މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިޔަށްދާއިރު ހުރިހާ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ކޮމާންޑަރ އަބްދުﷲ ޝަރީފް އެދިލައްވައިފިއެވެ.
އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ބޭއްވި ބައްދަލުވުމުގައި ޝަރީފްު ރައްޔިތުންގެ ކިބައިން އެދިލެއްވީ ވޯޓުލުން ކުރިޔަށްދާއިރު މަގުމަތީގައި ޓްރެފިކްގެ ބޮޑުވާނެ ތީވެ ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރު ފުލުހުންނަށް އެއްބާރުލުންދިނުމަށެވެ.
މަޖިލިސް އިންތިޚާބުގައި ބޮޑީވޯން ކެމެރާއިން މަންޒަރުތައް ވަގުތުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަނީ ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް އެތަނަކަށްގޮސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެތީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަނީ ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް އެތަނަކަށްގޮސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެތީ ކަމަށެވެ. އަދި ވޯޓުލުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ހިންގާ ނަމަވެސް އެކަންތައްތަކަށް އެޓެންޑުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އާންމު ރައްޔިތުންވެސް އަޅުގަނޑު އެދެނީ ފުލުހުން ހަރަކާތްތެރިވަމުންދާއިރު ފުލުހުން އެދޭ ގޮތަކަށް ނޫނީ އެ ތަރުތީބުކުރާ ގޮތަކަށް ކަންތައްތައް ބަހައްޓައިދިނުމަށް. އަދި ޕާކިންގ ކަންތައްތައް އެގޮތަށް ކުރިޔަށް ގެންގޮސް ދިނުމަށް.”، ޝަރީފް ވިދާޅުވިއެވެ.
ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ގޮތުން ހެވީލޯޑް ވެހިކަލްތައް މާދަމާ ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
އަތޮޅުތެރެއާއި ރާއްޖެއިން ބޭރު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން އިންތިހާބާއި ގުޅިގެން ރަށްރަށަށް ފޮނުވިފައިވާ ކަމަށާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން ސެކިއުރިޓީ ކަންތައް ބެލެހެއްޓުމަށްޓަކައި 322 ފުލުހުން ފޮނުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާލޭގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި 266 ފުލުހުން އިތުރު ކުރެވުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ.