English Edition
Dhivehi Edition
އިޔާޒުގެ ކެމްޕޭން ހަފުލާގައި މިނިސްޓަރ މޫސާ ޒަމީރު ވާހަކަފުޅު ދައްކަވަނީ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ސަރުކާރުން ހޮވަން ބޭނުންވާ ކެންޑިޑޭޓަކީ އިޔާޒު ޖާދު ﷲ ނަސީމު ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތް ކެންޑިޑޭޓަކީވެސް އިޔާޒު ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ހުކުރުދުވަހުގެ ރޭ މީދޫއަށް ޒިޔާރަތް ކުރައްވައި އިޔާޒުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ދާއިރާގެ ތަރައްގީއަށްޓަކަައި ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި މި ގޮނޑިއަށް އިޔާޒު ހޮވުން ވަރަށް މުހިންމު ކަމުގައެވެ. މި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތައުލީމީ އެންމެ ގާބިލް ކެންޑިޑޭޓަކީ އިޔާޒު ކަމަށާއި މީދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރުން ގެންގުޅޭ ވިސްނުން ހަގީގަތަކަށް ހެދުމާއެކު ދާއިރާގެ ދުވެލި ހަލުވި ކުރެވޭނީ އިޔާޒު ހޮވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

“ވަރަށް ސާފުކޮށް އެންމެނަށްވެސް އެނގެން ޖެހޭ ހަގީގަތެއް މިދާއިރާގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަކީ ކާކުކަން. އެ މީހަކީ އިޔާޒު ޖާދު ﷲ ނަސީމް. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ އިޔާޒަށް. އެހެންވީމާ އަޅުގަނޑު މި ދާއިރާއަށް އައިސް އިޔާޒު ހޮއްވަވައިދެއްވުމަށް ތިޔަ ބޭފުޅުންގެ އަރިހުން މިއެދެނީ” މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދޭ ބަޔަކު މަޖިލީހަށް ހޮވައިގެން ސަރުކާރަށް ދަތިތައް ކުރިމަތިކުރީމާ ރައީސްގެ ވައުދުފުޅުތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑެތި ހުރަސްތައް އެޅޭނެ ކަމުގައެވެ. ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކައި މި ދާއިރާގެ ރައްޔިތުންނަށް އޮތްކަމަކީ މިފަހަރުގެ އިންތިޚާބުގައި މި ގޮނޑިއަށް އިޔާޒު ހޮއްވަވައި ދެއްވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިޔާޒުގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް މިނިސްޓަރ ޒަމީރު މީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގާއި އެމްޓީޑީސީގެ އެމްޑީ އަހުމަދު ނިޔާޒުވެސް ބައިވެރިވެވަޑައިގަތެވެ. މިނިސްޓަރުގެ ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ހުކުރުދުވަހުގެ ރޭ މީދޫ ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. އަދި މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ހަފުލާގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މި ހަފުލާ ނިންމައިލީ ޚާއްސަ ތަރާވީސް ދަމަކުންނެވެ.