English Edition
Dhivehi Edition
ރައީސް އޮފީސް

ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްޞީލު މަޢުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު މިގޮތަށް ނިންމެވީ ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަ ރެކޯޑުތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. އަދި އޭރު އެ ބޭފުޅުން ޚިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލާފައިވުމާއެކު، މަޢުލޫމާތު އެއްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި ރައީސްގެ ނިންމެވުމާއެކު އެކަމަށް ވެސް ޙައްލެއް ލިބޭނެ ކަމަށެވެ.

ސާޅީސް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާއެކު، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، ނަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ އަހަރު ވަނީ 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް އިނާމު އަރުވާފައެވެ.

ރައީސް އޮފީހުން ބުނީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ގިނަވުމުގެ ސަބަބުން، އެ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް މިއަހަރު އިނާމު އެރުވުމަށް ނިންމެވިނަމަވެސް، 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ރެކޯޑާއި މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވާފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.