުންތަކުގެ އަސަރު ބޮޑުވުމާއި އެކު އިމާރާތުގައި ހުރި ފާރުތައް ވެއްޓި އުމާރާތް ވަރަށް ބޮޑަށް ހެލެން ފެށިއެވެ. އަދި އިމާރާތް ހުރި ތަނުން އިމާރާތް އެހެން ތަނަކަށް ބަދަލުވާން ފެށިކަން އިހުސާސު ކުރެވުނު ކަމަށްވެސް ނެކްލާ ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ހުރިހާ ކަމެއްވެގެން ދިޔައީ ވަރަށް އަވަހަށް ކަމަށާއި ލޮޅުންތަކުގެ އަސަރު ހުއްޓިގެން ހަމަހޭވެރިކަން އައި އިރު އޭނާ 1 ފަންގިފިލާ ތިރިއަށް ވެއްޓިފައިވާކަން އޭނާ އަށް އެނގުނު ކަމަށްވެސް ނެކްލާ ވަނީ ބުނެފައެވެ.

” ވަރަށް ބާރަށް ރުއިން، ވަރަށް ބާރަށް ދޮށީ ދަރިއާއި ފިރިމީހާގެ ނަން ގޮވިން. ހަގު ދަރިފުޅު އޮތީ އަހަރެންގެ މޭމަތީގައި. ކައިރިއަށް ވެއްޓިފައި އޮތް އަލަމާރިއެއްގެ ސަބަބުން ގައިމައްޗަށް ކޮންކްރީޓް ގަނޑުތައް ނުވެއްޓި ކިރިޔާ ސަލާމަތްވީ ”

އުމުރުން 33 އަހަރުގެ ނެކްލާއާއި އޭނާގެ ތުއްތު ޔާގިޒް ގައި މައްޗަށް ކޮންކްރީޓް ގަނޑު ގަނޑު ނުވެއްޓި ސަލާމަތްވި ކަމުގައިވީ ނަމަވެސް އެނާ އެކަމާއި އުފާކުރާނެ އެއްވެސް ވަގުތެއް ނުލިބޭ ކަމަށް ނެކްލާ ވަނީ ބުނެފައެވެ. އެގޮތުން ފިރިމީހާއާއި ދޮށީ ދަރިފުޅުގެ ހާލާއި މެދު ކަންބޮޑުވި ކަމަށާއި އެތަނުން ސަލާމަތްވެވޭނެ އިރެއްގެ އިތުރުން އެ ސަރަހައްދަށް ލޮޅުމުގެ އަސަރުން ލިބުނު ގެއްލުންތަކާއި މެދު އޭރުވެސް ވިސްނުނު ކަމަށް ނެކްލާ ވަނީ ކިޔައިދީފައެވެ.

 

ފުރަތަމަ ދުވަސް

ނިދާ ހެދުމުގައި އިމާރާތުގެ ދަށުގައި ކަޅު އަނދިރީގައި އޮތް ނެކްލާ އަށް ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ހަށިގަނޑުގެ ހުރިހާ ހިއްސެއް އެންމެ ކަމެއް ދެނެގަތުމުގައި ބޭނުން ކުރި ކަމުގައިވިއަސް ބޭނުންވާ މިންވަރަށް އެއްވެސް ކަމެއް ދެނެގަތުން ވެގެން ދިޔައީ ބޮޑު ގޮންޖެހުމަކަށެވެ. ނެކްލާ އަށް ކުޑަ ހިތްހަމަޖެހުމެއްވެސް ލިބިގެން ދިޔައީ އޭނާގެ ތުއްތު ތުއްތު ޔާގިޒް ނޭވާލާކަން ކަށަވަރުވުމުންނެވެ.

” ޔާގިޒް އަށް ފުރަތަމަ ނޭވާލާން ވަރަށް ދަތިވެގެން އުޅުނު، ބޮޑަށް ލަފާކުރެވެނީ ހިރަފުހުގެ ސަބަބުން ކަމަށް، އެކަމަކު މާގިނައިރުތަކެއްނުވެ އޭނާވެސް އެ މާހައުލައް ހޭނުނު ކަހަލަ. މަޑު މަޑުން ނޭވާލުން ރަނގަޅުވަމުން ގޮސް ހަމަޖެހިލި. ނިދާ ހެދުމުގައި އޭނާވެސް އޮތުމުން ފިނިވުން ކަހަލަ ކަންތައްތަކުން ދުރުކޮށްދިން. “

ނެކްލާ އިތުރަށް ކިޔައިދިން ގޮތުގައި އޮވެވުނު ތަނުގެ ކައިރީގައި، ގައިގައި ޖެހޭ ހިސާބުގައި ޔާގިޒް އާއި ދޮށީ ދަރި ކުޅެން ގެންގުޅެ އެއްޗެހި ހުރިކަން އިހުސާސު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެ ނެގުމަށް ކަމުގައިވިއަސް، މީހާ ހަމަޖެހިލަން ކަމުގައިވީ ނަމަވެސް އެއްވެސް ހަރަކާތެއް ހަށިގަނޑަށް ގެނައުމަކީ އެންމެ އެދެވޭ ކަމަކަށް ނުވާނެތީއާއި އެފަދަ ހަރަކާތަކުން ނިކުމެދާނެ ނަތީޖާއަކާއި މެދު ވިސްނުމަށްފަހު އެއްވެސް ހަރަކާތެއްނުކޮށް އޮތުމަށް ނިންމި ކަމަށެވެ.

” ވަރަށް ދުރުން އިވޭ މީހުންގެ އަޑު، ރުއިމާއި ހަޅޭކުގެ އަޑު، ކޮންމެވެސް ވަރަކަށް އެމްބިއުލާންސް ސައިރަންގެ އަޑުވެސް އިވުނު، އެ އަޑު ތަކުން އުއްމީދު ގެނެސްދިން. ވަރަށް ބާރަށް ގޮވިން، އެއްވެސް މީހަކަށް އަހަރެންގެ އަޑު އިވޭތޯ އާއި، ޔާގިޒް އާއި އެކު ކަން އޮތީ ވަރަށް ބާރަށް ގޮވިން. “

އެހާ ބާރަށް ގޮވާ ހަޅޭއްލެވުމުންވެސް އެއްވެސް މީހެއްގެ އިޝާރާތެއްގެ ހިލަމެއް ނުވުމުން ދެން ނިންމީ ހަމްދު ކޮއްފައި ހެޔޮ ދުއާ ކުރަމުން ހަށިގަނޑުން ކޮންމެވެސް ހަރަކާތެއް ކުރުމަށް ކަމަށް ނެކްލާ ކިޔައިދިނެވެ. އެހެން ކަމުން ކައިރީގައި ހުރި ކުދި ގާކޮޅުތައް ނަގާ އަލަމާރީގައި އެއިން ތަޅާ ހެދިކަމަށްވެސް ނެކްލާ ވަނީ ކިޔައިދީފައެވެ. އެ މަސައްކަތުންވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެހިސާބުން ދެން ސަލާމަތުން ހުރެ ދަރިފުޅާއެކު ނިކުމެވޭނެ ކަމުގެ އުއްމީދު ކަނޑާލިކަމަށްވެސް ނެކްލާ ވަނީ ކިޔައިދީފައެވެ.

 

އިމާރާތްތަކުގެ ދަށުގައި އުޅުނު ހާލު

އިމާރާތްތަކުން ވެއްޓިފައިވާ ކޮންކްރީޓް ގަނޑުތަކާއި އިމާރާތްތަކުގެ އެތެރޭގައި ހުރި ތަކެތީގެ ތެރޭގައި އޮތް ނެކްލާ އަށް އެންމެ ދަތިވި ކަމަކީ ވަގުތު ދެނެގަތުން ކަމުގައި އޭނާވަނީ ކިޔާދީފައެވެ. ނެކްލާ ބުނިގޮތުގައި އެހުރިހާ ކަމެއްގެ ތެރޭގައި އެހާލުގައި ވީއިރުވެސް ހިތާހިތުން އޭނާ ކުރަމުން ދިޔަ ޝަކުވާއަކީ މިއީ އޭނާ ދިރިއުޅުމުގައި އަންނަން ބޭނުންވި ދުވަހެއް ނޫން ކަމަށެވެ. ޔާގިޒް އުފަންވުމާއި އެކު އާއިލާއަށް ލިބެންޖެހެނީ މިވަރުގެ ހިތްދަތި ވޭންހުރި ދުވަސްތަކެއްކަމުގައި އޭނާ އެއްވެސް ގޮތަކަށް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

” މާބަނޑުކަން އިނގޭ ހިސާބުން ކޮންމެ މީހަކުވެސް ވަރަށް ފޮނި ހުވަފެންތަކެއް ދެކޭނެ. އަހަންނަށް ދިމާވި ކަންތައް ދެކިބަލަ، މި އޮންނަން ޖެހުނީ މުޅިން ކަޅު އަނދިރީގައި، ކޮންކްރީޓާއި، ލަކުޑި އާއި، ދަގަނޑާއި، ބިއްލޫރި އަދިވެސް އެތަކެއްޗެއްގެ ތެރޭގައި ފޮރުވި ނިވާވެފައި. “

ނެކްލާ އިތުރަށް ކިޔައިދިން ގޮތުގައި އެތަނުގައި އޮތްއިރުވެސް އޭނާ ޔާގިޒްގެ ހުރިހާ ކަމެއްވެސް ކުރެވުނު އެންމެ ފުރިހަމަ ގޮތަކަށް ކުރެވޭތޯ މަސައްކަތްކުރިއެވެ. އެގޮތުން ގަވާއިދުން ޔާގިޒް އަށް ގާތުން ދިނުން ކުރިއަށް ގެންދިޔަ ކަމަށް ނެކްލާ ވަނީ ބުނެފައެވެ.

” އެއްވެސް ގޮތަކަށް ބޯނެ އަދި ކާނެ އެއްޗެއް ނުލިބޭ. ބަނޑުހައިވެގެން ކަރު ހިއްކައިގަނެގެން އެންމެ ފަހުން އަމިއްލައަށް އަމިއްލަ މީހާއަށް ގާތުން ދެވޭތޯވެސް ވަރަށް މަސައްކަތްކުރިން. ހަމަ ގޮތް ހުސްވީ، ދުނިޔެއިން އިތުރަށް ރަނގަޅު ގޮތެއް ނުފެންނާނެ ކަމަށް ގަބޫލު ކުރެވުނު. “

އެ ސަރަހައްދުގައި މީހުން އުޅޭކަމުގެ އަޑުތައް އިވެން ފެއްޓި ކަމުގައިވީ ނަމަވެސް އެ އަޑުތައް އައީ ވަރަށް ދުރުން ކަން ނެކްލާ އަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން ނެކްލާ ވިސްނީ ކައިރިން އަޑުތައް އިވެން ފައްޓަން ދެން އޭނާގެ ހަށިގަނޑު ވަރުބަލިވާނެ އެއްވެސް ކަމެއް ނުކޮށް ހަމަ ހިމޭން ކަމާއި އެކު ދުއާކުރުމުގައި ދެމި އޮންނަން ނިންމި ކަމުގައިވެސް ނެކްލާ ވަނީ ބުނެފައެވެ.

” އެންމެ ސިކުންތެއްވެސް ނުދޭ ދޮށީ ދަރިފުޅާއި ފިރިމީހާއާއި މެދު ނުވިސްނާ، އެންމެ ހިނދުކޮޅެއްވެސް ނުދޭ އާއިލާއާއި ރައްޓެހިންގެ ހާލާއި މެދު ހިތުގައި ސުވާލު ނުއުފެދޭ. “

ނެކްލާ އިތުރަށް ބުނި ގޮތުގައި އެތަނުގައި އެހާލުގައި އޮތްއިރު ވެސް ކިރިޔާ ވެސް އުއްމީދެއް ލިބިގެންދިޔައީ ޔާގިޒް އާއި އެކީ ވުމުން ކަމަށެވެ. އެގޮތުން ޔާގިޒް އަކީ ވަރަށް ހިތްވަރުގަދަ ބަސްއަހާ ކުއްޖެއްކަން ފާހަގަ ކުރަމުން ނެކްލާ ބުނެފައިވަނީ ޔާގިޒް ގިނަ ވަގުތު ހޭދަކުރީ ނިދުމުގައި ކަމަށެވެ. މަދު މަދުން ރޯލާ ކަމަށާއި ރޯން ފެއްޓުމާއި އެކު ގާތުން ދޭން މަސައްކަތްކުރުމުން ޔާގިޒް ނިދާ ކަމަށްވެސް ނެކްލާ ވަނީ ބުނެފައެވެ.

 

ނެކްލާ އަދި ޔާގިޒް ސަލާމަތްކުރުން

90 ގަޑި އިރު ކޮންކްރީޓް ގަނޑުތަކާއި އެހެނިހެން ތަކެތީގެ އެތެރޭގައި ފޮރުވިފައި އޮތް ފަހުން ނެކްލާ އަށް ކުއްތާ ތަކުގެ އަޑު އިވެން ފެއްޓިއެވެ. އަދި އެވަގުތު އެއީ ފެނުނު ހުވަފެނެއްހެން ސިފަވެ ގަބޫލުކުރެވުނު ކަމަށްވެސް ނެކްލާ ވަނީ ކިޔައިދީފައެވެ.

” ކުއްތާތަކުގެ އަޑާއި އެއްކޮށް އެ އަޑުގެ ފަހަތުން އިވޭ މީހުން ވަރަށް ބާރަށް ގޮވާ އަޑު، ހާލު ރަނގަޅުތޯ އާއި، ރަނގަޅިއްޔާ ކައިރީގައި އޮތް އެއްޗެއްގައި ބާރަށް ޖެހުމަށް ބުނާ އަޑު. “

ނެކްލާ އަށް އެ އަޑު އިވުމާއި އެކު އޭނާ ކައިރީގައި އޮތް އަލަމާރީގައި އޭނާ ކޮންކްރީޓް ގާކޮޅަކުން ޖެހިކަމަށް ނެކްލާ ބުންޏެވެ. އެހިސާބުން ނެކްލާ އުޅޭ އެޕާޓްމެންޓް އަކީ ކޮބާތޯ އެހި ކަމަށާއި އަދި ނެކްލާ ފެނިއްޖެ ކަމަށް ބާރު ބާރަށް ސަލާމަތްކުރަން އައި އެންމެން ގޮވަން ފެށިކަމަށްވެސް ނެކްލާ ބުންޏެވެ. އަދި ފަރުވާތެރިކަމާއި ސަލާމަތްކުރަން އައި ޓީމުން ނެކްލާ މެން ފެންނަ މިންވަރަށް އެތަން ސާފު ކުރި ކަމަށްވެސް ނެކްލާ ބުންޏެވެ.

” އިސްތަންބޫލް މުނިސިޕަލްޓީގެ އަލިފާނާއި ބެހޭ ޑިޕާޓްމެންޓު މީހުން އަހަރުމެން ސަލާމަތްކޮށްފަ އާއި އެއްކޮށް އެހި ޔާގިޒްގެ އުމުރު، އަހަންނަކަށް ނޭނގުނު ބުނާނެ އެއްޗެއް. ބުނެވުނީ ހަމަ އެކަނި ބިންހެލުން އައި އިރު ޔާގިޒްގެ އުމުރުން 10 ދުވަހޭ. “

ނެކްލާ ބުނި ގޮތުގައި ރެސްކިއު ޓީމުގެ މީހުންނާއި ޔާގިޒް ހަވާލު ކުރުމަށްފަހު ނެކްލާ ސްޓްރެޗަރ އަކަށް އަރުވައިގެން ވަރަށް ގިނަ މީހުން ތެރެއިން ގެންގޮސް އެމްބިއުލާންސްއަށް އެރުވިއެވެ. އަދި އެވަގުތު ނެކްލާގެ ދޮށީ ދަރިފުޅުވެސް ސަލާމަތްކުރެވިފައިވާ ކަމަށް އެތަނުގައި ތިބި މީހުން ޔަގީންކަން ދިން ކަމަށް ވެސް ނެކްލާ ވަނީ ބުނެފައެވެ.

ބިންހެލުމުން އައި ހަލަބޮލި ކަމަށްފަހު ނެކްލާގެ އާއިލާ

ނެކްލާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާއަށް މަރުހަބާ ކިޔަން އޭނާގެ އާއިލާގެ މީހުން ހޮސްޕިޓަލުގައި ތިއްބެވެ، އަދި ހަމަ އެވަގުތު ނެކްލާ 6 އަހަރު ދުވަސް ވަންދެން ކައިވެނި ކޮށްގެން އުޅޭ އޭނާގެ ފިރިމީހާ އިރުފާން އަދި 3 އަހަރުގެ ދޮށީ ދަރި ޔިޖިތް ކެރިމް ސަލާމަތްކުރެވިފައިވާ ކަން އޭނާގެ އާއިލާ އިން ނެކްލާ އަށް ކަށަވަރުކޮށްދިނެވެ. އެހެން ނަމަވެސް އެމީހުންގެ ފަޔަށް ލިބިފައިވާ ބޮޑެތި އަނިޔާތަކެއްގެ ސަބަބުން އެމީހުން ނެކްލާ ގެންދެވުނު ހޮސްޕިޓަލާއި ގަޑިއިރުތަކެއް ދުރުގައިވާ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އާއިލާ މީހުން ނެކްލާ ކައިރީގައި ބުންޏެވެ.

ނެކްލާ އާއި ޔާގިޒް ސަލާމަތްވީ މާބޮޑެތި ހަށިގަނޑަށް ނުރައްކާވާނެ ފަދަ އެއްވެސް އަނިޔާއެއް ނުލިބިއެވެ. ނެކްލާ އާއި ޔާގިޒް 24 ގަޑިއިރު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ގެއަށް ދޫކޮށްލެވުނެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ނިކުމެގެން ނެކްލާ ދާނެ ގެއެއް ނެތުމުގެ ސަބަބުން އޭނާގެ އާއިލާ މީހަކު ބޯހިޔާވަހިކަން ހޯދަމުން އައި ކުޑަ ޓެންޓަކަށް ނެކްލާ އާއި ޔާގިޒް ގެންދެވުނެވެ. އެ ޓެންޓުގައި އެކަނިވެސް 13 މީހަކު އޭރު ދިޔައީ ދިރިއުޅެމުންނެވެ.

” އަދިވެސް މަސައްކަތް މިކުރަނީ މި ވެދިޔަ ހުރިހާ ކަމެއް ގަބޫލުކުރެވޭތޯ. އެކަމުން އަރައިގަނެވޭތޯ. އިނގޭ އެތައް އަހަރެއް މިކަމުގައި ނަގާނެ ކަން އެކަމަކުވެސް މަސައްކަތް މިކުރަނީ ކުރިއަށް ދެވޭތޯ. ހުރިހާވެސް އުއްމީދަކީ ޔާގިޒް. ޔާގިޒް ނެތްނަމަ އަހަރެން ސަލާމަތެއް ނުވާނެ. “

ނެކްލާ އިތުރަށް ކިޔައިދިން ގޮތުގައި ޔާގިޒް އެ ދެއްކި ހިތްވަރު އޭނާ ނުދެއްކި ނަމަ ނެކްލާ އަށް ވެސް މިކަމުން ސަލާމަތްވުމުގައާއި 4 ދުވަސް އިމާރާތްތަކުގެ އަޑީގައި ހޭދަކުރަން ހިތްވަރު ނުލިބުނީހެވެ. މީގެ އިތުރުން ނެކްލާ ބުނެފައިވާ ގޮތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޔާގިޒްގެ އުމުރު ހަގު ކަމުން އޭނާ މިކަންތައް ހަނދާނުގައި ނުހުންނާނެ ކަމެވެ. އިރުފާން އާއި ޔިގިތް ގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ނެކްލާ ވަނީ ބުނެފައެވެ.

ތުރުކީވިލާތަށާއި ސޫރިޔާއަށް ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ. މިގޮތުން އިންޓަރނޭޝަނަލް އެއިޑްސް ކޭމްޕްއިން ވަނީ ތުރުކީއާއި ސިރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ހުޅުވާލާފައެވެ. އަދި އެ ކޭމްޕްގެ މީހުން މިހާރު އަންނަނީ ތުރުކީގައި ހަރަކާތްތެރިވެ ސިއްހީ ގޮތުންވެސް އެހީތައް ފޯރުކޮށްދެމުންނެވެ. ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 28000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.