އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ނަވާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ރާސްބެރީ ވެނީލާ ސޮޑާ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1/4 ޖޯޑު ފެން
1/4 ޖޯޑު ހަކުރު
1 ޖޯޑު ފްރެޝް ރާސްބެރީ
1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
1 މޭޒުމަތީސަމުސާ ވެނީލާ އެކްސްޓްރެކްޓް
ސޮޑާ ވޯޓަރ ނުވަތަ ސްޕްރައިޓް
އައިސް ކިއުބް
ތައްޔާރުކުރާނެގޮތް :
ތަވައަށް ހަކުރު، ފެން އަދި ރާސްބެރީ އަޅާފައި 5 މިނެޓް ވަންދެން ކައްކާށެވެ. މިގޮތަށް ކައްކާނީ ހަކުރުވިރި ރާސްބެެރީ ވެސް މަޑުވަންދެން އެވެ. ކެކުނީމަ އުންދުން މަތިން ތަވާ ބާލާފައި އަނެއްކާ 5 މިނެޓް ވަންދެން ބަހައްޓާށެވެ.
ދެން ހިހޫވީމަ ފުރާންޏަކުން ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް ފުރާނާލާށެވެ. އަދި ލުނބޯ ހުތާއި ވެނީލާ އެސެންސް ވެސް އަޅާފައި ފްރިޖްގައި ފިނިކުރަން ބަހައްޓާށެވެ.
ބިއްލޫރި ތަށި ނަގާފައި އަައިސްކިއުބް އެޅުމަށްފަހު ތައްޔާރު ކުރި ރާސްބެރީ ސިރަޕް އިން 2 ސަމުސާ އަޅާފައި ސޮޑާ ވޯޓާ ނުވަތަ ސްޕްރައިޓް އަޅާފައި ސާރވް ކުރާށެވެ.