English Edition
Dhivehi Edition
މާލެ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްގެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކޮލަމާފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިނަށް ހުރަސް އެޅާފައިވާކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައި ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް ހޮނިހިރު ދުވަހު އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓުގެ ބެނަރތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، އެ ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

“މިކަން މިގޮތަށް ހިނގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފު އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށް ވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވޭ,” ކަމަށް އެމްޑީޕީން ބުންޏެވެ.

ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުންނަވާ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ވެސް ހުންނަވާ، ޑެޕިއުޓީ މޭޔަރުގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ އެ އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އިދިކޮޅު އެމްޑީޕީން ބުންޏެވެ.

އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ އެ އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިނުގަނެ، ސުލްހަވެރި ކެޕްމެއިނެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ޚާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.